13 އޮކްޓޯބަރ 2016 - 11:37

ރާއްޖޭގައި މެދު އުމުރުން މަތީގެ މީހުންގެ ލޮލުގެ ފެނުން ރަނގަޅު ކަމަށް، ލޮލާ ގުޅޭ ގޮތުން ރާއްޖޭގައި ހެދި ފުރަތަމަ ދިރާސާއިން ދައްކައިފި އެވެ.
މިދިޔަ ފެބުރުއަރީ މަހު ރާއްޖޭގެ އެކި ސަރަހައްދުތަކުން 50 އަހަރުން މަތީގެ 3،000 މީހުން ހިމަނައިގެން ހެދި މި ދިރާސާއިން ދައްކާ ގޮތުގައި ލޮލުގެ ފެނުމުން މަހުރޫމް ވެފައިވަނީ ދެ ޕަސެންޓް މީހުންނެވެ. އޭގެ ތެރޭގައި ގިނައީ އަންހެނުންނެވެ.
"އެހެންވެ، މުޅި މި ދިރާސާއަށް ބަލާއިރު 50 އަހަރުން މަތީގެ މީހުންގެ ލޮލުގެ ފެނުން ވަރަށް ރަނގަޅު،" ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ އޮފިޝަލަކު ވިދާޅުވި އެވެ.
ދިރާސާއިން ދައްކާ ގޮތުގައި މި އުމުރުގެ މީހުންނަށް އެންމެ އާއްމުކޮށް ދިމާވާ މައްސަލައަކީ ލޮލަށް ފުސް އެރުމެވެ. އެކަމަކު އެ މައްސަލަ ދިމާވާ މީހުންގެ ތެރެއިން 95 ޕަސެންޓް މީހުން އޮޕަރޭޝަން ކުރާ ކަމަށާއި މިއީ ކުރިއަރާފައިވާ ގައުމުތަކުގައި ވެސް މި ފަރުވާ ހޯދާ ނިސްބަތް ކަމަށް އެޗްޕީއޭން ބުންޏެވެ.
އޮޕަރޭޝަނަށް ފަހު 68 ޕަސެންޓް މީހުންގެ ލޯ އެއްކޮށް ރަނގަޅުވެ އެވެ. އެކަމަކު 14 ޕަސެންޓް މީހުންގެ ލޮލަށް އެއްވެސް ބަދަލެއް ނާންނަ ކަމަށް ދިރާސާއިން ދައްކަ އެވެ.
މި ދިރާސާ އަމާޒުކުރީ ވަކި އުމުރުފުރާއަކަށް ވުމުން، މިއިން ރާއްޖޭގެ ގިނަ މީހުންގެ ލޮލުގެ ހާލަތެއް ނޭނގެ އެވެ. އެކަމަކު އާސަންދައިގެ ތަފާސްހިސާބުތަކަށް ބަލާއިރު 2013 ވަނަ އަހަރު، 16،000 އަށް ވުރެ ގިނަ މީހުން އައިނު ހެއްދި އެވެ. އަދި 2014 ގައި 26،000 އަށް ވުރެ ގިނަ މީހުން ވަނީ އައިނު ހައްދައިފަ އެވެ.
ލޮލުގެ ހާލަތު ދެނެގަތުމަށް މީގެ ކުރިން ރާއްޖޭގައި އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެ އެވެ. އެކަމަކު ސްކޫލަށް ވަންނަ އުމުރުގެ ކުދިންގެ ލޯ ޗެކުކުރަން ކޮންމެ އަހަރަކުހެން ސްކްރީން ކުރެ އެވެ.
ދުނިޔޭގެ ލޮލުގެ ފެނުމުގެ ދުވަސް މިއަދު ފާހަގަކުރާއިރު ލޮލުގެ ފެނުން ދަށް ނުވަތަ ފެނުމުން މަހުރޫމް ވެފައިވާ މީހުންގެ އަދަދު 285 މިލިޔަނަށް އަރަ އެވެ.