16 އެޕްރީލް 2020 - 10:28

ރާއްޖޭގައި ތިބި ތައިލެންޑް މީހުންގެ ތެރެއިން އެނބުރި ގައުމަށް ދާން ބޭނުން 55 މީހުންނާ އެކު މޯލްޑިވިއަންގެ ކާގޯ ފްލައިޓެއް މިއަދު ފުރައިފި އެވެ.
މި ކާގޯ ފްލައިޓުގައި ތައިލެންޑުގެ ޓޫރިސްޓުންގެ އިތުރުން ވޯކް ޕާމިޓުގައި ރާއްޖޭގައި މަސައްކަތް ކުރާ ބައެއް މީހުން ވެސް ހިމެނެ އެވެ. މިއީ އެ ގައުމުގައި ތިބި ދިވެހި އާއިލާތަކަށް ފޮނުވާ "ކެއާ ޕެކޭޖުތަކާ" އެކު ފުރި ފްލައިޓެކެވެ.
ރާއްޖެއަށް ބޭނުންވާ ޒަރޫރީ ސާމާނު ގެންނަން މޯލްޑިވިއަނުން އަންނަނީ އެކި ގައުމުތަކަށް ކާގޯ ފްލައިޓުތައް ބާއްވަމުންނެވެ. މި ފްލައިޓުތައް ފުރުމުގެ ކުރިން އެ ގައުމެއްގައި އުޅޭ ދިވެހި އާއިލާތަކަށް ފޮނުވާ ތަކެއްޗާއި ރާއްޖޭގައި އުޅޭ އެ ގައުމެއްގެ މީހުން ގެންދަން ވެސް މޯލްޑިވިއަނުން އަންނަނީ ފޮރިން މިނިސްޓްރީއާ ގުޅިގެން މަސައްކަތް ކުރަމުންނެވެ.
މީގެ ކުރިން އިންޑިއާ އާއި ސްރީ ލަންކާ އަދި ޔޫއޭއީ އާއި މެލޭޝިއާއަށް ވެސް މޯލްޑިވިއަން އިން ދަތުރުތަކެއް ބޭއްވި އެވެ.
މީގެ އިތުރުން އިންޑިއާ އާއި ސްރީ ލަންކާ އަދި މެލޭޝިއާގައި ތާށިވެފައި ތިބި ދިވެހިން ވެސް މޯލްޑިވިއަންގެ ފްލައިޓުތަކުގައި އަންނަނީ ގެންނަމުންނެވެ.
އިއްޔެ މާލެ އިން ކޮވިޑް-19ގެ ބަލިމީހަކު ފެނުމުން މޯލްޑިވިއަންގެ އެތެރޭގެ އުދުހުންތައް މިހާރު ވަނީ މެދުކަނޑާލައިފަ އެވެ.