އިމްރާނުގެ ކެރިއަރުން ގިނަ ފިލާވަޅުތަކާއި ނަމޫނާތައް ނެގޭނެ: މާއްޓޭ
އިމްރާނުގެ ކެރިއަރުން ގިނަ ފިލާވަޅުތަކާއި ނަމޫނާތައް ނެގޭނެ: މާއްޓޭ

ގައުމީ ފުޓްބޯޅަ ޓީމަށް އިއްޔެ ކުޅުން ހުއްޓާލި ގޯލްކީޕަރު އިމްރާން މުހައްމަދަކީ ހަމައެކަނި މޮޅު ކުޅުންތެރިއެއް ނޫން ކަމަށާއި އޭނާގެ ކިބައިގައި ވަރަށް މުހިއްމު އަހުލާގީ އަދި އިޖްތިމާއީ ހަރުދަނާ ސިފަތަކެއް އެބަހުރި ކަމަށާއި ކުޅިވަރު ހިންގުމުގައި އޭނާ އަކީ ލާމަސީލު ނަމޫނާއަކަށް ވާނެ ކަމަށް އޭނާގެ ކުރީގެ ކޯޗު މައުރޫފް އަހުމަދު (މާއްޓޭ) ވިދާޅުވެއްޖެ އެވެ.

އިމްރާނުގެ ކެރިއަރުން ގިނަ ފިލާވަޅުތަކާއި ނަމޫނާތައް ނެގޭނެ: މާއްޓޭ
އިމްރާނުގެ ކެރިއަރުން ގިނަ ފިލާވަޅުތަކާއި ނަމޫނާތައް ނެގޭނެ: މާއްޓޭ

އިމްރާނަށް ވިކްޓަރީގައި ކޯޗުކޮށްދިން ކުރީގެ އެއް ވަނަ ގޯލްކީޕަރު މާއްޓޭ ވިދާޅުވީ އެހާ ގިނަ ދުވަހު، އެހާމެ މޮޅަށް ކުޅުމަށް ފަހު އިމްރާން ގައުމީ ޓީމާ ވަކިވި ހަބަރު އަޑުއިވުމުން އަސަރުކުރި ކަމަށެވެ.

މާއްޓޭ ވިދާޅުވީ 16 އަހަރު އެއް ފެންވަރެއްގައި އިމްރާނަށް ކުޅެވުނީ ހަމައެކަނި އޭނާގެ ހުނަރުވެރިކަމަކުން ނޫން ކަމަށާއި އޭނާގެ ކިބައިގައި ވަރަށް މުހިއްމު ސިފަތަކެއް ހުރި ކަމަށެވެ. އަދި އެއީ އެހެން ދާއިރާތަކުގައި ވެސް ބޭނުންކުރެވިދާނެ މުހިއްމު ސިފަތަކެއްކަން މާއްޓޭ ފާހަގަކުރެއްވި އެވެ.

"އިމްރާން ދައްކުވައިދީފި އޭނާ އަކީ ހަމައެކަނި މޮޅު ކުޅުންތެރިއެއް ނޫން ކަން. އޭނާގެ ކެރިއަރުން ވަރަށް ގިނަ ފިލާވަޅުތަކެއް ނެގިދާނެ ފަދަ އިޖްތިމާއީ ރަނގަޅު ސިފަތަކެއް ފެނިގެން ދިޔަ. އެ ފިލާވަޅުތައް ދިރިއުޅުމުގެ ކޮންމެ ދާއިރާއެއްގައި ވެސް ބޭނުން ކުރެވިދާނެ. ކުޅިވަރުގެ އަހުލާގާއި ކޮމިޓްމަންޓާއި އެހެން މީހުންނަށް އިހުތިރާމްކުރުމާއި އެކުގައި އުޅޭ އެހެން ކުދިންގެ ހައްގުގައި މަސައްކަތްކުރުން އޭގެ ތެރޭގައި ހިމެނޭ. ދިގު މުއްދަތެއްގައި އޭނާ އަށް ހިފެހެއްޓުނީ މި ސިފަތަކުގެ ސަބަބުން،" ރާއްޖޭން 1991 ވަނަ އަހަރުގެ ސާފް ގޭމްސްގެ ރިހި މެޑަލް ހޯދިއިރު ގައުމީ ޓީމުގެ ގޯލް ބެލެހެއްޓި ކީޕަރު ވިދާޅުވި އެވެ.

މާއްޓޭގެ ކޯޗުކަމުގެ ދަށުން ވިކްޓަރީން ހޯދި ކާމިޔާބީތަކުގައި އިމްރާނުގެ ހިއްސާ ބޮޑެވެ. އޭގެ ތެރޭގައި ގައުމީ މުބާރާތުގެ ތަށި 2002 ވަނަ އަހަރު މިލްކުުރުން ހިމެނެ އެވެ. މާއްޓޭ ވިދާޅުވީ އިމްރާނަކީ އޭރަކު އޭނާ ހުންނަ ޓީމެއް މޮޅުވުމުގެ އެންމެ މުހިއްމު އެއް ސަބަބު ކަމަށާއި ގައުމީ ޓީމު މޮޅުވި ގިނަ މެޗުތަކުގައި މޮޅުވުން ބުރަވެފައިވަނީ އިމްރާން ކޮޅަށް ކަމަށެވެ. އަދި އޭނާ ހުންނަ ކްލަބަކަށް ގިނައިން ތަށި ލިބިފައިވާކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

"ކޮންމެ މީހަކަށް ވެސް މެޗުތަކެއް ކުޅެވިދާނެ. އެކަމަކު އިމްރާނުގެ އެންމެ ހާއްސަ ސިފަޔަކީ އޭނާގެ ފަންނުގައި، ހުނަރު ސާބިތުކޮށްދެމުން ދިޔައިރު ވެސް މުހިއްމު ވެލިއުސްތަކެއް ދައްކުވައިދިންކަން. ލީޑާޝިޕާއި ޑިސިޕްލިން އަދި ރެސްޕެކްޓްކުރުމުން މިއީ އޭނާގެ އެންމެ މުހިއްމު ސިފަތައް،" މާއްޓޭ ވިދާޅުވި އެވެ.

މާއްޓޭ ވިދާޅުވީ ކުންފުންޏެއް ވެސް އަޑިއަޅާލައި މުސާރަ ނުދެވޭ ހިސާބަށް ދިއުމުން އެ ކުންފުންޏެއް އަލުން ކުރީގެ މަގާމަށް ރުޖޫއަވާން މުއައްޒަފުންގެ އެހީތެރިކަން ބޭނުންވާނެ ކަމަށާއި އިމްރާނުގެ ފަރާތުން ފުޓްބޯޅަ ދަނޑުގައި ވެސް އެފަދަ ލާމަސީލު މިސާތަކެއް ފެނިފައިވާ ކަމަށެވެ.

"ވިކްޓަރީގެ ބަޖެޓް ދަށްވެ މައްސަލަތަކެއް ކުރިމަތިވުމުން އިމްރާން ހަމަ މުސާރަ ނުނަގާ ދެ އަހަރު ކުޅެދިން. އޭގެ ބަދަލެއް ހޯދަން އޭނާ މަސައްކަތެއް ނުކުރޭ. ސީދާ ވިކްޓަރީއަށްޓަކައި އޭނާ ކުޅުނީ. އިމްރާން ސާބިތުކޮށްދިނީ އޭނާ އަކީ އޭނާ އެ އުޅޭތަނެއް އަޑިއަޅާލުމުން އަލުން ކޮޅަށް ޖެހުމުގެ ހިތްވަރު ހުރި މީހެއްކަން. މިއީ އިމްރާނުގެ ކެރިއަރުން ނެގޭނެ މުހިއްމު ފިލާވަޅުތަކެއް،" އިންޓަނޭޝަނަލް ސްޕޯޓްސް މެނޭޖްމަންޓުގެ ދާއިރާ އިން މާސްޓާސް ހާސިލްކޮށްފައިވާ މާއްޓޭ ކުރީގެ ހަނދާންތައް އާކުރެއްވި އެވެ.

އިމްރާނުގެ ކިބައިގައި އެ މުހިއްމު ސިފަ ހުރިކަން ސާބިތުކޮށްދެއްވަން މާއްޓޭ އިތުރު ވާހަކައެއް ވެސް ވިދާޅުވެދެއްވި އެވެ. އެއީ ކެރިއަރު ނިންމާލަން ޖެހިދާނެ ފަދަ ސީރިއަސް އަނިޔާއެއް ކުރިމަތިވުމުން ވެސް ގަދަ ހިތްވަރާއި ބުރަ މަސައްކަތުން ރިކަވާވެ އަލުން ކުޅެން ނުކުތުމެވެ.

"އެ އަނިޔާއިން ސަލާމަތްވެގެން އޭނާ އެނބުރި ގައުމީ ޓީމަށް އައި. އަލުން ތެދުވެ އޭނާ ގައުމީ ޓީމު އޭޝިއަން ކަޕް ކޮލިފައިންގެ ގްރޫޕް ސްޓޭޖަށް ކޮލިފައިކޮށްދިނުމަށް ފަހު ގައުމީ ޓީމާ ވަކިވީ. އިމްރާން މާޔޫސްވާ ފަދަ ކަމެއް ދިމާވުމުން ވެސް އޭނާ އެކަމުން އަރައިގަނެ ގައުމީ ޓީމު ރަނގަޅު ހިސާބަކަށް ގެންގޮސްދީފައި އެ ހުއްޓާލީ،" މާއްޓޭ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިމްރާން ޓެކްނިކަލް ދާއިރާއަށް ދިއުމަށް ވުރެ މެނޭޖްމަންޓުގެ ދާއިރާ އަށް ދިއުމަށް އެދޭ ކަމަށާއި ހިންގުމުގެ ދާއިރާއަށް ބޭނުންވާ ތަޖުރިބާ ލިބި އަދި އިހުސާސްތައް އޭނާ އަށް ކުރެވިފައި ހުންނާނެ ކަމަށެވެ.

"ސްޕޯޓްސް މެނޭޖްމަންޓުގެ ދާއިރާއަށް ބޭނުންވާ ހުރިހާ ސިފަތަކެއް އެބަހުރި އިމްރާނުގެ ކިބައިގައި. މެނޭޖްމަންޓް ކޮންމެވެސް ވަރަކަށް ކިޔަވައިގެން އިމްރާން މިކަމުގެ ތެރެއަށް ވަދެއްޖެއްޔާ އޭނާ ވެގެންދާނީ އެކަމަށް އެންމެ ފުރިހަމަ މީހަކަށް. އެކަޑަމިކަލީ މާސްޓާސް ޑިގްރީއެއް ނަގައިގެން ވެސް މިފަދަ ތަޖުރިބާތަކެއް ނުކޮށް ހުންނަ މީހަކަށް އުނދަގޫވާނެ ކުރިއަށްދާން. އިމްރާން ވަނީ ހުރިހާ ތަޖުރިބާއެއްކޮށްފައި އަދި ހުރިހާ އިހުސާސެއް އޭނާ ހުންނާނީ ކުރެވިފައި،" މާއްޓޭ ވިދާޅުވި އެވެ.

އޭނާ ވަނީ ފުޓްބޯޅަ އެސޯސިއޭޝަނުގެ އެންމެ އިސް މަގާމަށް އިމްރާނަކީ ވަރަށް ގާބިލް މީހެއް ކަމަށާއި އިމްރާން އެފަދަ ކަމަކާ ކުރިމަތިލާ ނަމަ ފުރިހަމަ ސަޕޯޓް ދޭނެ ކަމަށް ވިދާޅުވެފަ އެވެ.

"އަޅުގަނޑު ކޯޗަކަށް ހުރިއިރު ވެސް ވަރަށް ފަސޭހަ އިމްރާނާ އެކު މަސައްކަތްކުރަން. އިމްރާން ދަނޑަށް ދޫކޮށްލީމާ މުޅި ޓީމުގެ ކޮންޓްރޯލް ނަގައި އެންމެންގެ އިހުތިރާމް ހޯދާނެ،" މާއްޓޭ ވިދާޅުވި އެވެ.