"ޗަނަކިއާ" ގެ ރޯލަށް އަޖޭ ބޯ ބާލަނީ
"ޗަނަކިއާ" ގެ ރޯލަށް އަޖޭ ބޯ ބާލަނީ

އިންޑިއާގެ ކުރީގެ ވަރުގަދަ ޝަހުސިއްޔަތެއް ކަމަށްވާ ޗަނަކިއާގެ ރޯލް ކުޅެން އަޖޭ ދޭވްގަން ބޯ ބާލާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ނީރަޖް ޕާންޑޭ ޑައިރެކްޓްކުރާ ޕީރިއަޑް/ބައޮގްރަފިކަލް ޑްރާމާވެގެން ދާނީ ފިލްމެއްގައި ކުޅެން ޖެހޭ ރޯލަކަށް އަޖޭ ބޯ ބާލާ ފުރަތަމަ ފަހަރަށެވެ. ނަމަވެސް އަޖޭ ފަދަ އެކްޓަރުންނަކީ އަބަދު ވެސް އެ މީހުން ކުޅޭ ކެރެކްޓާތަކަށް ވީހާ ވެސް ފުރިހަމައަކަށް އިންސާފުކޮށްދޭން ގެންނަން ޖެހޭ ކޮންމެ ބަދަލެއް ހަށިގަނޑަށް ތަރިންނެވެ.

މި އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ޝޫޓިން ފެށުމަށް ތައްޔާރުވަމުން އަންނަ "ޗަނަކިއާ" ގައި އަޖޭ ކުޅޭނީ އުސްތާޒެއްގެ ގޮތުގައި ވެސް މަޝްހޫރުވި 2-3 ވަނަ ގަރުނުގެ އިލްމުވެރިޔާ އަދި ޕޮލިޓިކަލް ސައިންސާއި އިގުތިސާދީ ދާއިރާގެ ފަންނުވެރިޔާ ޗަނަކިއާގެ ރޯލެވެ.

އޭނާ އަކީ އިންޑިއާގައި ކުރިން އޮތް ޗަންދުރަގުޕްތުގެ ރަސްކަމުގެ ދުވަސްވަރު ޝާހީ މުޝީރެއްގެ ގޮތުގައި ވެސް މަސައްކަތްކުރި މީހެކެވެ. ޝަހުސިއްޔަތަށް ބަލާ އިރު އިސްކޮޅުން ވެސް ދިގު ޗަނަކިއާ އަކީ ފޭރާމެއްގެ ގޮތުގައި އޮރެންޖް ޖުލައިގެ ފޮތިގަނޑެއް ގައިގައި އޮޅާލައިގެން އުޅުނު މީހެކެވެ. އަދި އޭނާ ބޮލުގެ ކުރިމަތިން ތަލަ ނަމަވެސް، ބޮލުގެ މެދުން ކަހަލަ ގޮތަކަށް ފަހަތަށް ދިގުކޮށްފައި އޮންނަ އިސްތަށިގަނޑެއް އޮވެ އެވެ.

"ޗަނަކިއާ" އާ ބެހޭ ގޮތުން މުމްބާއީ މިރާ އަށް ދިން އިންޓަވިއުއްގައި ނީރަޖް ބުނީ ފިލްމަށް އަޖޭ ބޯ ބޭލުމާ ދޭތެރޭ އެއްވެސް ސުވާލެއް ނެތް ކަމަށެވެ. އަދި އަޖޭ އަކީ އަބަދު ވެސް ޕްރޮފެޝަނަލް، ކެރެކްޓާތަކަށް ފުރިހަމަ އަށް ފިޓްވާން ކުރަން ޖެހޭ މަސައްކަތްތައް ކުރާ އެކްޓަރެއް ކަމަށް ބުންޏެވެ.

އޭނާ ބުނީ ކޮރޯނާވައިރަހުގެ ސަބަބުން އިންޑިއާގައި ލޮކްޑައުން އިއުލާންކޮށްފައިވާތީ "ޗަނަކިއާ" ގެ ޕްރި-ޕްރޮޑަކްޝަން މަސަައްކަތްތައް މި ވަގުތު ކުރަމުން އަންނަނީ ފިލްމުގެ ޓީމުގެ މެމްބަރުން ގޭގައި ތިބެގެން ކަމަށެވެ.

"އަހަރެމެން އުންމީދުކުރަނީ ވައިރަހުގެ ހާލަތު ރަނގަޅުވެ، ކުރިން ވެސް ތާވަލުކޮށްފައި އޮތް ދުވަސްވަރު ފިލްމުގެ ޝޫޓިން ފެށޭނެ ކަމަށް." ނީރަޖް ބުންޏެވެ.

"ޗަނަކިއާ" ސިނަމާތަކަށް ގެންނާނެ ތާރީހެއް އަދި އިއުލާނެއްނުކުރެ އެވެ. އެކަމަކު ނީރަޖް ކުރިން ބުނެފައި ވަނީ އެ ފިލްމު ގެނެސްދޭނީ ދެ ބަޔަކަށް ބަހާލައިގެން ކަމަށެވެ.