ކޮވިޑް-19: ފްރާންސްގެ މަނަވަރެއްގެ ގިނަ ބަޔަކު ޕޮޒިޓިވްވެއްޖެ
ކޮވިޑް-19: ފްރާންސްގެ މަނަވަރެއްގެ ގިނަ ބަޔަކު ޕޮޒިޓިވްވެއްޖެ

ޕެރިސް (އެޕްރީލް 16) - ފްރާންސްގެ މަތިންދާ ބޯޓު އުފުލާ މަނަވަރު ޗާލެ ޑެ ގައުލްގައި ތިބި ދެހާހެއްހާ ފަޅުވެރިންގެ ތެރޭން ގާތްގަނޑަކަށް ތިންބައިކުޅަ އެއްބައި މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެއްޖެ އެވެ.

މަތިންދާ ބޯޓު އުފުލާ މަނަވަރު ފްރާންސްގެ ޓޫލޮން ބަނދަރަށް ދިޔައީ އެޓްލާންޓިކްގައި ބޭއްވި ތަމްރީނުތަކަކަށް ފަހު އެވެ. އެ މަނަވަރުން ބަލިވި 20 ފަޅުވެރިއަކު ތިބީ ހޮސްޕިޓަލްގަ އެވެ. އޭގެ ތެރޭން އެކަކަށް ފަރުވާ ދެނީ އައިސީޔޫގަ އެވެ.

މަނަވަރުން މިހާތަނަށް 668 މީހުން ޕޮޒިޓިވްވި ނަމަވެސް އަދިވެސް އިތުރު މީހުން ޕޮޒިޓިވްވާނެ ކަމަށް ބެލެވެ އެވެ. ހުރިހާ ފަޅުވެރިން ވެސް ޓެސްޓްކުރި އިރު 30 ޕަސެންޓް މީހުންގެ ނަތީޖާ އަދި ނުލިބެ އެވެ. ފްރާންސްގެ ކަނޑުގެ ސިފައިން މިހާރު އަންނަނީ މަނަވަރުން އެހާ ގިނަ ބަޔަކު ޕޮޒިޓިވްވީ ކީއްވެތޯ ބަލަމުންނެވެ.

މަނަވަރު މިހާރު ވަނީ ކަރަންޓީންކޮށްފަ އެވެ.

ފްރާންސް އިން މިހާތަނަށް ވަނީ ކޮރޯނާވައިރަހުގައި 17،167 މީހުން މަރުވެފަ އެވެ. އޭގެ ތެރޭން 10،643 މީހުން މަރުވީ ހޮސްޕިޓަލްގަ އެވެ. ފްރާންސްގެ ހެލްތު އޮފިޝަލުން ބުނީ 6،457 މީހުންނަށް އައިސީޔޫގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.