15 އެޕްރީލް 2020 - 23:47

ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހަކު މާލެއިން މިއަދު ފުރަތަމަ ފަހަރަށް ފެނުމުން، ކޮންޓެކްޓް ޓްރޭސިން ހެދުމަށާއި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުގައި މާލެ ސަރަހައްދު ލޮކްޑައުންކޮށްފައިވާ ވަގުތު، ޒަރޫރީ ބޭނުމެއްގައި ވެސް ގެއިން ބޭރަށް ނުކުންނަ ނަމަ ރަޖިސްޓްރީ ވާން ގުޅަން ޖެހޭ ނަންބަރު ފުލުހުން އާންމުކޮށްފި އެވެ.
ފަރުވާއެއް ހޯދިފައި ނުވާ މި ބަލި ޖެހިފައިވާ އެއްވެސް މީހަކާ ކޮންޓެކްޓްވެފައި ނުވާ މީހަކު މި ބައްޔަށް ޕޮޒިޓިވްވުމުން، މާލެ، ވިލިމާލެ، ހުޅުމާލެ، ތިލަފުށި އަދި ގުޅިފަޅު 24 ގަޑިއިރަށް ލޮކްޑައުން ކުރީ މިއަދު މެންދުރު 2:30 ގަ އެވެ. ލޮކްޑައުން ވަގުތުގައި ކަމާ ބެހޭ އިދާރާތަކުގެ އިރުޝާދާ ދެކޮޅަށް އަމަލުކުރާ މީހުންނާ މެދު ހަރުކަށި ފިޔަވަޅު އަޅަން ނިންމާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ޒަރޫރީ ބޭނުމެއްގައި އެއްޗެއް ގަންނަން ގެއިން ބޭރަށް ދާން ޖެހިއްޖެ ނަމަ، 3034444 އަށް ގުޅައި ނެޝަނަލް އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެންއޯއީސީ) ގެ ފުލުހުންގެ ގްރޫޕަކާ އެކު ރަޖިސްޓްރީ ވާން ޖެހޭނެ ކަމަށް ފުލުހުން ބުންޏެވެ. އަދި ބޭރަށް ނިކުންނަ ނަމަ، އައިޑީ ކާޑު ހިފައިގެން ނިކުންނަން ޖެހޭނެ ކަމަށް ފުލުހުން ބުނެފައި ވެ އެވެ.
އުޅަނދަކަށް މި ފާސް ބޭނުންވެއްޖެ ނަމަ، އެކަމަށް އެދި[email protected]އަށް އީމެއިލް ކުރަން ވެސް ފުލުހުން ވަނީ އެދިފަ އެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ އެންގުމުގައިވާ ގޮތުން ލޮކްޑައުންގެ ހާލަތުގައި އިސްތިނާވަނީ، ސިފައިންނާއި ފުލުހުންނާއި ސިއްހީ ހިދުމަތްދޭ އިދާރާތަކުގެ މުވައްޒަފުންނާއި އެ މުވައްޒަފުންގެ އުޅަނދާއި އެމްބިއުލެންސާއި ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ފާސް ލިބިފައިވާ މީހުންނާއި އެ ފާސްދޫކޮށްފައިވާ މީޑިއާތަކުގެ މީހުން އެކަންޏެވެ.
ނަމަވެސް ހޮސްޕިޓަލްތަކާއި ކްލިނިކްލަތަކަށް ދަތުރުކުރުމަށް، ކާފިއު އިއުލާނުކުރިއިރު ޓެކްސީތަކަށް ދޫކުރި ހުއްދަ ބޭނުން ކުރެވޭނެ ކަމަށް މިއަދު ހަވީރު ދިން ނިއުސް ބްރީފިންގައި ފުލުހުން ބުންޏެވެ. އޭގެ އިތުރުން މިރޭ 7 ން ދަންވަރު 12 އާ ހަމައަށް، ޑެލިވަރީ ކުރުމަށް މީގެ ކުރިން ހުއްދަ ދީފައިވާ ފަރާތްތަކަށް އެކަން ކުރެވޭނެ އެވެ.