ލޮކްޑައުންގައި ފުރަތަމަ ދުވަސް
ލޮކްޑައުންގައި ފުރަތަމަ ދުވަސް

ގާތްގަނޑަކަށް ދެ ލައްކަ މީހުން އެއްފަހަރާ ގޭގައި ބަންދުވީ އެވެ.

ލޮކްޑައުންގައި ފުރަތަމަ ދުވަސް
ލޮކްޑައުންގައި ފުރަތަމަ ދުވަސް

ޒަމާނީ ހަލަބޮލިކަމުގެ އިރު މާލެއަށް އެރި ފަހުން، ފުރަތަމަ ފަހަރަށް މާލޭގެ މަގުތައް ހުސްވެ، އިންސާނުންގެ ހެލިފެލިވުމުން މަހުރޫމްވީ އެވެ.

ލޮކްޑައުންގައި ފުރަތަމަ ދުވަސް
ލޮކްޑައުންގައި ފުރަތަމަ ދުވަސް

ކޮރޯނާވައިރަސްގެ ހަލުއި ފެތުރިގަތުމުގައި ދުނިޔޭގެ ބޮޑެތި ސިޓީތައް ހިމޭންކޮށްލި ފަދައިން ރާއްޖޭގެ ވެރިރަށުގެ ރައްޔިތުން އިއްޔެ މެންދުރު 2:30 އިން ފެށިގެން، 24 ގަޑިއިރަށް ގޭގައި މައިތިރިވެ، 21 ގަރުނުގެ އެންމެ ހިތްދަތި ތަޖުރިބާގެ ތެރެއަށް ވެއްދީ އެވެ.

ލޮކްޑައުންގައި ފުރަތަމަ ދުވަސް
ލޮކްޑައުންގައި ފުރަތަމަ ދުވަސް

ސައިންސް ބުނާ ވާހަކަ ރަނގަޅެވެ. ސައިންސްވެރިންގެ ލަފާކުރުންތައް އަދި އަންނަނީ ދިމާވަމުންނެވެ. ބަލިމަޑުކަން ދެމިގެންދާ ގޮތް ދައްކައިދޭ ރޮނގުތަކުން އަންގައިދޭ މިސްރާބު ހުރީ، ހިސާބުތައް ޖަހާ ގޮތާ ދާދި އެއް ހަމައެއްގަ އެވެ.

އެއްވެސް ދިވެއްސަކަށް ދެން ދެބަސްވެވޭކަށް ނެތެވެ. ކޮރޯނާވައިރަސް އަކީ 21 ގަރުނުގައި މުޅި އިންސާނިއްޔަތަށް ކުރިމަތިވި އެންމެ ބޮޑު ނުރައްކަލެވެ. އެހެން އެއްވެސް ވައިރަސްއެއް ފެތުރިގެން ނުދާހާ ބާރަށް، އެހާމެ ސިއްރުން، އެކެއްގެ ހަށިގަނޑުން އަނެކެއްގެ ހަށިގަނޑަށް އެބަ ވަދެ އެވެ. ދިފާއީ ނިޒާމު ބަލިކަށި މީހުންގެ ފުއްޕާމޭ ތޮރުފާލައި، ނޭވާނުލެވޭވަރު އެބަކޮށްލަ އެވެ. އޭގެ ތެރޭގައި ގިނައީ އުމުރުން ދުވަސް ވީ ނުވަތަ އެހެން ބަލިތަކެއްގެ ސަބަބުން ދިފާއީ ބާރު ދަށްވެފައިވާ މީހުން އެކަންޏެއް ނޫނެވެ. ގިނަ އަދަދަކަށް ޒުވާނުން ވެސް އެބަ މަރުވެ އެވެ. އޭގެ ސަބަބެއް ސީދާ ނޭނގެ އެވެ.

އެކަމަކު މިހާތަނަށް އެނގެނީ މިހާރު ފެތުރިގެން މިއުޅޭ ކޮރޯނާވައިރަސްއާ ބެހޭ ހުރިހާ މައުލޫމާތެއް އަދި ސާފު ނޫން ކަމެވެ. އަހަރެމެން އެންމެން ވެސް މައިތިރިވެ، ސިއްހީ އެހީތެރިންގެ އިރުޝާދުތަކަށް ތަބާއަވުން އިސްކުރަން މި ޖެހެނީ، ވައިރަސްއާ ބެހޭ ދުނިޔޭގެ އެންމެ މަތީ އިލްމުވެރިންނަށް ވެސް ޖަވާބު ނުލިބޭ ބައެއް ކަންކަން ހުރުމުން، އެއާ ދުރުގައި އުޅުން ނޫން ގޮތެއް ނެތުމުންނެވެ.

ކޮރޯނާވައިރަސްއާ ދުރުގައި ހުރުމަކީ ގެއިން ބޭރަށް ނުނިކުތުމެވެ. އަބަދު އަތް ދޮވުމެވެ. ތަންތަނުގައި އަތް ނުލުމެވެ. މޫނުގައި އަތް ނުކޭއްތުމެވެ.

އުމުރުން 30ގެ އަހަރުތައް ގުނަމުން އަންނަ ޒުވާން މަޔަކު، ހުމާ އުޅޭތީ، މިދިއަ އަންގާރަދުވަހު، ސިނަމާލެ ކައިރީގައި ހުންނަ ފުލޫ ކްލިނިކަށް ދެއްކި އެވެ. އޭނާގެ ފަރާތުން ފެނުނީ ކޮރޯނާވައިރަސް އިން ޖައްސާ ބަލި، ކޮވިޑް-19 ގެ އަލާމާތްތަކެވެ. އެކަމަކު މި ފަހުން އޭނާ ރާއްޖެ އިން ބޭރަށް ގޮސްފައެއް ނުވެ އެވެ. އަދި ކޮވިޑް-19 އަށް ޕޮޒިޓިވް މީހަކާ ސީދާ ބައްދަލުވެފައި އޮތް ކަމަކަށް ވެސް، މިހާތަނަށް ހާމަވި މައުލޫމާތުން އެނގޭކަށް ނެތެވެ.

އޭނާގެ ޓެސްޓްގެ ނަތީޖާ އައުމާ އެކު، ޒުވާން އެ މަންމަ ވެގެން މިދިއައީ މާލޭގައި، ރާއްޖޭގައި، އާންމުންގެ ތެރޭގައި ކޮރޯނާވައިރަސް ފެތުރެމުން އެބަ ދާކަން ކަށަވަރުކޮށްދިން ފަރާތަށެވެ. އެއާ އެކު ދުނިޔޭގެ އެހެން ގައުމުތަކުގައި ދެމިގެން އެދާ ބިރު ރާއްޖޭގެ އެންމެ ބޮޑު އާބާދީގެ ތެރެއަށް ފާވެއްޖެކަން ޔަގީންވީ އެވެ.

ދުނިޔޭގައި ކޮރޯނާވައިރަސް ފެތުރެމުގައި ދައްކާ އާދަތަކުގެ މިސްރާބާ އެއްގޮތަށް ރާއްޖޭގައި ހެދި ލަފާކުރުންތަކުން ފެނިފައި އޮތީ ވެސް އެޕްރީލް މެދުތެރޭގައި، ކޮމިޔުނިޓީ ސްޕްރެޑަކަށް ހިނގައިދާނެ ކަމެވެ. އަދި ރައްކާތެރިކަމުގެ ފިޔަވަޅުތައް ނާޅައިފި ނަމަ، އަދި އެ ފިޔަވަޅުތަކަށް އާންމުން ކިޔަމަން ނުވެއްޖެ ނަމަ ގާތްގަނޑަކަށް ލައްކައަކަށް ވުރެ ގިނަ މީހުންގެ ހަށިގަނޑަށް އެ ވައިރަސް ދަތުރުކޮށްފާނެ ކަމެވެ.

ދުނިޔޭގެ އެހެން ގިނަ ސިޓީތަކާ މާލެ ތަފާތެވެ. މިއީ ދުނިޔޭގެ ނިސްބަތުން އެންމެ ތޮއްޖެހުން ބޮޑު އެއް ސަހަރެވެ. ކުޑަ ކޮޓަރިއެއްގައި އެތައް ބަޔަކު، ކުޑަ އެޕާޓްމެންޓެއްގައި ދެ އާއިލާ، ތިން އާއިލާ ވެސް، ދަރިންނާ އެކު އުޅެ އެވެ. އެހެންކަމުން ކޮރޯނާވައިރަސް ކަހަލަ ބާރަށް ފެތުރޭ ވައިރަހެއް އާންމުންގެ ތެރޭގައި ގައިންގަޔަށް އަރަން ފެށުމަކީ ބިރު ބޮޑު ކަމެކެވެ.

ކޮރޯނާވައިރަސް ހަށިގަނޑުގައި ހުރި އެންމެންގެ ފަރާތުން ބަލީގެ ނިޝާނެއް ނުފެނެ އެވެ. އެއީ ވައިރަސް ހުރިކަން ނޭނގި އެ ފަތުރަމުން ދާ މީހުންނެވެ.

މާލެ އިން ފެނުނު ފުރަތަމަ ކޭސް ނިސްބަތްވާ ޒުވާން މަންމަގެ ހަށިގަނޑަށް ވައިރަސް ގޮސްފައި އެވަނީ، މިވަގުތަށް ލަފާކުރެވޭ ގޮތުގައި، އޭގެ މީހެއްގެ ސަބަބުންނެވެ.

އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19 ގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް)ގެ ލީޑަރު ޑރ. އަލީ ލަތީފު ވެސް އެގޮތަށް ވިދާޅުވި އެވެ. އޭގެ ފަހުން އޭނާ ދެއްވީ، އެކަމުން ސަލާމަތްވެގެން ތިބެވޭނެ ގޮތުގެ މެސެޖެވެ.

"އެންމެ މުހިއްމު ކަމަކީ މަގުމައްޗަށް ވަޑައިނުގަތުން،" މީގެ ދެ މަސް ކުރިއްސުރެ ތަކުރާރު ކުރައްވަމުން ގެންދަވާ ނަސޭހަތް، ޑރ. އަލީ ލަތީފު ވިދާޅުވި އެވެ.

ލޮކްޑައުންއާ އެކު ރައްޔިތުން އެ ތިބީ މަގުމައްޗަށް ނުނިކުމެވޭ، ގާނޫނީ މަޖުބޫރީ ހާލަތުގަ އެވެ. ސަލާމަތީ ބާރުތަކުން މާލެ ސަރަހައްދު ބަލަން ފަށައިފި އެވެ. އަދި ލޮކްޑައުންއާ ހިލާފުވާ މީހުންނާ މެދު ހަރުކަށިކޮށް އަމަލްކުރާނެ ކަމުގެ އިންޒާރު ވެސް ދީފި އެވެ.

ރާއްޖޭގެ ވެރިރަށުގެ މަގުތައް މުޅިން ހުސްވެ، އެންމެން ގެއަށް ވަންނަން ޖެހުނީ ކުއްލިއަކަށް ކަމުން، އެތައް ބަޔަކަށް ދިމާވާނެ އުނދަގޫތައް ވެސް ގިނަ އެވެ. އެކަމަކު މިއީ އަންނާނެ ދަނޑިވަޅެއް ކަމަށް ބަލައި، ވަރަށް ގިނަ ބަޔަކު އަސާސީ ބައެއް އެއްޗެހި ހުރީ ކުރިއާލައި، ހޯދައިފަ އެވެ.

ގޭގެއަށް ޑެލިވަރީކޮށްދޭން ކުރިމަތިލި، އަދި އެކަމަށް ހުއްދަ ދިން ފިހާރަތަކަށް އޮބިއޮންނަ ވަރަށް ވުރެ އޯޑަރުތައް ދިޔައީ ގިނަވަމުންނެވެ. އެހެންކަމުން ރޭ ބައެއް ތަންތަނުން އިތުރު އޯޑަރު ނެގުން ވެސް ހުއްޓާލި އެވެ. މިއަދު ބައެއް ތަންތަނުން އަދި ފޯނެއް ނުނަގަ އެވެ.

ބައެއް ފިހާރަތަކުން ބުނީ އޯޑަރު ލިބޭ ވަރަށް ޑެލިވަކުރަން ބޭނުންކުރަން ޖެހޭ ވެހިކަލްތަކަށް ހާއްސަ ހުއްދަ ލިބިފައި ނުވާ ކަމަށެވެ. ލޮކްޑައުން ކުރިއަށް ގެންދާ ނަމަ، ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުން އެކަމަށް އަވަސް ހައްލެއް ގެންނަން ޖެހޭނެ ކަމަށް، ހިދުމަތް ފޯރުކޮށްދޭ ބައެއް ފަރާތްތަކުން ބުނެ އެވެ.

މިއީ ވެސް މުޅިން އާ ހާލަތެކެވެ. ގާތްގަނޑަކަށް ދެ ލައްކައެއްހާ މީހުން ގޭގައި ބަންދުވުމުން ދެން ދިމާވާނެ މައްސަލަތައް ހައްލުކުރަން ވެސް ޖެހިފައި މި އޮތީ ލިބެމުން އަންނަ ތަޖުރިބާއަށް ބަލައިފަ އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުން ފެށިގެން، ޑޮކްޓަރުންނާއި ސިއްހީ ދާއިރާގެ އިސް ވެރިން ވެސް އާންމުންގެ ކެތްތެރިކަމަށް އެދިވަޑައިގަންނަވަނީ، އެ އުނދަގޫތަކާއި ދަތިތައް ހުރީމަ އެވެ.

އެކަމަކު އެ ދަތިތަކަށް އަވަސް ހައްލެއް އެބަ ބޭނުންވެ އެވެ.

ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އިއްޔެ ވިދާޅުވީ އާއްމުންގެ ތެރެއިން ޕޮޒިޓިވް ކޭސްއެއް ފެނިއްޖެ ނަމަ ހަލުވިކަމާ އެކު ފެތުރުނަނުދީ ލަސްކުރެވެން އޮތް ފިޔަވަޅުތައް އެޅުން ނޫން ގޮތެއް ނެތް ކަމަށެވެ. އޭގެ ވެސް އެންމެ ބޮޑު ހައްލަކީ އަދި ފަރުވާއަކީ "ގޭގައި މަޑުކުރުން" ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ދެން ހުރި ކަންކަން ސަރުކާރުން ކޮށްދޭނެކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.

"އާއްމުންނަށް ބޭނުންވާނެ ހުރިހާ އަސާސީ ޚިދުމަތްތަކެއް ފޯރުކޮށްދޭން ސަރުކާރުން އޮތީ ދުރާލައި ތައްޔާރުވެފައި،" އަމީން ވިދާޅުވި އެވެ.

ޑރ. އަލީ ލަތީފު ވިދާޅުވީ މާލެ ލޮކްޑައުން ކުރުމުން އެތައް ބަޔަކަށް ތަކްލީފުތަކެއް ކުރިމަތިވިޔަސް އެއްބާރުލުން ދިނުން މުހިއްމު ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި މިއީ އެތައް ބައެއްގެ ފުރާނައާ ގުޅިފައި އޮތް ނުރައްކަލެކެވެ. އެހެންކަމުން އެ އެންގުންތަކާ ހިލާފަށް އަމަލްތައް ބަހައްޓައިފި ނަމަ މުޅި ރާއްޖެއަށް ވެސް ބަލި ފެތުރުމުގެ ބިރު އޮތްކަން އޭނާ ހަނދާންކޮށްދެއްވި އެވެ.

އެގޮތުން މާލޭގައި ގިނަ ބަޔަކަށް ބަލި ޖެހިއްޖެ ނަމަ، އަތޮޅު ތެރެއަށް ވެސް މިބަލި ފެތުރުމުގެ ފުރުސަތު ބޮޑު ކަން ފާހަގަކުރެއްވި އެވެ. އޭގެ ފަހުން އޭނާ ވިދާޅުވީ، ހާލަތަށް ބަލައި، މާލޭގެ ލޮކްޑައުންގެ މުއްދަތު އިތުރުކުރަން ވެސް ޖެހިދާނެ ކަމަށެވެ.

މި ވަގުތު ވެރިރަށުގެ ބޮޑު އާބާދީ އެ އޮތީ ގޭގަ އެވެ. ކާރޫބާރޫ ބޮޑު މާލެ މުޅިން ހިމޭންވެފަ އެވެ. ޒުވާން މަންމަގެ އިތުރުން އޭނާގެ ތުއްތު ދަރިފުޅާއި އޭނާއާ ކައިރީގައި ވަގުތު ހޭދަކުރި އެހެން އަންހެނަކު ވެސް، ކޮވިޑް-19 އަށް ރޭ ޕޮޒިޓިވް ވެއްޖެ އެވެ. އެކަމަކު ފުރަތަމަ ބުރުގައި ހެދި މުހިންމު ޓެސްޓްތަކުގެ ގިނަ ނަތީޖާ ފެނުނީ ނެގެޓިވްކޮށެވެ.

މިއީ ބިރުވެރި ދަނޑިވަޅެކެވެ. މިއީ ﷲގެ ހަޒުރަތުގައި ދުއާ ދަންނަވައި، އެންމެން ވެސް ހިތްހެޔޮކަން އިސްކުރަންވީ ވަގުތެވެ. ގޭގައި ތިބެގެން އެކަން ކުރާނެ ވަގުތު އެންމެންނަށް ވެސް މި އޮތީ ލިބިފަ އެވެ.