ކޮވިޑް-19: ޔޫރަޕްގެ ލީގުތައް ކެންސަލްނުކުރާނެ
ކޮވިޑް-19: ޔޫރަޕްގެ ލީގުތައް ކެންސަލްނުކުރާނެ

ލަންޑަން (އޭޕްރީލް 16) - ކޮރޯނާވައިރަސް ފެތުރޭތީ މެދުކަނޑާލާފައިވާ ޔޫރަޕްގެ ފުޓްބޯޅަ ލީގުތައް ކެންސަލްކުރުމުގެ ވިސްނުމެއް އަދި ނެތް ކަމަށް ޔޫރަޕިއަން ލީގު ގްރޫޕުން ބުނެފި އެވެ.

އިނގިރޭސި ޕްރިމިއާ ލީގު ހިމެނޭ ގޮތަށް ޔޫރަޕްގެ 36 ގައުމެއްގެ ލީގު ތަމްސީލުކުރާ ޔޫރަޕިއަން ލީގުގެ ޑެޕިއުޓީ ޖެނެރަލް ސެކްރެޓަރީ އަލްބާޓޯ ކޮލަމްބޯ ވިދާޅުވީ މި ވަގުތަށް ބަލާއިރު ކޮރޯނާވައިރަހުން ޖެހޭ ކޮވިޑް-19 އިން ސަލާމަތްވެވޭނެ ސީދާ ވަގުތެއް ބުނަން ނޭނގޭ ކަމަށާއި އެކަމަކު ޔޫރަޕްގެ ލީގުތައް ކެންސަލްކުރުމުގެ ވިސްނުމެއް ނެތް ކަމަށެވެ.

"ލީގުތައް އަލުން ކުޅޭނެ. ސަޕޯޓަރުން ނުވައްދައި ފެށުމުގެ ހިޔާލެއް މި އޮތީ. އެއީ ގިނަ ގައުމުތަކުން ވެސް ކަމާބެހޭ ފަރާތްތަކާ ވާހަކަ ދެއްކުމަށް ފަހު ނިންމާފައިވާ ގޮތް. އެކަމަކު މެޗުތައް ފެށޭނީ ކޮން ދުވަހަކުން ކަމެއް ބުނަން ދަތި،" ކޮލަމްބޯ ވިދާޅުވި އެވެ.

ޔޫރަޕްގެ ގައުމުތަކުގައި ފުޓްބޯޅަ މުބާރާތްތައް ހުއްޓާލީ މާޗް މަހުގެ މެދުތެރޭގަ އެވެ. ގިނަ ގައުމުތަކުގައި ކޮވިޑް-19 ގެ ނުރައްކާ ބޮޑުވަމުންދާތީ މިހާރު މުބާރާތްތައް ވަނީ މުއްދަތެއް ނެތްގޮތަށް ފަސްކޮށްފަ އެވެ. ޔޫރަޕްގެ މައި ފުޓްބޯޅަ އިދާރާ ޔުއެފާއާ އެކު ބޭއްވުނު ބައްދަލުވުންތަކަށް ފަހު އެކި ގައުމުތަކުން އަންނަނީ ފުޓްބޯޅަ އަލުން ފެށޭނެ ގޮތްތަކާ ބެހޭގޮތުން ކްލަބްތަކާ އެކު މަޝްވަރާކުރަމުންނެވެ. ހުރިހާ ބައެއް ވެސް އިއްތިފާގުވާ އެއް ކަމަކީ މެޗުތައް ފެށޭނީ ސިއްހީ ކަންތައްތަކާ ބެހޭ ފަރާތްތަކުން ދޭ ލަފާގެ މަތިން ކަމަށެވެ.

ބައެއް ގައުމުތަކުން ލީގު ކެންސަލްކުރަން ގޮވާލަމުންދާއިރު، މިހާތަނަށް ލީގު ނިންމާލާފައިވަނީ ހަމައެކަނި ބެލްޖިއަމް އިންނެވެ. ބެލްޖިއަމުން ވަނީ އެ ގައުމުގެ ޕްރޯ ލީގުގެ އެއް ވަނައިގައި އޮތް ކްލަބް ބްރޫޖަށް ތަށި ދިނުމަށް ފަހު ސީޒަން ނިންމާލާފައިވާކަން ކްލަބްތަކަށް އަންގައިފަ އެވެ. އެހެން ނަމަވެސް މި ނިންމުމާ މެދު އެންމެ ފަހުގެ ގޮތެއް ނިންމޭނީ ޔުއެފާ އާއި ޔޫރަޕިއަން ލީގުން ވެސް ވަކި ގޮތްތަކެއް ކަނޑައަޅައިގެންނެވެ.

"ހުރިހާ ފޯކަސް އެއް މި ވަގުތު މި އޮތީ އަލުން ފެށޭނެ ގޮތްތަކެއް ހޯދުން. އަންނަ ހޫނު މޫސުމުގައި ވިޔަސް މެޗުތައް ކުޅެވޭތޯ ބެލުން މުހިއްމު. އެއީ ސީޒަން ފުރިހަމަ ނުކޮށްފިނަމަ ލިބޭ މާލީ ގެއްލުންތައް ވަރަށް ބޮޑު،" ކޮލަމްބޯ ވިދާޅުވި އެވެ.

ޔުއެފާއާ އެކު ބޭއްވި ބައްދަލުވުންތަކުގައި މަޝްހޫރު ގިނަ ގައުމުތަކުން ލީގު އެންމެ އަވަހަށް ވެސް ފަށަން މަސައްކަތްކުރަމުން އަންނަނީ އަންނަ މަހުގެ ފަހުކޮޅުގަ އެވެ. އަދި އަނެއް ބައި ގައުމުތަކުން ޖޫން މަހު ފަށަން ވެސް އަންނަނީ މަސައްކަތްކުރަމުންނެވެ. އެ ގޮތަށް ބަލައި އިނގިރޭސި ޕްރިމިއާ ލީގާއި ސްޕެނިޝް ލީގު އަދި ޖަރުމަނު ލީގުގެ ބައެއް ކްލަބްތަކުން ވަނީ ޕްރެކްޓިސް ފަށައިފަ އެވެ. ގިނަ ގައުމުތަކުން އެއްބަސްވާ އެއް ކަމަކީ މެޗުތައް އަލުން ފެށޭނީ ހުރިހާ ކުޅުންތެރިން ވެސް ޓެސްޓްކުރުމަށް ފަހު ކަމެވެ.

ކޮލަމްބޯ ވިދާޅުވީ ކޮންމެ ގައުމެއްގެ ސަރުކާރުން ވެސް ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ޕްރެކްޓިސް ފެށުން އެއީ މައްސަަަލަ އެއް ނޫން ކަމަށެވެ.

"ކޮންމެ ކަމެއް ވިޔަސް އެންމެ މުހިއްމުވާނީ ސިއްހަތު. އެއަށް ސަމާލުކަން ދީގެން ސަރުކާރުތަކުން އަންގާފައިވާ ގޮތަށް އަމަލުކުރުން އެންމެ މޮޅު ގޮތަކީ. އެއީ މިއީ ވަކި ބަޔަކަށް އޮތް ކަމެއް ނޫން. ހުރިހާ ބަޔަކަށް ވެސް މީގެ ނުރައްކާ އެބައޮތް،" ކޮލަމްބޯ ވިދާޅުވި އެވެ.

މި ފަހަރުގެ ފުޓްބޯޅަ ސީޒަން ފުރިހަމަ ކުރުމަށް ފުރުސަތު ދިނުމުގެ ގޮތުން ޔޫރޯ އާއި ކޮޕަ އެމެރިކާ އަންނަ އަހަރަށް ލަސްކުރަން ނިންމުމަކީ ފުޓްބޯޅަ އަށް ޓަކައި ނިންމުނު ވަރަށް މުހިއްމު ނިންމުމެއްގެ ގޮތުގައި ޔޫރަޕިއަން ލީގު ގްރޫޕުން ދެކެ އެވެ.