15 އެޕްރީލް 2020 - 22:40

މާލެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހާ ދިރިއުޅުނު މ. ޖަރީމާގެ އަށް މީހުން ވަދެ ނުކުމެ އުޅުން މަނާކޮށްފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނެފިި އެވެ.
އެޗްޕިއޭއިން މިރޭ ކުރި ޓްވީޓެއްގައި ބުނީ ޖަރީމާގޭގެ އިމާރާތަށް މީހުން ވަދެ ނުކުމެ އުޅުން މަނާކޮށްފައިވާ ކަމަށެވެ. އެޗްޕީއޭއިން މި މައުލޫމާތު މިހާރު އާއްމު ކުރި ނަމަވެސް، މާލެއިން ކޮވިޑްގެ ޕޮޒިޓިވް ކޭހެއް ފެނުމާ އެކު މިއަދު ހެނދުނު އެ ގެ ވަނީ މޮނިޓަރިން އަށް ލައިފަ އެވެ.
ކޮވިޑް-19 އަށް ޝައްކުކުރެވިގެން މާލޭގެ ބައެއް ގެތަކަށް މީހުން ވަދެ ނުކުމެ އުޅުން މީގެ ކުރިން ވެސް އެކި ފަހަރު މަތިން އެކި މުއްދަތަށް މަނާކޮށްފައި ވެއެވެ. އެކަމަކު އެ ގެތަކުގެ ނަންތައް ހާމަ ކުރުމަކީ ކުރިން ކުރާ ކަމެއް ނޫނެވެ. އެޗްޕީއޭއިން ކުރިއްސުރެ ބުނަމުން އަންނަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އައިޑެންޓިޓީ ވެސް ހާމަ ނުކުރާނެ ކަމަށެވެ.
މާލެއިން ފުރަތަމަ ފަހަރަށް މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވުމުން ބަންދުކޮށް މޮނިޓާ ކުރަމުން އަންނަ ތިން ގެއެއްގެ ނަން މިރޭ ހާމަ ކުރި އެވެ. އެއީ ޖަރީމާގޭގެ އިތުރުން ހ. ރަތްކުރެދި އަދި ސ. ހިތަދޫ ނޫމަސް ވާދީ އެވެ.
މާލެއިން ކޮވިޑްގެ ކޭސްއެއް ފެނުމުން މާލެ ސަރަހައްދު މިއަދު ވަނީ 24 ގަޑި އިރަށް ލޮކްޑައުންކޮށްފަ އެވެ. މި ވަގުތުތަކުގައި މާލެ ސަރަހައްދުގައި ބަނދަރުކޮށްފައިވާ އުޅަނދުތައް ފުރުމާއި މި ސަރަހައްދަށް އުޅަނދުތައް އައުމަކީ މަނާ ކަމެކެވެ. ނަމަވެސް ވިލިމާލޭގައި ދިރިއުޅޭ މީހުންގެ ތެރެއިން މި ވަގުތު މާލޭގައި ތިބި މީހުން، ފުލުހުންނަށް ގުޅައި އެ މައުލޫމާތު ސާފުކުރުމަށް ފަހު ދިއުމުގެ ހުއްދަ ދޭނެ ކަމަށް ފުލުހުން މިއަދު ހަވީރު ބުންޏެވެ.