15 އެޕްރީލް 2020 - 19:22

ވޮޝިންޓަން (އެޕްރީލް 15) - ޗައިނާ ކޮޅަށް މާބޮޑަށް ޖެހިފައިވާ ކަމަށް ވިދާޅުވެ، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އަށް އެމެރިކާ އިން ދޭ އެހީ ހުއްޓާލުމުން ރައީސް ޑޮނަލްޑް ޓްރަމްޕަށް ފާޑު ކިޔުން އަމާޒުވާން ފަށަައިފި އެވެ.
ޑަބްލިއުއެޗްއޯ އަށް ކޮންމެ އަހަރަކު ވެސް ބޮޑު އެހީއެއް ވެދެއްވާ ބިލިއަނަރު ބިލް ގޭޓްސް ވިދާޅުވީ ޓްރަމްޕް ކުރެއްވީ ވަރަށް ނުރައްކާ ކަމެއް ކަަމަށެވެ.
ޓްރަމްޕް ވިދާޅުވީ ކޮރޯނާވައިރަހާ ގުޅިގެން ޑަބްލިއުއެޗްއޯގެ އެންމެ އަސާސީ ވާޖިބް އަދާކުރުމުގައި ވެސް ފެއިލްވެފައިވާ ކަމަށެވެ. ނަމަވެސް ޑަބްލިއުއެޗްއޯގެ ޑިރެކްޓަރު ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރެޔުސެސް ވިދާޅުވީ އެ އެޖެންސީގެ މިހާރުގެ ހަމައެކަނި މަސައްކަތަކީ ވައިރަސް ފެތުރުން ހުއްޓުވުން ކަމަށެވެ.
އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ވިދާޅުވީ ޑަބްލިއުއެޗްއޯ އަށް ދޭ އެހީ ކަނޑާލަންވީ ދުނިޔޭގައި ބޮޑު ރޯގާއެއް ފެތުރިގެންދާ ދުވަސްވަރު ނޫން ކަމަށެވެ.
ޑަބްލިއުއެޗްއޯ އަށް ދޭ އެހީ ޓްރަމްޕް ކަނޑާލެއްވި އިރު އެމެރިކާގައި ކޮރޯނާވައިރަސް ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅުތަކާ މެދު ގިނަ ބައެއްގެ ފާޑުކިޔުން ވަނީ ޓްރަމްޕަށް އަމާޒުވެފަ އެވެ.
ޑަބްލިއުއެޗްއޯ އަށް އެންމެ ބޮޑު އެހީއެއް ދެނީ އެމެރިކާ އިންނެވެ. އެ ގައުމުން މިދިޔަ އަހަރު ވަނީ 400 މިލިއަން ޑޮލަރު ޑަބްލިއުއެޗްއޯ އަށް ދީފަ އެވެ. ދެ ވަނަ އަށް އެންމެ ބޮޑު އެހީއެއް ދެނީ ބިލް އެންޑް މެލިންޑާ ފައުންޑޭޝަނުންނެވެ. ބިލް ގޭޓްސް ގެންދަވަނީ ކޮރޯނާވައިރަހަށް ވެކްސިނެއް އުފެއްދުމުގެ ރިސާޗަށް ވެސް ބޮޑު ހޭދައެއް ކުރައްވަމުންނެވެ.