ބާސެލޯނާގެ ކޯޗު ސެޓިއެން އަށް ވަޒީފާގެ ބިރެއް ނެތް
ބާސެލޯނާގެ ކޯޗު ސެޓިއެން އަށް ވަޒީފާގެ ބިރެއް ނެތް

ބާސެލޯނާ (އޭޕްރީލް 16) - ބާސެލޯނާގެ އެތެރޭގައި މި ވަގުތު ހިނގަމުންދާ ކަންތައްތަކާ ގުޅިގެން އޭނާގެ ވަޒީފާ އަށް އެއްވެސް ބިރެއް އަދި ނެތް ކަމަށް އެ ޓީމުގެ ކޯޗު ކީކޭ ސެޓިއެން ބުނެފި އެވެ.

ބާސެލޯނާ މިހާރު ހިންގާގޮތާ މެދު ހިތްހަމަނުޖެހިގެން އެ ކްލަބްގެ ޑިރެކްޓަރުންގެ ބޯޑުގެ ހަ މެމްބަރަކު ވަނީ ދާދި ފަހުން އިސްތިއުފާ ދެއްވައިފަ އެވެ. އަންނަ އަހަރަށް ތާވަލުކޮށްފައިވާ ބާސެލޯނާގެ އިންތިހާބުގެ ޕްރެޝަރުގައި މި ވަގުތު އެ ކްލަބްގެ ރައީސް ޖޯސެފް ބާޓޮމެއު އަންނަނީ ގިނަ ކަންތައްތަކެއް ނިންމަވަމުންނެވެ. ބާޓޮމެއުގެ އަމަލުތައް ހުރިގޮތުން ކްލަބް ވަރަށް ބޮޑަށް ހަލާކުވަމުން އަންނަ ކަމަށް ބާސެލޯނާގެ އިންތިހާބުގައި ވާދަކުރައްވާ ވިކްޓަ ފޮންޓް ވަނީ ވިދާޅުވެފަ އެވެ.

އާނެސްޓޯ ވަލްވޭޑޭ ވަކިކޮށް ސެޓިއެން ބާސެލޯނާގެ ކޯޗަކަށް ހަމަޖެއްސީ މިދިޔަ ޖެނުއަރީ މަހުގަ އެވެ. ސެޓިއެން ބުނީ މަގާމާ ހަވާލުވި ފަހުން މިހާތަނަށް ކުރެވުނު މަސައްކަތާ އެކު އަދިވެސް މި ޓީމުގައި އޭނާ އަށް އުޖާލާ ކުރިމަގެއް އޮތް ކަމަށް ގަބޫލުކުރާ ކަމަށެވެ.

"އަހަރެން ސޮއިކުރީ އެއް އަހަރާއި ބައިގެ ކޮންޓްރެކްޓެއްގައި. އޭގައި އެބައޮތް އިތުރު އެއް އަހަރަށް ކޮންޓްރެކްޓް އާ ކުރެވޭ ގޮތަށް ވެސް. އަހަރެން ބޭނުންވަނީ އެ ކޮންޓްރެކްޓްގައިވާ ގޮތަށް ކުރިއަށް ގޮސް އިތުރަށް ވެސް މަސައްކަތްކުރަން. ކްލަބްގައި ހިނގާ އެހެނިހެން ކަންތައްތަކުން އަހަންނަށް ޕްރެޝަރެއް އޮތް ކަމަށް ނުދެކެން،" ސެޓިއެން ބުންޏެވެ.

"އަހަރެންގެ ވަޒީފާ އަކީ ދަނޑުމަތީގައި ނަތީޖާ ނެރުން. އެކަން ކުރުމަށް ކުޅުންތެރިންނާ ގުޅިގެން އެންމެ ފުރިހަމަ އަށް މަސައްކަތް އެބަކުރަން،"

ކޮރޯނާވައިރަސް ފެތުރޭތީ މިދިޔަ މަހު ސްޕެނިޝް ލީގު މެދުކަނޑާލިއިރު ބާސެލޯނާ އޮތީ ލީގުގެ އެއް ވަނައިގަ އެވެ. ސެޓިއެން ބުނީ އޭނާގެ އުއްމީދަކީ ސީޒަން ފުރިހަމަ ކުރެވުން ކަމަށާއި މި ސީޒަން އޭނާގެ ޓާގެޓަކީ ޗެމްޕިއަންސް ލީގު ކަމަށެވެ.

"ޗެމްޕިއަންސް ލީގާއި ލަލީގާ (ސްޕެނިޝް ލީގު) ކާމިޔާބުކުރަން ބޭނުން. އެކަމަކު އަހަރެން ބޮޑަށް ބޭނުމީ ޗެމްޕިއަންސް ލީގު. އެ ތަށި ހޯދައިގެން އުފާފާޅުކުރާނެ ގޮތް ވެސް އަހަރެންގެ ހުވަފެނުގައި ފެނިއްޖެ،" ކުރިން ރެއާލް ބެޓިސް އަށް ކޯޗުކޮށްދިން ސެޓިއެން ބުންޏެވެ.

ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީގެ މުސްތަގުބަލާ ގުޅުވައިގެން މީޑިއާގައި ގިނަ ވާހަކަތަކެއް ދެކެވުނު ކަމުގައި ވިޔަސް ސެޓިއެންގެ ނަޒަރުގައި މެސީ ފުޓްބޯޅަ ކެރިއަރު ނިންމާލާނީ ބާސެލޯނާގަ އެވެ.