16 އެޕްރީލް 2020 - 08:28

މަޝްހޫރު ލަވަކިޔުންތެރިޔާ ސެލީނާ ގޮމޭޒްގެ ސޫރަ ފެޝަނަށް ހާއްސަ މޮބައިލް ގޭމަކުން ހުއްދަ ނެތި ބޭނުންކުރާ މައްސަލާގައި 10 މިލިއަން ޑޮލަރުގެ ބަދަލެއް ހޯދަން ދައުވާކޮށްފި އެވެ.
މީޑިއާތަކުން ބުނިގޮތުގައި އެމެރިކާ އަށް އުފަން ޒުވާން ލަވަކިޔުންޔެރިޔާ ދައުވާކޮށްފައި ވަނީ "ކްލޯތްސް ފޯއެވާ-ސްޓައިލިން" ގޭމިންއާ ދެކޮޅަށެވެ. އެޕަލް އިން ސްޓޯރުން ޑައުންލޯޑް ކުރެވޭ މި އެޕްގައި "ފްލެއާ" މަޖައްލާގެ ކަވަރުގައި ޖެހި ސެލީނާގެ ފޮޓޯއެއްގެ ދަނީ ބޭނުންކުރަމުންނެވެ.
ސެލީނާގެ އިތުރުން މަޝްހޫރު ބައެއް އެހެން ސެލެބްރިޓީންގެ ސޫރަ ވެސް "ކްލޯތްސް ފޯއެވާ-ސްޓައިލިން" އިން ދަނީ ބޭނުންކުރަމުންނެވެ.
އޭގެ ތެރޭގައި ކިމް ކާޑޭޝަނާއި ޖިޖީ ހަޑީޑާއި ބިޔޯންސޭ އާއި ޓޭލާ ސްވިފްޓް ހިމެނެ އެވެ. މި މީސްމީހުންގެ ސޫރ އެޕުން ބޭނުން ކުރަނީ ޕްރޮމޯޝަނަލް މެޓީރިއަލްތަކުގަ ގޮތުގަ އެވެ.
މި މައްސަލާގައި ސެލީނާ، 27، ބުނީ ދައުވާކުރަން ނިންމީ އޭނާގެ ފަރާތުން އެއްވެސް ހުއްދައެއް ހޯދުމަކާ ނުލައި، ވިޔަފާރީގެ ބޭނުމަށް ސޫރަ ބޭނުންކޮށް، މާލީ މަންފާތަކެއް ހޯދަމުންދާތީ އެވެ.
ދައުވާގެ ލިޔެކިޔުންތަކުގައި ސެލީނާ ބުނެފައި ވަނީ "ކްލޯތްސް ފޯއެވާ-ސްޓައިލިން" ގައި އޭނާ ރަމްޒުކޮށްދޭ އެއްވެސް ކަމެއް ހިމެނުމުގެ ހައްގެއް ދީފައި ނުވާނެ ކަމަށާއި އެއީ އުސޫލުތަކާއި ހިލާފަށް ކުރަމުންދާ ކަމެއް ކަމަށެވެ. އެހެންވެ ލިބުނު ގެއްލުމުގެ ބަދަލަށް 10 މިލިއަން ޑޮލަރު ނަގައިދޭން އެދިފައިވެ އެވެ.
މި މައްސާލާގައި ސެލީނާ ދައުވާކުރަނީ "ކްލޯތްސް ފޯއެވާ-ސްޓައިލިން" ގޭމް ނެރޭ މައި ކުންފުނި ޗައިނާގެ ގުއަންގްޒޫ ފެއިޑޮންގް ސޮފްޓްވެއާ ޓެކްނޮލޮޖީ އާއި އެ ގޭމްގެ އިނގިރޭސިވިލާތުގެ ރައިޓްސް އޮންނަ މިއުޓަންޓްބޮކްސް އިންޓަރެކްޓިވް ލިމިޓެޑާ ދެކޮޅަށެވެ.