15 އެޕްރީލް 2020 - 11:46

ކްލަބް އީގަލްސް އަށް ކުޅެމުން އަންނަ ގައުމީ ޓީމުގެ ޒުވާން ޑިފެންޑަރު ހައިޝަމް ހަސަން (ބިޑި) ކަކުލުގެ އޮޕަރޭޝަނެއްކޮށްފި އެވެ.

ބ.އޭދަފުށްޓަށް އުފަން ހައިޝަމްގެ ކަކުލަށް އަނިޔާވީ މިދިޔަ ޖެނުއަރީ މަހުގެ 16 ވަނަ ދުވަހު ދިރާގު ދިވެހި ޕްރިމިއާ ލީގުގައި އީގަލްސް އާއި ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. އަނިޔާވި ނަމަވެސް މާ ބޮޑަށް ސީރިއަސް ނުވާތީ ހައިޝަމް އެ މެޗު ފުރިހަމަ ކުރި އެވެ. އޭގެ ހަތަރު ދުވަސް ފަހުން އީގަލްސް އިން ފޯކައިދޫއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ އެގާރައިގައި ހައިޝަމް ހިމެނި ނަމަވެސް އެ މެޗުގައި ކަކުލަށް ވަރަށް ބޮޑަށް ތަދުވާތީ 50 މިނިޓަށް ފަހު އޭނާ ބަދަލުކުރި އެވެ.
"ފުރަތަމަ (ޓީސީ މެޗުގައި) އަނިޔާވީމަ ކުޅުނީ އެހާ ތަދެއް ނުހުރޭ. އެކަމަކު ދެން މެޗުގައި ވަރަށް ބޮޑަށް ތަދުވާން ފެށީމަ. ދެން އިތުރަށް ނުކުޅެވުނީ. ފަހުން އެމްއާރްއައި އެއް ހެދީމަ އެނގުނީ މިއީ ސީރިއަސް އަނިޔާއެއްކަން،" އުމުރުން 20 އަހަރުގެ ހައިޝަމް "މިހާރަ"ށް ބުންޏެވެ.
އެމްއާރްއައި އިން އެނގުނީ ހައިޝަމްގެ ކަނާތު ކަކުލުގެ މެނިސްކަސް އަށް އަނިޔާވެފައިވާ ކަމެވެ. އޭނަ އޮޕަރޭޝަންކޮށްފައިވަނީ އިއްޔެ އޭޑީކޭ ހޮސްޕިޓަލްގަ އެވެ. މެނިސްކަސް އަށް ލިބޭ އަނިޔާ އިން އެއްކޮށް ރަނގަޅުވެގެން ތިން މަހެއްހާ ދުވަސްތެރޭގައި އާންމުކޮށް ކުޅުމުގެ ތެރެއަށް އާދެވޭނެ އެވެ.
ހައިޝަމް އަކީ ފާއިތުވި ފަސް ވަރަކަށް މަސް ތެރޭގައި ކަކުލަށް ލިބުނު އަނިޔާ އަކަށް އޮޕަރޭޝަނެއް ކުރި ހަތަރު ވަނަ ކުޅުންތެރިޔާ އެވެ. މީގެ ކުރިން އޮޕަރޭޝަނެއް ކުރަން ޖެހުނު ކުޅުންތެރިންނަކީ އީގަލްސްގެ މުހައްމަދު ނާއިމް އާއި ފޯކައިދޫގެ މުހައްމަދު ޖައިލަމް (އޮގީ) އަދި މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ (އަސައްކޮ) އެވެ.
އެފްއޭއެމް ޔޫތު ޗެމްޕިއަންޝިޕް މުބާރާތުން އެންމެ ފުރަތަމަ ފާހަގަވި ހައިޝަމް އަށް އީގަލްސް ފުރަތަމަ އެގާރައިން ފުރުސަތު ލިބެން ފެށީ މީގެ ދެ އަހަރެއްހާ ދުވަސް ކުރިންނެވެ. އީގަލްސްގައި ދައްކަމުން އައި މޮޅު ކުޅުމުގެ ސަބަބުން ހައިޝަމް އަށް ސީނިއާ ގައުމީ ޓީމުން ފުރަތަމަ ފުރުސަތު ލިބުނީ މިދިޔަ އަހަރު މޮރިޝަސްގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގަ އެވެ. އޭގެ ފަހުން ފީފާ ވޯލްޑް ކަޕާއި އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގައި ގައުމީ ފުޓްބޯޅަ ޓީމު ކުޅުނު ހުރިހާ މެޗެއްގައި ހައިޝަމް ވަނީ ގަވާއިދުން ފުރަތަމަ އެގާރައިގައި ކުޅެފަ އެވެ.
ޑިސެމްބަރު މަހު ނޭޕާލުގައި ބޭއްވި ސައުތު އޭޝިއަން ގޭމްސްގައި ވާދަކުރި ރާއްޖޭގެ ޒުވާން ގައުމީ ޓީމުގައި ވެސް ހައިޝަމް ހިމެނެ އެވެ. އޭނާ ވަނީ އެ މުބާރާތުގެ ގިނަ މެޗުތަކުގައި ކުޅެފަ އެވެ.
މުހައްމަދު ޝިޔާޒް (މޯހަން)ގެ ކޯޗުކަމުގައި އީގަލްސްގައި މި ސީޒަނުގައި ދެއްކި މޮޅު ކުޅުމުގެ ސަބަބުން ހައިޝަމް ވަނީ މިހާރު އެވޯޑްސްގެ އެންމެ މޮޅު ޒުވާން ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑަށް ނޮމިނޭޓްވެފަ އެވެ.
މި ފަހަރުގެ ލީގުގެ ދެ ވަނަ މަގާމް ހޯދި އީގަލްސް އަށް ވަނީ އަންނަ އަހަރުގެ އޭއެފްސީ ކަޕުން ފުރުސަތު ލިބިފަ އެވެ. އީގަލްސް އަށް ފުރަތަމަ ފަހަރަށް އޭއެފްސީ ކަޕްގެ ޖާގައެއް ލިބުނީ އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕް ކެންސަލްކޮށް ސީޒަން އަވަހަށް ނިންމާލަން އެފްއޭއެމުން ނިންމުމުންނެވެ. ކްލަބްތަކާ މަޝްވަރާކުރުމަށް ފަހު ސީޒަން އަވަހަށް ނިންމާލަން ނިންމީ ހަލުވިކަމާ އެކު ފެތުރެމުން އަންނަ ކޮރޯނާވައިރަހުން ޖެހޭ ކޮވިޑް-19 އިން ސަލާމަތްވުމުގެ ފިޔަވަޅެއްގެ ގޮތުންނެވެ.