ރާއްޖެ އިން ބޭރުގައި ފައިސާ ނެގޭ އަދަދު ބީއެމްއެލުން އިތުރުކޮށް ފަސޭހަ ބަދަލުތަކެއް ގެނެސްދީފި
ރާއްޖެ އިން ބޭރުގައި ފައިސާ ނެގޭ އަދަދު ބީއެމްއެލުން އިތުރުކޮށް ފަސޭހަ ބަދަލުތަކެއް ގެނެސްދީފި

ކޮވިޑް-19 ގެ ސަބަބުން ރާއްޖެ އިން ބޭރުގައި ދަތިތަކާ ދިމާވެފައިވާ ދިވެހިންނަށް އޭޓީއެމުން ފައިސާ ނެގޭ އަދަދު އިތުރުކޮށް، ދިވެހި ފައިސާ ފޮނުވޭ ގޮތް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހަމަޖައްސައިދީފި އެވެ.

ގައުމީ ބޭންކުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ރާއްޖެ އިން ބޭރުގައި އުޅޭ މީހުންނަށް ދޫކޮށްފައިވާ ޑެބިޓް ކާޑު ބޭނުންކޮށްގެން ދުވާލެއްގެ މައްޗަށް އޭޓީއެމުން ނެގޭ އަދަދު 1،000 ޑޮލަރާ ހަމައަށް އިތުރުކޮށްފައިވާ ކަމަށެވެ. ކުރިން ހަމަޖައްސާފައިވާ ގޮތުން އޭޓީއެމް މެދުވެރިކޮށް ދުވާލަކު ނެގެނީ ގާތްގަނޑަކަށް 400 ޑޮލަރެވެ.

އެކަންކަމުގެ އިތުރުން ރާއްޖެ އިން ބޭރުގައި އޭޓީއެމްތަކުން ފައިސާ ނަގާއިރު، ބޭންކުން ނަގާ ފީ ވަނީ 15ރ. އަށް ކުޑަކޮށްފަ އެވެ. އެއީ ކާޑު ނެޓްވޯކުތަކަށް ދައްކާ ފީ އެވެ. ކުރިއެކޭ އެއްގޮތަށް ކަސްޓަމަރުންނަށް ޕީއޯއެސް މެދުވެރިކޮށް ދުވާލަކު 600 ޑޮލަރުގެ ވިޔަފާރި ކުރެވޭނެ އެވެ.

ބީއެމްއެލް މެދުވެރިކޮށް ރާއްޖެ އިން ބޭރަށް ފައިސާ ފޮނުވުމުގައި ވެސް މިހާރު ވަނީ ބަދަލުތަކެއް ގެނެސްފަ އެވެ. ކޮންމެ ކަސްޓަމަރަކަށް ވެސް މަހެއްގެ މައްޗަށް 500 ޑޮލަރާ ހަމައަށް ފައިސާ ފޮނުވުމުގައި ދިވެހި ރުފިޔާ އެކައުންޓުން ފައިސާ ފޮނުވޭނެ ގޮތް މި ވަނީ ހަމަޖައްސައިފަ އެވެ. އެގޮތަށް ފައިސާ ފޮނުވާއިރު ބޭންކުން އެއްވެސް ފީއެއް ނުނަގާނެ އެވެ. ކަސްޓަމަރުން ދައްކަން ޖެހޭނީ ހަމައެކަނި ފޮރިން ބޭންކް ޗާޖެވެ.

"ބީއެމްއެލް މޮބައިލް ޕޭ މެދުވެރިކޮށް ރާއްޖެއިން ބޭރަށް ފައިސާ ފޮނުވާ ކަސްޓަމަރުންނަށް ވެސް ދިވެހި ފައިސާގެ ޑިޖިޓަލް ބޭނުންކޮށްގެން 500 ޑޮލަރާ ހަމައަށް ފައިސާ ފޮނުވޭނެ އެވެ. މި ހިދުމަތް ލިބިގެންދާނީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ކަނޑައަޅުއްވާފައިވާ އުސޫލުތަކާ އެއްގޮތަށް ރާއްޖެއިން ބޭރުގައި ހުންނަ އެމްބަސީތަކުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ،" ބީއެމްއެލްގެ ބަޔާނުގައި ބުންޏެވެ.

އެ ގެނައި ބަދަލުތަކުގެ ދަށުން އަންނަ މަހުގެ ނިޔަލަށް ކަސްޓަމަރުންނަށް ފުރުސަތު ލިބެ އެވެ. ކޮވިޑް-19 ގައި ބަދަލުވަމުން އަންނަ ހާލަތަށް ބަލައި އަމިއްލަ މީހުންނާއި ވިޔަފާރިތަކަށް ދިމާވެފައިވާ ދަތިތަކަށް އަރައިގަނެވޭނެ އެހީތައް ބަލަމުން އަންނަ ކަމަށް ބޭންކުން ބުންޏެވެ.