ކޮންމެހެން ބޭރަށް ނުކުންނަންޖެހޭ މީހުން ފުލުހުންނަށް އަންގަން އެދިއްޖެ
ކޮންމެހެން ބޭރަށް ނުކުންނަންޖެހޭ މީހުން ފުލުހުންނަށް އަންގަން އެދިއްޖެ

މާލެތެރެއިން ކޮރޯނާވައިރަސް އަށް ފޮޒިޓިވްވި ފުރަތަމަ މީހާ މިއަދު ފެނުމާ ގުޅިގެން، ކޮންޓެކްޓް ޓްރޭސިން ހެދުމާއި ރައްކާތެރިކަމުގެ އެހެނިހެން ފިޔަވަޅުތައް އެޅުމަށް މާލެ ބަންދުކޮށްފައިވާ މި ދަނޑިވަޅުގައި، ކޮންމެހެން ބޭރަށް ނުކުންނަންޖެހޭ މީހުން ފުލުހުންނަށް އެންގުމަށް ފުލުހުންގެ އިދާރާ އިން މިއަދު އެދިއްޖެ އެވެ.

ކޮންމެހެން ބޭރަށް ނުކުންނަންޖެހޭ މީހުން ފުލުހުންނަށް އަންގަން އެދިއްޖެ
ކޮންމެހެން ބޭރަށް ނުކުންނަންޖެހޭ މީހުން ފުލުހުންނަށް އަންގަން އެދިއްޖެ

ކޮވިޑް-19 އަށް މާލެ އިން ދިވެއްސަކު ޕޮޒިޓިވްވުމާ ގުޅިގެން، ފުލުހުންގެ ފަރާތުން ބޭއްވި މީޑިއާ ބްރީފިންގައި އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވީ، ޒަރޫރީ ބޭނުމުގައި ބޭރަށް ދިއުމުގެ ކުރިން ފުލުހުންގެ ވަކި ނަމްބަރަކަށް ގުޅައި އެކަމުގެ މައުލޫމާތު ދޭންޖެހޭނެ ކަމަށެވެ. އެ ގޮތަށް ނުކުންނައިރު އައިޑީކާޑު ހިފައިގެން އުޅުމަށް އޭނާ އެދިވަޑައިގަތެވެ.

ބޭރަށް ދިއުމުގެ ކުރިން ގުޅަންޖެހޭ ފޯނު ނަމްބަރު މިރޭ އާއްމުކުރާނެ ކަމަށް ފުލުހުން ބުންޏެވެ.

"އޭރުން އެ ނަމްބަރަށް ގުޅާފައި، އެ މީހަކު އެ ދާ ތަނެއްގެ މައުލޫމާތާއި އެކަމުގެ ބޭނުމުގެ މައުލޫމާތު ދީފައި ދެވޭނެ. އަދި މަގުމައްޗަށް ނުކުންނަ ހުރިހާ އެންމެން ވެސް އައިޑީކާޑު އޮތުމަކީ މުހިއްމު ކަމެއް،" ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ހިންގާ ދަރުބާރުގޭގައި ބޭއްވި ނިއުސް ބްރީފިންގައި ނަވީން ވިދާޅުވި އެވެ.

މާލެއިން ފެނުނު ކޮވިޑް-19 ގެ ފުރަތަމަ ކޭސްއާ އެކު މާލެ އާއި ހުޅުމާލެ އާއި ވިލިމާލެ އަދި ތިލަފުއްޓާއި ގުޅިފަޅު ވަނީ މިއަދު މެންދުރު 2:30 ން ފެށިގެން 24 ގަޑިއިރަށް ލޮކްޑައުންކޮށްފަ އެވެ. މި ވަގުތުތަކުގައި މާލެ ސަރަހައްދުގައި ބަނދަރުކޮށްފައިވާ އުޅަނދުތައް ފުރުމާއި މި ސަރަހައްދަށް އުޅަނދުތައް އައުމަކީ މަނާ ކަމެކެވެ. ނަމަވެސް ވިލިމާލޭގައި ދިރިއުޅޭ މީހުންގެ ތެރެއިން މިވަގުތު މާލޭގައި ތިބި މީހުން، ފުލުހުންނަށް ގުޅައި އެ މައުލޫމާތު ސާފުކުރުމަށް ފަހު ދިއުމުގެ ހުއްދަ ދެވޭނެކަމަށް ވިދާޅުވި އެވެ.

ހޮސްޕިޓަލްތަކާއި ކްލިނިކްލަތަކަށް ދަތުރުކުރުމަށް، ކާފިއު އިއުލާނުކުރިއިރު ޓެކްސީތަކަށް ދޫކުރި ހުއްދަ ބޭނުން ކުރެވޭނެ އެވެ. އޭގެ އިތުރުން މިރޭ 7 ން ދަންވަރު 12 އާ ހަމައަށް، ޑެލިވަރީ ކުރުމަށް މީގެ ކުރިން ހުއްދަ ދީފައިވާ ފަރާތްތަކަށް އެކަން ކުރެވޭނެ އެވެ.

ނަވީން ވިދާޅުވީ ޑެލިވަރީ ކުރުމަށް އިތުރު ފާސްތައް ދޫކުރާނީ މިރޭގެ ތަޖުރިބާ އަށް ބެލުމަށް ފަހު ކަމަށެވެ.

ފުލުހުން މިއަދު ބުނީ މި ފަހަރު ފިޔަވަޅު އެޅުން ވަރަށް ހަރުކަށިވާނެ ކަމަށް ބުނެފަ އެވެ. މީގެ ކުރިން ކާފިއު އިއުލާނުކުރި ވަގުތުގައި 1،000ރ. އިން ޖޫރިމަނާކުރި ކަމުގައި ވިއަސް މިފަހަރު ވަގުތުން ކަރަންޓީން ސެންޓަރަކަށް ގެންދަން ވިޔަސް އެ ފިޔަވަޅު އަޅާނެ ކަމަށް ބުންޏެވެ.