ކޮވިޑް-19: މާލެ އިން އަށް ވަނަ މީހަކު ޕޮޒިޓިވްވެއްޖެ
ކޮވިޑް-19: މާލެ އިން އަށް ވަނަ މީހަކު ޕޮޒިޓިވްވެއްޖެ

މާލެ އިން އަށް ވަނަ ދިވެއްސަކު ކޮރޯނާވައިރަހަށް ޕޮޒިޓިވް ވެއްޖެ ކަމަށް އެޗްޕީއޭ އިން ދެންމެ ބުނެފި. މިއީ މިދިޔަ 14 ވަރަކަށް ގަޑިއިރުގެ ތެރޭގައި މާލެ އިން އެ ވައިރަހަށް ޕޮޒިޓިވްވި ފަސް ވަނަ މީހާ. ރޭ ދަންވަރު ދެ މީހުން އަދި މިއަދުގެ މިހާތަނަށް ތިން މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށް އެޗްޕީއޭ އިން ބުނެފައިވޭ. ރާއްޖެ އިން މިހާތަނަށް ކޮރޯނާވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަަދަދު މިހާރު ވަނީ 28 އަށް އަރާފައި. އޭގެ ތެރޭގައި މާލެ އިން ފެނުނު އަށް މީހަކާއި ރާއްޖެ އިން ބޭރުން އައި ފަސް ދިވެއްސަކު ހިމެނޭ.

އަދިވެސް ގިނަ ބަޔަކަށް ޑެލިވަރީ ފޯރުކޮށްދެވިފައި ނުވާތީ ޑެލިވަރީގެ މުއްދަތު އިތުރަށް ދިނުމަށް ފުލުހުން ނިންމައިފި. ފުލުހުން ދެންމެ ބުނީ ހޯލްސޭލް އަދި ރީޓެއިލް ކުރާ ފަރާތްތަކަށް 24 ގަޑިއިރު ޑެލިވަރީގެ ޚިދުމަތް މިހާރު ދެވޭނެ ކަމަށް. އެކަމަކު، ކެފޭ/ރެސްޓޯރަންޓުތަކުން ޑެލިވަރީ ކުރެވޭނީ ކޮންމެ ދުވަހެއްގެ ވެސް ރޭގަނޑު 8 ން 11 އަށް ކަމަށް ފުލުހުން ބުނޭ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގެ މީޑިއާ ބްރީފިންތައް އޮންލައިންކޮށް ކުރިއަށް ގެންދަން ނިންމައިފި. މީޑިއާތަކުގެ އެދުމުގެ މަތިން އެ ސެންޓަރުން އެކަން ނިންމައި މިއަދު 3:30 ގެ ބްރީފިން އޮންލައިންކޮށް ބާއްވާނެ އަންނަނީ މަސައްކަތް ކުރަމުން.

ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރުގެ މި ނިންމެވުމާ އެކު، އަންނަ މޭ މަހުގެ 1 އާ ހަމައަށް މާލެ، ހުޅުމާލެ، ވިލިމާލެ އޮންނާނީ ލޮކްޑއުންގައި. އަދި ތިލަފުއްޓާއި ގުޅިފަޅަށް މީހުން އަރައިފޭބުން އެ މުއްދަތާ ހަމައަށް މަނާވާނެ.

ލޮކްޑައުންގެ މުއްދަތު އިތުރު 14 ދުވަހަށް އެޗްޕީއޭ އިން ދަންމައިފި.

މިހާތަނަށް މާލެ އިން ކޮރޯނާވައިރަހަށް ހަތް މީހަކު ޕޮޒިޓިވް ވެފައިވާއިރު މިދިޔަ 11 ގަޑިއިރުގެ ތެރޭގައި މި ބައްޔަށް މާލެ އިން މި ވަނީ ހަތަރު މީހަކު ޕޮޒިޓިވް ވެފައި. އެއީ ރޭ ދަންވަރު ދޭއް، އަދި ރާއްޖެ އިން މިހާތަނަށް މި ވަނީ 27 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައި. އޭގެ ތެރެއިން މާލެ އިން ހަތެއް އަދި ރާއްޖެ އިން ބޭރުން އައި ފަސް މީހަކު ޕޮޒިޓިވްވި. ރާއްޖެ އިން ޕޮޒިޓިވްވި މީހުންގެ ތެރެއިން 15 މީހުންނަކީ ބިދޭސީން/ޓޫރިސްޓުން.

މާލެ އިން އިތުރު މީހަކު އަނެއްކާވެސް ކޮރޯނާވައިރަހަށް މިއަދު ޕޮޒިޓިވްވެއްޖެ. ނަމަވެސް މި ފަހަރު ޕޮޒިޓިވްވި ކޭސް 27އާ މާލެ އިން މިހާތަނަށް މި ބަލި ފެނުނު ހަ މީހުންނާ ކޮންޓެކްޓެއް އޮތް ކަމަކަށް އެޗްޕީއޭގެ ޓުވީޓްގައި ބުނެފައެއް ނެތް.

ރޭ ދަންވަރު ވެސް މާލެ އިން ދެ މީހަކު ކޮރޯނާވައިރަހަށް ޕޮޒިޓިވް ވެފައިވާ ކަމަށް އެޗްޕީއޭ އިން އިއުލާން ކޮށްފައިވޭ. އެއީ ވެސް ކޭސް 23 އާ ޑައިރެކްޓް ކޮންޓެކްޓް ވެފައިވާ ދެ ދިވެހިން ކަމަށް އެ އިދާރާ އިން ބުނެފައިވޭ. އެހެންކަމުން ކޭސް 23 ނުވަތަ މާލެ އިން ފުރަތަމަ ޕޮޒިޓިވްވި އަންހެން މީހާގެ ޑައިރެކްޓް ކޮންޓެކްޓަކާ ދިމާވެފައިވާ ތިން މީހަކު މި ވަނީ މިހާތަނަށް ޕޮޒިޓިވް ވެފައި.

މާލެތެރެއިން ކޮރޯނާވައިރަސް ޖެހިފައިވާ ހަ މީހަކު ފެނިފައިވާއިރު، އެންމެ ފުރަތަމަ މީހާއާ ހިސާބަށް އެ ވައިރަސް އައި ގޮތެއް އަދި ހޯދިފައެއް ނުވޭ. އެ މީހާއާ 207 މީހަކު ކޮންޓެކްޓް ވެފައިވާތީ، އެއީ ވައިރަސް އެރި ގޮތެއް ބެލުމުގައި ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުން ކަމަށް ސިއްހީ ދާއިރާގެ އޮފިޝަލުން ވިދާޅުވޭ. މާލެ ލޮކްޑައުން ކޮށްފައި އޮންނަތާ 48 ގަޑިއިރު ވާއިރު، ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްތަކަށް އެޗްޕީއޭ އިން ވަނީ މާލެ އާއި ހުޅުމާލޭގެ އިތުރުން ބައެއް ރަށްރަށުގެ ބައެއް ގެތައް މި ވަގުތަށް ބަންދުކޮށްފައި.

ރާއްޖެ އިން މިހާތަނަށް މިވަނީ 26 މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވް ވެފައި. އެއީ މާލެ އިން ހަ ދިވެހިންނާއި ރާއްޖެ އިން ބޭރުން އައި ފަސް ދިވެހިންގެ އިތުރުން 15 ޓޫރިސްޓުން/ބިދޭސީން.

މާލެ އިން ހަ ވަނަ މީހަކު ކޮރޯނާވައިރަހަށް ޕޮޒިޓިވް ވެއްޖެ ކަމަށް އެެޗްޕީއޭ އިން ދެންމެ ބުނެފި. މިއީ ކޭސް 23 އާ ޑައިރެކްޓް ކޮންޓެކްޓް ވެފައިވާ މީހެއް ކަމަށް އެ އިދާރާ އިން ބުނޭ. އެޗްޕީއޭ އިން ބުނެފައިވާ ގޮތުގައި މާލެއިން ކޮވިޑް-19 އަށް ކުރިން ޕޮޒިޓިވްވި ތިން ކޭހުގެ ތެރެއިން ކޭސް 21 އަކީ ފުރަތަމަ ޕޮޒިޓިވް ވި އަންހެން މީހާ. ކޭސް 22 އަކީ އޭނާގެ ތުއްތު ދަރިފުޅު. ކޭސް 23 އަކީ ތިން ވަނައަށް ޕޮޒިޓިވްވި އަންހެންމީހާ. ކޭސް 23 ގައި ހިމެނޭ އަންހެން މީހާ އަކީ ވެސް މާލެ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި ފުރަތަމަ އަންހެން މީހާގެ ޑައިރެކްޓް ކޮންޓެކްޓެއް.

އިއްޔެ ހަވީރު ބޭއްވި މީޑިއާ ބްރީފިންގައި އެޗްޕީއޭގެ ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ، މާލެ އިން ފުރަތަމަ ކޮރޯނާވައިރަހަށް ޕޮޒިޓިވްވި މީހާއާ ހަމައަށް ކޮރޯނާ ވައިރަސް އައީ ކާކުގެ ފަރާތުންކަން ދެނެގަތުން (އިންޑެކްސް ކޭސް) ހޯދުން ވަރަށް ބޮޑަށް އުނދަގޫވެފައިވާ ކަމަށް. ސަބަބެއް ކަމަށް އޭނާ ވިދާޅުވީ، މި ކޭސްގައި ޕޮޒިޓިވްވި މީހުންނާ ކޮންޓެކްޓްވި މީހުން ގިނަކަމުން. މާލެ އިން ފުރަތަމަ ޕޮޒިޓިވްވި މީހާ، ޕޮޒިޓިވް ވުމުގެ ކުރިން ފަސް ދުވަސް ތެރޭގައި 200 މީހުންނާ ކޮންޓެކްޓް ވެފައިވާ ކަމަށް ޑރ. އަފްޒަލް ވިދާޅުވެފައި ވޭ. މާލެއިން މީހަކު ފުރަތަމަ ޕޮޒިޓިވްވި ކޭސްތަކުގެ ކޮންޓެކްޓްތައް އެޗްޕީއޭ އިން ކުރިން ލަފާކުރި ވަރަށް ވުރެ މާ ގިނަ ކަމަށް އޭނާ ވިދާޅުވޭ.

މާލެއިން މިހާތަނަށް ވަނީ ފަސް މީހުން ޕޮޒިޓިވްވެފައި. އަދި ރާއްޖެ އިން ވަނީ 25 މީހުން ޕޮޒިޓިވްވެފައި. މީގެ ތެރޭގައި ހިމެނެނީ 10 ދިވެހިން. މާލެ އިން ފެނުނު ފަސް ދިވެހިން ފިޔަވައި ދެން ޕޮޒިޓިވްވީ ރާއްޖެ އިން ބޭރުން އައިސް ކަރަންޓީން ފެސިލިޓީގައި ތިއްބައި ބަލި ފެނުނު ފަސް ދިވެހިން. އޭގެ ތެރެއިން ހަތަރު މީހުން އައީ އިނގިރޭސި ވިލާތުން. ފަސް ވަނަ މީހަކީ ފިލިޕިންސުން އައި ދަރިވަރެއް.

މާލޭން ކޮވިޑް-19 އަށް ފުރަތަމަ ޕޮޒިޓިވްވި މީހާއާ ޑައިރެކްޓް ކޮންޓެކްޓްވި އިތުރު ދެ މީހަކު ކުރިން ވަނީ އެ ބައްޔަށް ޕޮޒިޓިވްވެފައި. އޭގެ ތެރޭގައި ހިމެނެނީ ފުރަތަމަ ޕޮޒިޓިވި މީހާގެ ތުއްތު ދަރިފުޅާއި އިތުރު އަންހެނެއް. ކޭސް 23 އަކީ މި އަންހެން މީހާ.

އެޗްޕީއޭ އިން ދަންވަރު ކުރި ޓްވީޓެއްގައި ބުނީ މިރޭ ޕޮޒިޓިވްވި ދެ މީހުންނަކީ ކޭސް 23 އާ ޑައިރެކްޓް ކޮންޓެކްޓްވި މީހުން ކަމަށް. ކޭސް 23 އަކީ މާލެ އިން ރޭ ދަންވަރު ޕޮޒިޓިވްވި މީހާގެ ކޭސް. އެހެންކަމުން މިދިޔަ ބުދަ ދުވަހު މާލެ އިން ކޮރޯނާވައިރަހަށް ޕޮޒިޓިވްވި މީހާގެ ކޭސްއާ ގުޅިގެން މި ވަނީ އިތުރު ހަތަރު މީހެއްހެ ހަށިގަނޑުން ކޮރޯނާވައިރަސް ފެނިފައި. އެޗްޕީއޭ އިން ބުނެފައިވާ ގޮތުގައި މާލެއިން ކޮވިޑް-19 އަށް ކުރިން ޕޮޒިޓިވްވި ތިން ކޭހުގެ ތެރެއިން ކޭސް 21 އަކީ ފުރަތަމަ ޕޮޒިޓިވް ވި އަންހެން މީހާ. ކޭސް 22 އަކީ އޭނާގެ ތުއްތު ދަރިފުޅު. ކޭސް 23 އަކީ ތިން ވަނައަށް ޕޮޒިޓިވްވި އަންހެންމީހާ.

މާލެ އިން އިތުރު ދެ ދިވެއްސަކު ކޮރޯނާވައިރަހަށް ޕޮޒިޓިވްވެއްޖެ ކަމަށް އެޗްޕީއޭ އިން ދެންމެ ހާމަކޮށްފި.

މި ހުކުރު ދުވަހު ހަވީރު 6:00 އިން ފެށިގެން އަމަލުކުރުމަށް އަމުރުކުރެއްވި ކަންކަމުގެ ތެރޭގައި މާލެ އާއި ސަފާރީތަކުންނާއި ރިސޯޓްތަކުން ރަށްރަށަށް ގޮސް ތިބި މީޙުންގެ ކިބައިބް ކޮވިޑް-19 އަށް ޝައްކުވާ އެއްވެސް އަލާމާތެއް ފެނިއްޖެ ނަމަ އެޗްޕީއޭ އަށް އަވަހަށް އެންގުމާއި ރައްޔިތުންނަށް ބޭނުންވާ ޒަރޫރީތަކެތި ފޯރުކޮށްދިނުމުގައި ކައުންސިލާއި ކަމާބެހޭ އިދާރާތައް ގުޅިގެން މަސައްކަތްކުރުން ވެސް ހިމެނޭ

ޒަރޫރީ ބޭނުންތަކުގައި ނޫނީ ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް ދަތުރު ނުކުރުމަށާއި ގޭގައި ނޫނީ އެހެން ތަންތަނުގައި ގިނަ މީހުން އެއްވެ ނޫޅުމަށާއި ދަތުރު ދިނުމާއި ކުޅިވަރުތަކާއި އިޖުތިމާއި މިފަދަ އެއްވުންތައް ހުއްޓާލުމަށާ، މާލެ ސަަރަހައްދު ފިޔަވައި ރާއްޖޭގެ އެހެން ރަށްތަކަށް ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު އަމުރު ކުރައްވައިފި

ފުލުހުން ބުނީ މިއީ މިހާރު ނަގާފައިވާ އޯޑަރުތަކަށް މުދާ ޑެލިވަރީކޮށް ނިންމުމަށް، މިރޭ 11:00 ގެ ފަހުން ފިހާރަތައް ހުޅުވައިގެން މަސައްކަތްކުރަން ދިން ފުރުސަތެއް ކަމަށް. މި ދިން ވަގުތުގެ ފަހުން އަނެއްކާ ވެސް ޑެލިވަރީގެ ހިދުމަތް ދެވޭނީ ކަނޑައަޅާފައިވާ ގަޑިތަކުގައި ކަމަށް ބުނި

ފިހާރަތަކުން ގަންނަ ތަކެތި ޑެލިވަރީކޮށްދިނުމުގެ ހުއްދަ މާދަމާ ހެނދުނު 10:00 އާ ހަމަ އަށް ފުލުހުން ދީފި

ކޮވިޑް-19ގެ ހާލަތާ ބެހޭ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސްއާ މަޝްވަރާކުރައްވައިފި

މިދިޔަ 14 ދުވަސް ތެރޭ ކުޅުދުއްފުއްޓަށް ގޮސް އެ ރަށުގައި ތިބި މީހުން 14 ދުވަހު ގޭގައި މަޑުކުރުމަށް އެ ރަށު ކައުންސިލުން އަންގައިފި. އުތުރުގެ ބައެއް އެހެން ރަށްރަށުގައި ވެސް މިފަދަ އެންގުންތައް ވަނީ އަންގާފައި

ދޮޅުގަޑި އިރަށް ފަހު އެންއީއޯސީގެ ޕްރެސް ކޮންފަރެންސް ނިންމާލައިފި

ޕޮޒިޓިވްވި މީހާގެ ފިރިމީހާ ނެގެޓިވްވީ ޕީސީއާރް ޓެސްޓުން. އެހެން ނަމަވެސް އޭނާގެ އެންޓި-ބޮޑީ ޓެސްޓެއް ހަދާނެ. އޭރުން އެނގޭނެ ކުރިން ބަލިޖެހިފައިވޭތޯ.

މިހާރު އައިޑެންޓިފައި ކުރެވިފައި ވަނީ ޕޮޒިޓިވްވި މީހާއާ ފާއިތުވި ފަސް ދުވަހު ކޮންޓެކްޓްވި މީހުން

ޑރ. އަފްސަލް: އިންޑެކްސް ކޭސް ނުފެނިއްޖެ ނަމަ އެއީ ޓްރޫ ކޮމިއުނިޓީ ސްޕްރެޑްގެ ޕިކްޗާއެއް އައިސްފައި. އެ ހާލަތުގައި ދިރިއުޅުމުގެ ވައްޓަފާޅި އަށް ބަދަލުތައް އަންނާނެ.

އަފްސަލް: އިންޑެކްސް ކޭސް އަށް ވެދާނެ ކަމަށް ބެލެވޭ އެކަކު ވެސް އަދި އައިޑެންޓިފައި ކުރެވިފައެއް ނުވޭ. ކޮންޓެކްޓް ޓްރޭސިން ނިމުނީމާ ލޮކްޑައުން ނިމުމަކަށް ގެންނާނީތޯ ނިންމާނީ ޓެގް ގްރޫޕުން.

ކޮންޓެކްޓް ޓްރޭސިންނަށް ގުޅާ ފަރާތްތަކުން ސައްހަ މައުލޫމާތު ދިނުމަށް ޑޮކްޓަރު އެދިވަޑައިގެންފި

މި ވަގުތު ހުރީ 4220 ޕީސީއާރް ކިޓް. ނަމަވެސް ޗައިނާ އިން އިތުރު ކިޓް ވަރަށް އަވަހަށް ލިބޭނެ

ޑރ. އަފްސަލް: ފުރަތަމަ ކޭސް ފެނުމުގެ އެއް ދުވަސް ކުރިން އޮތީ މުޅި ރާއްޖޭގައި ބަލި އޮތްތޯ ބެލުމަށް އެކްޓިވް ސާވޭލަންސް ފަށަން ތައްޔާރުވެފައި

ޕޮޒިޓިވްވި މީހާ އަށް ބަލި ޖެހުނީ ކާކުގެ ފަރާތުންތޯ ހޯދުމުގެ މަސައްކަތް ކުރަމުން މިދަނީ. ނަމަވެސް އެކަމުގައި ވަނީ ދަތިތަކެއް ދިމާވެފައި.

މިހާ ގިނަ އަދަދެއްގެ މީހުންނާ ކޮންޓެކްޓްވުމަކީ ޑޮކްޓަރުންނާއި ސިއްހީ އޮފިޝަލުން ދިން އިރުޝާދަށް ތަބާވެފައި ނެތްކަން

މިހާތަނަށް ވަނީ 207 ކޮންޓެކްޓް ފާހަގަ ކުރެވިފައި.

އައިޖީއެމްއެޗްގެ ޑޮކްޓަރު އަފްސަލް: ކޭސްއެއް މާލޭން ފެނުނު ނަމަވެސް ފެންނަމުން މިދަނީ ހީކުރި ވަރަށް ވުރެ ކޮންޓެކްޓްސް އިތުރުވެގެންދާ ތަން.

މިކަންކަމުގައި ބައިވެރިވި މީހުން ބަލީގެ އަލާމާތެއް ހުއްޓަސް، ނެތަސް އެޗްޕީއޭއާ ގުޅުމަށް މަބްރޫކް އެދިވަޑައިގެންނެވި

ޕޮޒިޓިވްވި މީހާއާ ކޮންޓެކްޓްވި މީހުން ވަނީ ޕާޓީ ބާއްވައި، މަސް ދަތުރު ގޮސް، ބުރު ޖަހަން ގޮސްފައި ވަނީ އަދި ގޭގެ އަށް ވެސް ވަނީ ޒިޔާރަތްކޮށްފައި.

ހައި ރިސްކް އަދި މީޑިއަމް ރިސްކް ކޮންޓެކްޓްތައް ކަރަންޓީން ފެސިލިޓީތަކަށް ބަދަލު ކުރެވޭނެ.

މާލެ އިން ޕޮޒިޓިވްވި މީހާއާ ހައިރިސްކް ކޮންޓެކްޓުގެ ގޮތުގައި 75 މީހަކު ވަނީ ހޯދިފައި

ކަރަންޓީނުގައި ތިބި މީހުންގެ ތެރޭން މިއަދުގެ ވަގުތެއްގައި 69 މީހުން ދޫކޮށްލާނެ. އެއީ އެރިޔަދޫ، ރޯޔަލް އަދި ފަން އައިލެންޑުގައި ތިބި މީހުން.

މަބްރޫކް: މިހާނަށް 3442 މީހުންގެ ސާމްޕަލް ވަނީ ނަގާފައި

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ޕްރެސްއެއް ފަށައިފި

ލޮކްޑައުންގެ ފުރަތަމަ ދުވަހު މަގުމަތީގައި އުޅުނު މީހުންނަށް ދިނީ ނަސޭހަތް. އެއްވެސް މީހަކު ޖޫރިމަނާ ނުކުރާ ކަމަށް ފުލުހުން ބުނި. އެކަމަކު ކުރިއަށް އޮތް ތަނުގައި ޖޫރިމަނާ ކުރާނެ ކަމަށް ފުލުހުން ބުނި.

ޝިފާ ވިދާޅުވީ ޑެލިވަރީ ޚިދުމަތުގައި، ފާސް ނުލިބިގެން ދިމާވާ ދަތިތައް މިރޭ 8 ޖެހުމާ ހަމައަށް ހައްލުކޮށްދެވޭނެ ކަމަށް އުއްމީދުކުރާ ކަމަށް.

ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ބުނީ މުދާ ޑެލިވަރީ ކުރަން ބޭނުންވާ ގިނަ ފިހާރަތަކަށް މިހާރު ހުއްދަ ދޫކޮށްފަައިވާ ކަމަށް. މިއަދު އެކަނި ވެސް 180 އަށް ވުރެން ގިނަ ފިހާރަ އިން ހުއްދައަށް އެދިފައިވާ ކަމަށާއި އެ ފިހާރަތަކަށް ހުއްދަ ދޭނެ ކަމަށް. ޒަރޫރީ ބޭނުންތަކުގައި ދަތުރުކުރަން ޖެހޭ ޓެކްސީތަކަށް ވެސް ހުއްދަ ދޭނެ ކަމަށް ފުލުހުން ބުނި

ލޮކްޑައުންގެ މި ހާލަތުގައި ދިރިއުޅުމުގެ ކަންކަން ތަރުތީބުކޮށް އިގްތިސާދުކުރަން ޝިފާ އެދިވަޑައިގަތް. މާލެ ބަންދުކޮށްފައި އޮތުމަކީ ޚިދުމަތްތަކުގައި އުނދަގޫތަކަކާ ކުރިމަތިލާން ޖެހޭނެ ކަމެއް ކަން ފާހަގަކުރައްވައި ވިދާޅުވީ ޑެލިވަރީ ޚިދުމަތަށް ވެސް ރޭގަނޑު 12 ގެ ފަހުން ގުޅަމުން ދިޔަ ކަމަށާއި މިކަމުގައި ވެސް ވަކި ގަޑިތަކެއް ޚާއްސަކުރަން ޖެހޭ ކަމަށް ވިދާޅުވި.

އެކިއެކި ބޭނުންތަކުގައި ދަތުރުކުރަން ޖެހޭ އޮފިޝަލުންނަށް މާލެ އާއި ހުޅުމާލެ އަދި ވިލިމާލެއާ ދޭތެރޭގައި ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށް ޝިފާ ވިދާޅުވި

ލޮކްޑައުންގެ މުއްދަތު އިތުރު 24 ގަޑިއިރަށް ދެންމުމާ ގުޅިގެން ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާލޭގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވީ ލޮކްޑައުންގެ މުއްދަތުގައި ރައްޔިތުންގެ ބޮޑު އެއްބާރުލުމެއް ލިބިފައިވާ ކަމަށް. އާއްމުންނަށް ޑެލިވަރީ ޚިދުމަތް ލިބުމުގައި ދަތިތަކެއް ކުރިމަތިވި ނަމަވެސް މިހާރު އެ މައްސަލަ އަށް ހައްލެއް ވަނީ ހޯދިފައި. ކައުންސިލްގައި ރަޖިސްޓްރީކުރާ ކަންމަތީ ފިހާރަތައް ހުޅުވުމުގެ ހުއްދަދީފައިވާ ކަމަށާއި އެ ހުއްދައިގެ ފާސް ލިބޭނީ ޕޮލިހުންގެ ޓޯޔާޑުން ކަމަށް ޝިފާ ވިދާޅުވި.

މިއަދު 3:30 އަށް ތާވަލް ކޮށްފައި ވަނީ ފުލުހުންނާއި މާލޭ ސިޓީ ކައުންސިލްގެ މީޑިއާ ބްރީފިންއެއް.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގެ މީީޑިއާ ބްރީފިންއެއް މިއަދު ހަވީރު 3:30 އަށް ވަނީ ތާވަލް ކޮށްފައި.

މާލެ އިން އިން ކޮރޯނާވައިރަސް އަށް ޕޮޒިޓިވްވި ތިން މީހުންނާ އެކި ގޮތްގޮތުން ގުޅުން ހުރި، ޕްރައިމަރީ ކޮންޓެކްޓްސްގެ ގޮތުގައި މިހާތަނަށް 200 އަށް ވުރެ ގިނަ މީހުން ދެނެގަނެވިފައިވާ ކަމަށް ހެލްތު މިނިސްޓަރު އަމީން މިއަދު ވިދާޅުވި. މާލެ އިން ކޮރޯނާވައިރަހަށް ފުރަތަމަ ޕޮޒިޓިވްވި އަންހެންމީހާގެ ދެ ޑައިރެކްޓް ކޮންޓެކްޓަކު ވަނީ ޕޮޒިޓިވް ވެފައި. އެއީ އެ މީހާގެ ތުއްތު ދަރިފުޅާއި އެހެން އަންހެނެއް.

އެޗްޕީއޭ އިން ދެންމެ ކުރި ޓުވީޓެއްގައި ބުނީ މާލެ އިން އިއްޔެ ކޮރޯނާވައިރަހަށް ޕޮޒިޓިވްވި މީހާއާ ގުޅޭ ކޮންޓެކްޓް ޓްރޭސިން ހެދުމަށްޓަކައި މާލެ އާއި ހުޅުމާލޭގެ 11 ގެ އެއް ބަންދުކޮށްފައިވާ ކަމަށް. އެއީ ހުޅުމާލެ 11090 ފްލެޓާއި ހ. ރަތްކުރެދިގެ އާރު އާއި މ. ފީރޯޒްގެ (6 ބީ) އާއި މ. ލޯކަށިގެ (3 ސީ) މ. ސޯސަންމާގެ އާއި ހ. ފެނިގެއްލިދާގެ (ހަތް ވަނަ ފްލޯ) އާއި ހުޅުމާލެ ފްލެޓް 20-2-6 އާއި އަމީން އެވެނިއު ޓީކް (905) އާއި މ. ނާގޫށުވިލާ (ދެވަނަ ފްލޯ) އާއި ހުޅުމާލެ 11296 އާއި މއ. އޯކިޑް.

މާލެ އާއި ހުޅުމާލެ އާއި ވިލިމާލެ އާއި ތިލަފުށި އަދި ގުޅީފަޅުގެ ލޮކްޑައުންގެ މުއްދަތު އެޗްޕީއޭ އިން އިތުރު 24 ގަޑިއިރަށް ދެންމެ ދަންމައިފި އެވެ.

ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި ނެރުއްވި އެންގުމުގައި ވިދާޅުވީ، އިއްޔެ އިން ފެށިގެން ކުރިއަށް ގެންދާ ލޮކްޑައުންގެ މުއްދަތު 24 ގަޑިއިރަށް އިތުރު ކުރަން އޭނާ ނިންމަވާފައިވާ ކަމަށެވެ.

މާލެ އިން ކޮރޯނާވައިރަސް އަށް ފުރަތަމަ ފަހަރަށް މީހަކު ޕޮޒިޓިވްވުމާ ގުޅިގެން، ކޮންޓެކްޓް ޓްރޭސިން އާއި އެހެނިހެން ފިޔަވަޅުތައް އެޅުމަށް މާލެ ސަރަހައްދާއި ތިލަފުއްޓާއި ގުޅީފަޅު ފުރަތަމަ ލޮކްޑައުން ކުރީ އިއްޔެގެ މެންދުރު 2:30 ން 24 ގަޑިއިރަށެވެ. އަދި އެ ނިންމުން އިތުރު 24 ގަޑިއިރަށް ދެންމުމާ އެކު މި ސަރަހައްދުގެ މީހުން ގެ އިން ނުނިކުމެ މި ވަގުތަށް ދެ ދުވަހަށް ތިބެން ޖެހޭނެ އެވެ.

ލޮކްޑައުންގެ ވަގުތު އަނެއްކާވެސް އިތުރު ކުރިއިރު، މާލެ ސަރަހައްދުގައި ކާބޯތަކެއްޗާއި ޒަރޫރީ ބޭނުމަށް ބޭނުންވާ އެހެނިހެން ތަކެތި ޑެލިވަރީ ކުރެވޭނެ ވަކި އުސޫލުތަކާއި ވަގުތުތަކެއް އޮންނަނީ ކަނޑައަޅައިފަ އެވެ. އަދި ކޮންމެހެން ބޭރަށް ނުކުންނަން ޖެހިއްޖެ ނަމަ، އެކަމަށް ޚާއްސަ ހުއްދައެއް ދުރާލައި ނަގަން ޖެހެ އެވެ. ލޮކްޑައުންގެ މުއްދަތުގައި އުޅަނދުފަހަރުތައް މާލެ އިން ފުރުމާއި އައުން ވެސް މަނަލެވެ.

މާލޭގައި އިއްޔެ އެންމެ ފުރަތަމަ ޕޮޒިޓިވްވީ މ. ޖަރީމާގޭގައި ދިރިއުޅޭ އަންހެނެކެވެ. އަދި ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން، ވަނީ އޭނާގެ ތުއްތު ދަރިފުޅާއި ޑައިރެކްޓް ކޮންޓެކްޓްވި އެހެން އަންހެނަކު ވެސް ކޮރޯނާވައިރަހަށް ޕޮޒިޓިވް ވެފަ އެވެ. އެހެންވެ، މިހާތަނަށް މާލެ އިން އެ ވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދަކީ ތިނެކެވެ.

ރާއްޖެ އިން މިހާތަނަށް ކޮރޯނާވައިރަހަށް 23 މީހަކު ޕޮޒިޓިވް ވެފައިވާއިރު ދިވެހިންގެ އަދަދަކީ އަށެކެވެ. މި އަށް ދިވެހިންގެ ތެރެއިން ތިން މީހަކު ރަނގަޅު ވެފައިވާ ކަމަށް އެޗްޕީއޭ އިން ކުރިން ބުނެފައި ވެ އެވެ. ވައިރަސް ޖެހުނު 15 މީހުންނަކީ ބިދޭސީން/ޓޫރިސްޓުންނެވެ.