16 އެޕްރީލް 2020 - 14:35

ކޮވިޑް-19 އަށް މާލެއިން ޕޮޒިޓިވްވި މީހާއާ ބައްދަލުވި ކަމަށް ބުނާ ހއ. ވަށަފަރު މީހަކާއި އެ މީހާ އެކު އެއް ފްލައިޓެއްގައި އިއްޔެ ދަތުރުކުރި އެ އަތޮޅު މޮޅަދޫ މީހަކު ހޯމް އައިސޮލޭޝަންގައި ބޭތިއްބުމަށް އެ ދެ ރަށުގެ ކައުންސިލާއި ސިއްހީ މަރުކަޒުން ނިންމައިފި އެވެ.
ވަށަފަރު ކައުންސިލްގެ ނައިބު ރައީސް އަބްދުﷲ ރައޫފް ވިދާޅުވީ އިއްޔެ އެ ރަށަށް ދިޔަ މެދު އުމުރުގެ އަންހެނަކު ވަނީ، މާލެ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި އަންހެންމީހާއާ ބައްދަލުވެފައި ކަމަށް އާއިލާ އިން ކައުންސިލަށް މައުލޫމާތު ދީފައިވާ ކަމަށެވެ. އެހެންކަމުން ހެލްތު ޕްރޮޓަކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަކި އެއްޗެއް އަންގަންދެން އެ އަންހެން މީހާ ގޭގައި އެކަހެރިވެ ހުރުމަށް އަންގާފައިވާނެ ކަމަށް ރައޫފް ވިދާޅުވި އެވެ.
"އެޗްޕީއޭން ވަކި އެއްޗެއް އަދި ނާންގާ. އަޅުގަނޑުމެން އޭނާއަށް އެންގީ އެޗްޕީއޭން އެއްޗެއް އަންގަންދެން ގޭގައި މަޑު ކުރުމަށް،" ރައޫފް ވިދާޅުވި އެވެ.
ރައޫފް ވިދާޅުވި ގޮތުގައި އަންހެން މީހާގެ ފަރާތުން ބަލީގެ އެއްވެސް އަލާމާތެއް ނުފެނެ އެވެ. އަދި އެކަމާ ގުޅިގެން އަމަލުކުރަންވީ ގޮތެއް ސާފު ކުރުމަށް އެޗްޕީއޭއަށް ލިޔެފައިވާނެ ކަމަށާއި އަދި ރަސްމީކޮށް އެއްވެސް ޖަވާބެއް ނުލިބޭ ކަމަށް ވެސް ވިދާޅުވި އެވެ.
ވަށަފަރު އެ އަންހެން މީހާއާ އެކު އިއްޔެ އެއް ފްލައިޓެއްގައި މޮޅަދު އަށް ދިޔަ މީހަކު ގޭގައި މަޑުކުރަން އެ ރަށުގެ ކައުންސިލާއި ސިއްހީ މަރުކަޒުން ވަނީ އަންގައިފަ އެވެ.
މޮޅަދޫ ސިއްހީ މަރުކަޒާ ހަވާލުވެ ހުންނެވި އަހުމަދު އަޝްރަފް ވިދާޅުވި ގޮތުގައި އެގޮތަށް އެންގީ ޕޮޒިޓިވްވި މީހާއާ ޑައިރެކްޓް ކޮންޓެކްޓްވި މީހަކާ އެކުގައި އެއް ފްލައިޓެއްގައި ދަތުރު ކޮށްފައިވާ މީހަކަށްވާތީ އެހެން މީހުންގެ ރައްކަލަކަށްޓަކައި ކަމަށެވެ. އެމީހާއާ ދޭތެރޭ އަމަލު ކުރާނެ ވަކި ގޮތެއް އަދި އެޗްޕީއޭއިން ނާންގާ ކަމަށް ވެސް ވިދާޅުވި އެވެ.
އެކަމާ ގުޅޭގޮތުން، ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގެ ބަހެއް އަދި ނުލިބެ އެވެ.
މާލޭން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހާއާ ޑައިރެކްޓް ކޮންޓެކްޓްވި އިތުރު ދެ މީހަކު ވަނީ އެ ބައްޔަށް ޕޮޒިޓިވް ވެފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ފުރަތަމަ ޕޮޒިޓިވި މީހާގެ ތުއްތު ދަރިފުޅާއި އިތުރު އަންހެނެކެވެ. ޕޮޒިޓިވްވި މީހުންނާ ކޮންޓެކްޓްވި މީހުން ދެނެގަތުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
މާލޭން ފުރަތަމަ ފެނުނު ޕޮޒިޓިވް ކޭސްއާ ގުޅުން ހުރި، އަދި ކޮވިޑް-19ގެ އަލާމާތްތައް ހުރި 14 މީހަކު މިހާރު ވަނީ ހުޅުލޭ އައިސޮލޭޝަން ފެސިލިޓީ އަށް ގެންގޮސްފަ އެވެ.