ދެން އިންޑިއާގައި ފިލްމު ހަދާ ގޮތަށް ބޮޑު ބަދަލެއް އަންނާނެ: ސުޖިތު ސިރްކާ
ދެން އިންޑިއާގައި ފިލްމު ހަދާ ގޮތަށް ބޮޑު ބަދަލެއް އަންނާނެ: ސުޖިތު ސިރްކާ

ކޮރޯނާވައިރަހާ ހެދި އިންޑިއާގެ ފިލްމު އިންޑަސްޓްރީ އަށް މިހާރު ކުރިމަތިވެފައިވާ އޮތް ހާލަތާއި މިކަމުގެ ސަބަބުން އަންނަ ބަދަލުތަކާ އެކު ކުރިއަށް އޮތް ތަނުގައި އިންޑިއާގައި ފިލްމު ހަދާ ގޮތަށް ވަރަށް ބޮޑު ބަދަލެއް އަންނާނެ ކަމަށް، މަޝްހޫރު ޑައިރެކްޓަރު ޝުޖިތު ސިރްކާ ބުނެފި އެވެ.

"ޕީކޫ" އާއި "ވިކީ ޑޯނާ" ފަދަ ކާމިބުޔާ ފިލްމުތައް ގެނެސްދިން ހުނަރުވެރި ޑައިރެކްޓަރު ޕްރެސް ޓްރަސްޓް އޮފް އިންޑިއާ (ޕީޓީއައި) އަށް ދިން އިންޓަވިއުއެއްގައި ބުނީ ދުނިޔޭގައި އެންމެ ވަރުގަދަ އެއް ފިލްމު އިންޑަސްޓްރީ އަށް އިންޑިއާގެ ބޮލީވުޑަކީ މި ފަހަކަށް އައިސް ކޮންޓެންޓްގެ ގޮތުން ފިލްމުތަކަށް ވަރަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާ އިންޑަސްޓްރީއެއް ކަމަށެވެ.

"އެއީ ރަނގަޅު ބަދަލެއް ކަމަށް އަހަރެން ދެކެނީ. ހަމައެއާ އެކު ކޮރޯނާވައިރަހާ އެކު އަހަރެމެންގެ ހާލަތަށް މި އަންނަ ބަދަލާ އެކު ކުރިއަށް އޮތްތަނުގައި އަދި މާ ބޮޑަށް ފިލްމު ހަދާ ވައްޓަފާޅި އާއި ކިޔައިދޭ ވާހަކަތަކާއި ކޮންޓެންޓްތަކަށް ވަރަށް ބޮޑު އަސަރެއް، ބަދަލެއް އަންނާނެ." ޝުޖިތު ބުންޏެވެ.

އޭނާ ބުނިގޮތުގައި މީހުންގެ ވިސްނުމަށް އަންނަ ބަދަލާ އެކު، މީހުން ބޭނުންވާ ކަންކަމަށް ވެސް ބަދަލު އަންނާނެ އެވެ. އެއާ އެކު އިންޑިއާގެ ސިނަމާ އަށް ކުރިއަށް އޮތް ތަނުގައި އަންނާނެ ބަދަލަކީ ހުރިހާ ގޮތަކުން ވެސް ރަނގަޅު ބަދަލަކަށްވާނެ ކަމުގެ ޔަގީންކަން ބޮޑު ކަމަށް ބުންޏެވެ.

"ފިލްމުތަކުގެ ކޮންޓެންޓަށް އަދި ފިލްމުތަކުގެ ނެރޭޓިވް ގެނެސްދޭ ގޮތަށް ވަރަށް ބޮޑު، އެކަމަކު ވަރަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށް އަހަރެން އުންމީދުކުރަނީ." ޝުޖިތު ބުންޏެވެ. "ކޮންމެ ގޮތެއް ވިޔަސް ފިލްމު ހެދުމުގެ ވައްޓަފާޅި މި މަސައްކަތްތައް ކުރިން ކުރެވެމުން ދިޔަ ގޮތަށް އިންޑިއާގައި ވަރަށް ބޮޑު ބަދަލެއް އަންނާނެ. އެކަން ފެންނަން ފަށާނީ ފިލްމީ މަސައްކަތްތައް އަލުން ފަށައިގަތީމަ."

އޭނާ ބުނީ ގައުމު ދިގު ލޮކްޑައުނަކަށް ގޮސް ސިނަމާތައް ވެސް ބަންދުކޮށްފައިވާ އިރު، ގިނަ ބަޔަކު މިހާރު ސްޓްރީމިން ހިދުމަތްތަކަށް ވަރަށް ބޮޑަށް ބަރޯސާވެފައިވެ އެވެ. މީގެ ސަބަބުން ފިލްމު ބަލާ މީހުންގެ ތެރޭގައި ކުރިއަށް އޮތް ތަނުގައި ސިނަމާތަކަށް ގޮސް ފިލްމުގެ ބެލުމުގެ ޝައުގުވެރިކަން ކުޑަވެދާނެކަމަށް ބެލެވޭ ކަމަށް ވެސް ބުންޏެވެ.

"އުފައްދަން ރަނގަޅު ސުވާލެއް ކަންނޭނގޭ ކުރިއެކޭ އެއްގޮތަށް މީހުން ސިނަމާތަކަށް ގޮސް ފިލްމު ބަލާނެތޯ؟ އެއީ މި ދަނޑިވަޅުގައި ވިސްނާލައި، އެޑްރެސްކުރަން ޖެހޭ އިޝޫއެއް ކަމަށް އަހަރެން ދެކެނީ،" ޝުޖިތު ބުންޏެވެ. "މިހާރު ވެސް ގާތްގަނޑަކަށް ސިނަމާތައް ބަންދުކޮށްފައި ހުންނަތާ ދެ މަހެއްހާ ދުވަސްވީ. ސުވާލަކީ ސިނަމާތަކަށް ދާން ކުރިއަށް އޮތް ތަނުގައި މީހުން ޖެހިލުންވާނެތޯ ނޫންތޯ؟ ސިނަމާތަކަކީ ރިސްކް ބޮޑު ތަންތަނުގެ ގޮތުގައި މީހުންގެ ސިކުނޑިތަކުގައި ބިންވަޅު ނުނެގޭނެބާއޭ؟ ސިނަމާތަކާ ދޭތެރޭ އާންމުންގެ އިތުބާރު ބޮޑުކުރަން ކޮން ކަމެއްތޯ ކުރެވޭނީ މިއީ ހަމަ ހައްތަހާ ވެސް ވިސްނާލަން ޖެހޭ ކަންކަން."

މީގެ ދެ އަހަރު ކުރިން "އޮކްޓޯބާ" ގެނެސްދިން ޑައިރެކްޓަރުގެ އަތުގައި މިހާރު ވެސް މަސައްކަތް ފަށާފައި އޮތް ދެ ފިލްމެއް އެބައޮތެވެ. އެއީ އަޔޫޝްމަން ކްރާނާ އާއި އަމީތާބު ބައްޗަންގެ "ގުލާބޯ ސިތާބޯ" އާއި ވިކީ ކޯޝަލްގެ "ސަރުކާރު އުދަމް ސިންގް" އެވެ.

"ގްލާބޯ ސިތާބޯ" އަކީ ކުރިން މި ހަފުތާގެ ހުކުރު ދުވަހު ރިލީޒްކުރަން އޮތް ފިލްމެކެވެ.