ބާސެލޯނާގެ ކޯޗުކަމާ ހަވާލުވުމަކީ އަދިވެސް އުއްމީދެއް
ބާސެލޯނާގެ ކޯޗުކަމާ ހަވާލުވުމަކީ އަދިވެސް އުއްމީދެއް

ދޯހާ (އޭޕްރިލް 16) – ބާސެލޯނާގެ ކޯޗުކަމުގެ މަގާމާ ހަވާލުވާން އަދިވެސް އުއްމީދުކުރާ ކަމަށް، އެ ފުރުސަތު ދާދި ފަހުން ދޫކޮށްލި އެ ޓީމުގެ ކުރީގެ މިޑްފީލްޑަރު ޒަވީ ހެނާންޑޭޒް ބުނެފި އެވެ.

ބާސެލޯނާގެ ސީނިއާ ޓީމަށް 1998-2015 އަށް ކުޅެ ސްޕެނިޝް ލީގު އަށް ފަހަރު އަދި ޗެމްޕިއަންސް ލީގު ހަތަރު ފަހަރު ކާމިޔާބުކުރި ކުޅުންތެރިޔާ މިހާރު އަންނަނީ އޭނާގެ ކެރިއަރު ފަހުކޮޅު ކުޅުނު ގަތަރުގެ އައް ސާދު އަށް ކޯޗުކޮށްދެމުންނެވެ.

ބާސެލޯނާ އިން މި ސީޒަނުގެ މެދަކާ ހަމައިން އާނެސްޓޯ ވަލްވާޑޭ ވަކިކުރުމަށް ފަހު މަގާމް ހުށަހެޅީ ޒަވީ އަށް ކަމަށްވެ އެވެ. އެކަމަކު ޒަވީ ބާސެލޯނާއާ ހަވާލުވާން އެދުނު ކަންތައްތައް ބާސެލޯނާ އިން ފުރިހަމަ ނުކޮށްދިން ކަމަށް ސްޕެއިނުގެ މީޑިއާގައި އޭރު ވެސް އަޑުފެތުރުނެވެ. ޒަވީ އެދުނީ ބާސެލޯނާގެ ކޯޗުކަމުން ވަކިކުރި ވަލްވޭޑޭއާ މެދު އޮންނަ އުސޫލުން ކަންތައްތައް ކުރިއަށް ގެންގޮސް އޭނާއާ ވާހަކަ ދެއްކުމަށް ފަހު މަގާމުން ވަކިކުރާކަން އޭނާގެ ހާޒިރުގައި އިއުލާނުކުރާށެވެ. އެއީ 2003 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް ސީޒަނެއްގެ މެދުތެރެއިން ބާސެލޯނާ އިން ކޯޗު ބަދަލުކުރާތީ އެވެ. ފަހުން ކުއިކީ ސެޓިއެންއާ ބާސެލޯނާ އިން ކޯޗުކަން ހަވާލުކުރީ އެވެ.

ޔޫޓިއުބް އިންޓަވިއުއެއްގައި ޒަވީ ބުނީ ކޯޗިންގައި އޭނާ މިހާރު ތަޖުރިބާތަކެއްކޮށްފައިވާތީވެ އެކަމަށް ގާބިލްކަމަށް ގަބޫލުކުރާ ކަމަށާއި ބާސެލޯނާ އަށް ދިއުމަކީ ހުވަފެނެއް ކަމަށެވެ.

"ވަރަށް ގިނަ ފަހަރު ބުނެފިން، އަހަރެން ބާސެލޯނާ ބަލަނީ އަމިއްލަ ގޭގެ ގޮތުގައޭ. ބާސެލޯނާ އަކީ އަހަރެންގެ ހަޔާތް. އަހަރެން މިހާރު މި އަންނަނީ ދަސްކުރަމުން (ކޯޗިން). ގަތަރުގައި ކޯޗެއްގެ ގޮތުގައި ވަރަށް ގިނަ ކަންކަން އެބަ ދަސްވޭ. ޝައްކެއް ނެތް، ބާސެލޯނާ ތަމްރީންކުރުމަކީ ބޮޑު ކަމެއް. އެކަމަށް ވަރަށް ތައްޔާރުވާން ޖެހޭ، ޒަވީ ބުންޏެވެ. "އެއީ މަރުހަލާއެއް. އަހަރެން އުއްމީދުކުރަން ކޮންމެވެސް ދުވަހަކުން އެހިސާބަށް ދެވޭނެ ކަމަށް."

ޒަވީ އަށް ބާސެލޯނާގައި ކޯޗުކޮށްދިން މެންޗެސްޓާ ސިޓީގެ މިހާރުގެ ކޯޗު ޕެޕް ގާޑިއޯލާ އަކީ ޔޮހާން ކްރައިފްގެ އިރުޝާދުގެ ދަށުން ލަ މަސިއާގައި ތަމްރީންވި ކުޅުންތެރިޔެކެވެ. ލަ މަސިއާ އިން ތަމްރީންވި ޒަވީ އަށް ވެސް ގާޑިއޯލާ ފަދަ މޮޅު ކޯޗަކަށް ވެވިދާނެ ކަމަށް ތަޖުރިބާކާރުން ދެކެ އެވެ.