އެންމެ ފަހު މީހާ ދޫކޮށްލުމާ އެކު ވޫހާންގެ ވަގުތީ ހޮސްޕިޓަލް ބަންދު
އެންމެ ފަހު މީހާ ދޫކޮށްލުމާ އެކު ވޫހާންގެ ވަގުތީ ހޮސްޕިޓަލް ބަންދު

ވޫހާން (އެޕްރީލް 15) - ޗައިނާގެ ވޫހާން ސިޓީގައި ކޮރޯނާވައިރަހަށް ޕޮޒިޓިވްވާ މީހުން އިތުރުވުމުން ހޮސްޕިޓަލްތައް ފުރިގެން، ބަލި މީހުންނަށް ފަރުވާ ދިނުމަށް 10 ދުވަހުން ހެދި ވަގުތީ ހޮސްޕިޓަލުގައި ބަލި މީހަކު ނެތިގެން އެ ތަން ބަންދުކޮށްފި އެވެ.

ލެއިޝެންޝަން ހޮސްޕިޓަލްގައި އޮތް އެންމެ ފަހު ބަލި މީހާ ދޫކޮށްލި ނަމަވެސް އެ މީހާ ވަނީ އެހެން ހޮސްޕިޓަލަކަށް ބަދަލުކޮށްފަ އެވެ.

ވޫހާންގެ ވަގުތީ ހޮސްޕިޓަލުގައި ބަލި މީހަކު ނެތް ނަމަވެސް އެ ތަން ރޫޅާލަން އަދި ގަސްދުކޮށްފައެއް ނުވެ އެވެ. ވޫހާން އިން ވައިރަސް ކޮންޓްރޯލް ކުރި ނަމަވެސް އެ ހޮސްޕިޓަލް ހުންނާނީ ބޭނުން ވެއްޖެ ހާލަތެއްގައި ބޭނުން ކުރެވޭ ގޮތަށެވެ.

"ވަގުތީ ހޮސްޕިޓަލްގެ ބަލި މީހުންގެ އަދަދު ސުމަކަށް ވެއްޓުމަކީ ވަރަށް ބޮޑު ކާމިޔާބެއް،" ހޮސްޕިޓަލްގެ ރައީސް ވަންގް ޒިންހުއާ ވިދާޅުވި އެވެ.

ދެ މަސް ދުވަސްވަންދެން އޮޕަރޭޓްކުރި ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން 2،000 މީހުންނަށް ފަރުވާ ދިނެވެ. އޭގެ ތެރޭން 45 ޕަސެންޓަކީ ސީރިއަސް ބަލި މީހުންނެވެ.