15 އެޕްރީލް 2020 - 20:03

މޯލްޑިވް ގޭސް ޑެލިވަރީކޮށްދިނުން، މާލެ ލޮކްޑައުން ކުރުމުން މެދުކަނޑާލާފައި ވިޔަސް ކޮންމެހެން ބޭނުންވާ ފަރާތްތަކަސް މިރޭ ގޭސް ޑެލިވަކޮށްދޭން މޯލްޑިވް ގޭހުން ނިންމައިފި އެވެ.
އެ ކުންފުނިން ބުނީ މިރޭ 8:00 ން 9:30 އަށް ގޭސް ޑެލިވަރީކޮށްދޭނެ ކަމަށެވެ. ގޭސް ޑެލިވަރީ ކުރަން ބޭނުންވާ މީހުންނަށް މޯލްޑިވްް ގޭހުގެ ވެބްސައިޓް މެދުވެރިކޮށް އަދި އެސްއެމްއެސް މެދުވެރިކޮށް ވެސް އޯޑަރު ދެވޭނެ އެވެ.
މިނޫން ވަގުތެއްގައި މިރޭ ގޭސް ޑެލިވަރީ ނުކުރާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
އެސްއެމްއެސް މެދުވެރިކޮށް އޯޑަރުދޭ ނަމަ ކަސްޓަމަރެއްގެ ކޯޑާއި އައިޑީކާޑު ނަންބަރު އަދި އައިޓަމް ކޯޑު ޖެހުމަށް ފަހު 7201616 އަށް މެސެޖު ކުރުމުން އޯޑަރު ދެވޭނެ އެވެ. އަދި އިތުރު އެހީއެއް ބޭނުންވާ ނަމަ "ހެލްޕް" ޖެހުމަށް ފަހު އެސްއެމްއެސް ކުރުމުން އެ ހިދުމަތް ވެސް ލިބޭނެ އެވެ. އަދި ރީ-އޯޑާ ކުރާ ކަސްޓަމަރުން، އެ މީހެއްގެ ކޯޑާއި އައިޑީ ކާޑު ނަމްބަރު އެކަނި ފޮނުވުމުން ވެސް ގޭހަށް އޯޑަރު ކުރެވޭނެ ކަމަށް މޯލްޑިވް ގޭސް އިން ބުންޏެވެ.
މޯލްޑިވް ގޭސް އިން ވަނީ އެ ކުންފުނީގެ ކަސްޓަމަރުންނަށް ގޭގައި ތިބެގެން އޮންލައިންކޮށް ގޭހަށް ފައިސާ ދެއްކޭ އިންތިޒާމު ވެސް ހަމަޖައްސައިފަ އެވެ. އެގޮތުން އެ ކުންފުނީގެ ވެބްސައިޓު މެދުވެރިކޮށް ފައިސާ ދެއްކުމާއި ގޭހަށް އޯޑަރު ދީގެން ހިދުމަތް ހޯދޭނެ އެވެ.
މޯލްޑިވް ގޭސް އިން މީގެ ކުރިން ވެސް ވަނީ ބަލިމަޑުކަމުގެ މި ހާލަތުގައި ރައްކާތެރިކަމުގެ ގޮތުން ހިދުމަތަށް ބަދަލުތައް ގެނެސްފަ އެވެ. އެގޮތުން، މިދިޔަ މަހު އެ ކުންފުނިން ވަނީ ގޭސްފުޅިތަކާއި ވެހިކަލްތައް ޑިސްއިންފެކްޓު ކުރަން ވެސް ފަށައިފަ އެވެ.
މާލެ 24 ގަޑިއިރަށް ލޮކްޑައުން ކޮށްފައިވަނީ ފުރަތަމަ ފަހަރަށް މާލެއިން މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންނެވެ. މިއާ އެކު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 21 އަށް އަރައިފަ އެވެ.