ނޯތު ކޮރެއާ އިން ފިލި މީހަކު ސައުތު ކޮރެއާ ޕާލަމެންޓަށް
ނޯތު ކޮރެއާ އިން ފިލި މީހަކު ސައުތު ކޮރެއާ ޕާލަމެންޓަށް

ސޯލް (އެޕްރީލް 16) - ނޯތު ކޮރެއާ އިން ފިއްލެވި މީހެއް ކަމަށްވާ ތައެ ޔޮންގް-ހޯ ސައުތު ކޮރެއާގެ ޕާލަމެންޓް އިންތިޚާބުގައި ވާދަކޮށް ގޮނޑި ކާމިޔާބުކުރައްވައިފި އެވެ.

ނޯތު ކޮރެއާ އިން ފިލި މީހަކު ސައުތު ކޮރެއާ ޕާލަމެންޓަށް
ނޯތު ކޮރެއާ އިން ފިލި މީހަކު ސައުތު ކޮރެއާ ޕާލަމެންޓަށް

ތައެ އަކީ އެއް ދުވަސްވަރެއްގައި، ނޯތު ކޮރެއާ އިން އިނގިރޭސި ވިލާތަށް ކަނޑައެޅި ޑެޕިއުޓީ އެމްބަސެޑަރެވެ. ނޯތު ކޮރެއާ އިން ފިއްލަވައިގެން އާއިލާ އެކު، ތައެ ސައުތު ކޮރެއާ އަށް ހިޖުރަކުރެއްވީ 2016 ވަނަ އަހަރު އެވެ.

އޭނާ ވާދަކުރައްވާފައި ވަނީ އިދިކޮޅު ޔުނައިޓެޑް ފިއުޗާ ޕާޓީގެ ފަރާތުން، ސޯލްގެ މުއްސަނދި އަވަށެއް ކަމަށްވާ ގަންނަމްއަށެވެ. އޭނާ ވަނީ ވޯޓުގެ 58 ޕަސެންޓް ކާމިޔާބު ކުރައްވައިފަ އެވެ. ކާމިޔާބީއާ އެކު ތައެގެ ލޮލުން ވަނީ ކަރުނަ އޮހޮރިފަ އެވެ.

އިންތިޚާބުގެ ކުރިން ތައެ ވިދާޅުވެފައި ވަނީ ސައުތު ކޮރެއާގެ އިންތިޚާބެއްގައި އޭނާ ވާދަކުރެއްވުމަކީ ނޯތު ކޮރެއާގެ ވެރިންނަށް ދެވޭ ރަނގަޅު މެސަޖަކަށްވާނެ ކަމަށެވެ.

ކޮރޯނާވައިރަސް ފެތުރެމުން ދިޔަ ނަމަވެސް ސައުތު ކޮރެއާ އިން ވަނީ ބުދަ ދުވަހު އިންތިޚާބު ބާއްވައިފަ އެވެ. އިންތިޚާބުގައި ވަނީ 66.2 ޕަސެންޓް މީހުން ވޯޓުލައިފަ އެވެ. ސައުތު ކޮރެއާގައި އެއްވެސް އިންތިޚާބެއް ކެންސަލްކޮށްފައެއް ނުވެ އެވެ. ކޮރެއާ ހަނގުރާމައިގެ ތެރޭގައި ވެސް ވޯޓުލުން ބާއްވައިފައިވެ އެވެ.

ނޭޝަނަލް އެސެމްބްލީގެ 300 ގޮނޑީގެ ތެރޭން 163 ގޮނޑި ކާމިޔާބުކޮށް އަޣުލަބިއްޔަތު ހޯދީ ރައީސް މޫން ޖައެ-އިންގެ ޑިމޮކްރެޓިކް ޕާޓީންނެވެ.