17 އެޕްރީލް 2020 - 10:08

މީގެ ފަސް އަހަރު ކުރިން އަކްޝޭ ކުމާރާ އެކު ގެނެސްދިން ކާމިޔާބު އެކްޝަން ތުރިލާ "ބޭބީ" ފްރެންޗައިޒަކަށް ހެދުމުގެ ވިސްނުން އެބަހުރި ކަމަށް ޑައިރެކްޓަރު ނީރަޖް ޕާންޑޭ ބުނެފި އެވެ.
ބޮލީވުޑް ލައިފަށް ދިން އިންޓަވިއުއެއްގައި އޭނާ ބުނީ "ބޭބީ" ގެ މަސައްކަތް ފެށި އިރު ވެސް، އޭގެ ވާހަކަ އިތުރަށް ދަންމާލައި ބައިތަކަކަށް ގެނެސްދިނުމުގެ ވިސްނުން ސިކުނޑީގައި ބެހެއްޓި ކަމަށެވެ. އެގޮތުން އެ ފިލްމުގެ ސްޕިން-އޮފެއްގެ ގޮތުގައި 2017 "ނާމް ޝަބާނާ" ކިޔާ ފިލްމެއް ވެސް ގެނެސް ދީފައިވެ އެވެ. އަކްޝޭގެ ހާއްސަ ފެނިލުމެއް ހިމެނޭ އެ ފިލްމުގެ މައި ކެރެކްޓާ އަކީ ތާޕްސީ ޕައްނޫ ކުޅުނު ޝަބާނާ ޚާންގެ ރޯލެވެ.
އަޖޭ ދޭވްގަނާ އެކު "ޗަނަކިއާ" ކިޔާ ޕީރިއަޑް ފިލްމެއް ހެދުމުގެ ތައްޔާރީތައްވަމުން އަންނަ ނީރަޖް ބުނީ "ބޭބީ" ފްރެންޗައިޒަކަށް ހަދާ އިރު، އެންމެ މުހިއްމު ކަމަކީ ވާހަކަ އިތުރަށް ކުރިއަށް ގެންދާނެ ޕްލޮޓްތަކެއް ކަމަށެވެ.
"މި ވަގުތު އަހަންނަށް އޭގެ މަސައްކަތްކުރެވެން ނެތަސް އަހަރެން މިހުރީ ބޭބީގެ ވާހަކަ އިތުރަށް ޑިވެލޮޕްކޮށް ދޭނެ ޓީމަކަށް އިންތިޒާރުކޮށްގެން. އެހެންވީމާ ކޮންމެވެސް ދުވަހަކުން ވެސް ބޭބީގެ އިތުރު ބައިތަކެއް ބެލުންތެރިންނާ ހަމައަށް ގެނެސްދޭނަން،" އޭނާ ބުންޏެވެ.
ނީރަޖް ބުނިގޮތުގައި ފިލްމެއް ފްރެންޗައިޒަކަށް ހަދާ އިރު، ހަމަ ފިލްމުތަކެއް ހެދުމުގެ ބޭނުމުގައި އެކަން ކުރުމުގެ މާނައެއް ނެތެވެ. ނަމަވެސް އޮއްޓަރު ހުރި ވާހަތަކެއް ވަރަށް މުހިއްމު ކަމަށާއި ފްރެންޗައިޒަކަށްވާނީ ވެސް ބެލުންތެރިންނަށް ކަމުދާ ކަހަލަ ހާދިސާތަކެއް ކިޔައިދެވިގެން ކަމަށް ބުންޏެވެ.
"އަހަރެން ބޭނުން ވަނީ ވަރަށް ވަރުގަދަ ޕްލޮޓްތަކަކާ އެކު ބޭބީ ކުރިއަށް ގެންދަން. އެ މަސައްކަތްކުރާނަން." އޭނާ ބުންޏެވެ.
"ބޭބީ" އާއި "ނާމް ޝަބާނާ" ގެ ކާމިޔާބަށް ފަހު، ނީރަޖް އަކްޝޭއާ އެކު "ކްރެކް" ކިޔާ ފިލްމެއް ވެސް 2016 ގައި އިއުލާންކުރި އެވެ. ނަމަވެސް އޭގެ މަސައްކަތް ހުއްޓައިލީ ސްކްރިޕްޓާ ދޭތެރޭ ހިތްހަމަނުޖެހިގެން ކަމަށް ދާދި ފަހުން ދިން އިންޓަވިއުއެއްގައި އޭނާ ބުންޏެވެ.
ނީރަޖް އެންމެ ފުރަތަމަ އަކްޝޭއާ އެކު ގެނެސްދިން ފިލްމަކީ 2013 ގެ "ސްޕެޝަލް 26" އެވެ.