16 އެޕްރީލް 2020 - 14:47

ވޮޝިންޓަން (އެޕްރީލް 16) - ކޮރޯނާވައިރަހުގައި މަރުވާ މީހުންގެ ސައްހަ އަދަދު އެހެން ގައުމުތަކުން ހާމަނުކުރާ ކަމަށާއި އަދަދުތައް އޮޅުވާލަމުން ގެންދާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެެވެ.

ވައިޓް ހައުސްގެ ރޯސް ގާޑަންގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ދުނިޔޭގެ ނިސްބަތަށް ބަލާއިރު ވެސް އެމެރިކާގައި މަރުވާ މީހުންގެ އަދަދު އެހާ ބޮޑުތަން އިތުރުވެފައި ވަނީ ކީއްވެތޯ ނޫސްވެރިއަކު ސުވާލު ކުރުމުން ޓްރަމްޕް ވަނީ އެހެން ގައުމުތަކުން ދޮގު ހަދަނީ ކަމަށް ވިދާޅުވެފަ އެވެ.
"ބައެއް އެހެން ގައުމުތަކުގެ އަދަދުތައް އެއްވެސް މީހަކު ގަބޫލް ކުރާނެތަ؟" ޗައިނާގެ ނަން ވިދާޅުވެ ޓްރަމްޕް ސުވާލު ކުރެއްވި އެވެ.
ޓްރަމްޕް ވިދާޅުވީ ކޮރޯނާވައިރަހަކީ ވޫހާންގެ މާކެޓަކުން އުފެދުނު އެއްޗަކަށް ވުރެ ބޮޑަށް އެ ސިޓީގެ ލެބޯޓްރީއަކުން ދޫވި އެއްޗެއް ކަމަށް ބުނާ ރިޕޯޓްތައް އެމެރިކާ އިން އިތުރަށް ބަލަމުން އަންނަ ކަމަށެވެ.
އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ ވަނީ ކޮރޯނާވައިރަހާ ގުޅޭ ގޮތުން ޗައިނާ އިން ތެދު މައުލޫމާތު ހާމަކުރުމަށް ގޮވާލައްވައިފަ އެވެ. ކޮރޯނާވައިރަސް ފެތުރުނު އިރު ޗައިނާ އިން ވަރަށް ބޮޑަށް ކަންކަން ސިއްރު ކުރި ކަމަށް ޕޮމްޕެއޯ ކުރިން ވެސް ވަނީ ތުހުމަތު ކުރައްވައިފަ އެވެ.
އެމެރިކާގައި މިހާތަނަށް ވަނީ 644،348 މީހުން ޕޮޒިޓިވްވެ 28،554 މީހުން މަރުވެފަ އެވެ. ރަނގަޅުވެފައި ވަނީ 48،708 މީހުންނެވެ.