ލޯންޗުގައި ރޯވީ ބަޔަކު ގަސްތުގައި ކުރި ކަމަކުން ކަމަށް ތުހުމަތެއް ނުކުރެވޭ: ކައުންސިލް
ލޯންޗުގައި ރޯވީ ބަޔަކު ގަސްތުގައި ކުރި ކަމަކުން ކަމަށް ތުހުމަތެއް ނުކުރެވޭ: ކައުންސިލް

އދ. މަހިބަދޫ ބަނދަރުގައި އަޅާފައި އޮތް ލޯންޗުތަކުގައި އަލިފާން ރޯވީ ބަޔަކު ގަސްތުގައި ކުރި ކަމަކުން ކަމަށް ތުހުމަތު ނުކުރެވޭ ކަމަށް އެ ރަށު ކައުންސިލުން މިއަދު ބުނެފި އެވެ.

ފަސް ލޯންޗަކާއި ދެ ޑިންގީއެއްގައި ރޭ ފަތިހު ރޯވެ ބޭނުން ނުކުރެވޭ ވަރަށް އަނދައި ހުލިވެފަ އެވެ. ރޯވީ، ފުލުހުންގެ ލޯންޗަކާއި އދ. އަތޮޅުގެ ކައުންސިލްގެ ލޯންޗާއި ސީ އެމްބިއުލާންސަކާއި އެޗްއެމްއެޗްއައި 1 އާއި އެޗްއެމްއެޗްއައި 2 އަދި ދެ ޑިންގީއެއްގަ އެވެ. މިއީ ބަނދަރުގައި ޖެހިޖެހިގެން އަޅާފައި ހުރި އުޅަނދުތަކެކެވެ.

މަހިބަދޫ ކައުންސިލްގެ ރައީސް އަހުމަދު ހަލީލް ވިދާޅުވީ، މީހުންގެ ތަކެއްޗަށް ގެއްލުންދީ އެފަދަ ކަންކަން ކުރުމަކީ އެ ރަށު މީހުންގެ އާދައެއް ނޫން ކަމަށެވެ. އެހެންވެ، އެކަމާ މެދު ޝައްކުކުރެވޭ ކަމެއް އަދި ނެތް ކަމަށް ވިދާޅުވި އެވެ. ނަމަވެސް ފުލުހުން މައްސަލަ ތަހުގީގުކުރަމުން އަންނާތީ އިތުރު ވާހަކައެއް ނުދައްކަވަ އެވެ.

"ވަރަށް ކުށް މަދު، އަމާން ރަށެއް މިއީ. ލޯންޗުތައް އަޅާފައި ހުރި ސަރަހައްދުގައި ކެމެރާ ވެސް ހުންނާނެ،" ހަލީލް ވިދާޅުވި އެވެ.

އެޗްއެމްއެޗްއައި 1 އާއި އެޗްއެމްއެޗްއައި 2 އަކީ، މަހިބަދޫ އިތުރުން އެ އަތޮޅު ކުނބުރުދޫ، ހަންޏާމީދު އަދި އޮމަދޫ އާއި މާލެ ދެމެދު ކޮންމެ ދުވަހަކު ވެސް ދަތުރުކުރާ ދެ ލޯންޗެވެ. އެ ލޯންޗުގެ ހިދުމަތްދޭ ކުންފުނީގެ ތިން ބައުޒަރެއްގައި، މާލޭގެ އިންޑަސްޓްރިއަލް ޒޯނުގައި މިދިޔަ އަހަރުގެ ސެޕްޓެމްބަރު ފަހުކޮޅު ހިނގި އަލިފާނުގެ ހާދިސާގައި ވެސް ރޯވެފައި ވެ އެވެ.

މައްސަލަ ތަހުގީގު ކުރަމުން އަންނާތީ އެކަމާ ގުޅިގެން ފުލުހުން ވެސް އަދި ވާހަކައެއް ނުދައްކަ އެވެ.