16 އެޕްރީލް 2020 - 10:25

މާލެ ސަރަހައްދު ލޮކްޑައުން ކޮށްފައިވާ ހާލަތުގައި މުދާ ޑެލިވަރީ ކުރެވޭނެ ވަގުތުތައް ކަނޑައަޅައިފި އެވެ.
ކޮވިޑް-19 އަށް މާލެއިން މީހަކު ޕޮޒިޓިވްވުމުން މާލެ ސަރަހައްދު ލޮކްޑައުންކޮށް، މަގުތަކަށް މީހުން ނުކުތުން ވަނީ 24 ގަޑިއިރަށް މަނާކޮށްފަ އެވެ. އެހެންވެ، މާލެ ސަރަހައްދުގައި ގޭގެއަށް ބޭނުންވާ މުދާ ޑެލިވަރީ ކުރާނެ ވިޔަފާރިތައް ރަޖިސްޓްރީވާން ކުރިން އޮތީ ހުޅުވާލައިފަ އެވެ.
ފުލުހުން ކުރި ޓްވީޓެއްގައި ބުނީ ކޯބާތަކެއްޗާއި ފިހާރަކަތަކުން މުދާ ގެންގޮސް ދެވޭނީ ތިން ވަގުތެއްގައި ކަމަށެވެ. އެއީ ހެނދުނު 9:00 އިން ފެށިގެން މެންދުރު 2:00 އާ ހަމައަށް އަދި މެންދުރު ފަހު 3:00 އިން ފެށިގެން އިރުއޮއްސި 6:00 އާ ހަމައަށް އަދި ރޭގަނޑު 8:00 އިން ފެށިގެން 11:00 އާ ހަމައަށް ކަމަށް އެ ޓްވީޓްގައިވެ އެވެ.
މުދާ ޑެލިވަރީ ކުރުމަށް ބޭނުންވާ ނަމަ، ފުލުހުން ދޭ ޚާއްސަ ހުއްދައެއް އެކަމަށް ނަގަން ޖެހެ އެވެ. އަދި ކަމެއްގައި ވެސް ގެއިން ބޭރަށް ނިކުމެވޭނީ ފުލުހުންނަށް ގުޅައި، ހުއްދަ ހޯދައިގެންނެވެ.
ކޮވިޑް-19 އަށް އިއްޔެ މާލެއިން މީހަކު ޕޮޒިޓިވްވުމުން މާލެ ސަރަހައްދު ލޮކްޑައުން ކޮށްފައި ވަނިކޮށް ރޭ ވަނީ އިތުރު ދެ މީހަކު ވެސް އެ ބައްޔަށް ޕޮޒިޓިވްވެފަ އެވެ.
އޭގެ ކުރިން އިނގިރޭސިވިލާތުން ރާއްޖެ އައި ހަތަރު ދިވެއްސަކާއި ފިލިޕީންސް އިން ރާއްޖެ އައި ދިވެއްސަކު ވެސް ވަނީ އެ ބައްޔަށް ޕޮޒިޓިވްވެފަ އެވެ.