16 އެޕްރީލް 2020 - 09:07

ކޮރޯނާވައިރަހާ ދެކޮޅަށް މަސައްކަތްކުރުމަށް ވަރަށް ގިނަ ބަޔަކު އެކި ފަންޑްތަކަށް މާލީ ގޮތުން އެހީ ދެމުން އަންނަ އިރު، ބައެއް މީހުން އެކަން ކުރަނީ ދެއްކުންތެރިކަމުގެ ގޮތުން ކަމަށާއި އެފަދަ މީހުން މިކަން ނަގަނީ ވާދަވެރިކަމެއްގެ ގޮތުގައި ކަމަށް ބުނެ، ބޮލީވުޑްގެ ކުރީގެ އެކްޓަރު ޝަތުރުގަން ސިންހާ (ސަތަރޭ) ފާޑުކިޔައިފި އެވެ.
ބަތަލާ ސޮނާކްޝީ ސިންހާގެ ބައްޕަ ބޮލީވުޑް ހަންގާމާ އަށް ބުނީ ޚައިރާތަށް ދޭ އެހީތަކަކީ ދެއްކުންތެރިކަމުގެ ގޮތުން ކުރާ ކަމެއް ނަމަ އެކަމުގައި މާ ބޮޑު މާނައެއް ނެތް ކަމަށެވެ. އަދި މާލީ ގޮތުން އެހީދޭ މީހުންގެ ތެރޭގައި މިކަން އޮންނަނީ ސްކޫލް ދަރިވަރުންގެ މެދުގައި މުބާރާތްތަކުގައި ވާދަކުރާ އުސޫލުން ކަމަށްވާ ނަމަ މިއީ ވަރަށް ތާކުންތާކު ނުޖެހޭ ބޭކާރު ކަމެއް ކަމަށް ބުންޏެވެ.
ސަތަރޭ ބުނިގޮތުގައި އިހުލާސްތެރިކަމާ އެކު ދެވޭ އެހީތަކަކީ އޭގެ ވާހަކަ ހާމަނުކުރާ ކަންކަމެވެ.
"އެކަމަކު އަހަރެމެންގެ ތެރޭގައި މި އޮތް އުސޫލަކީ ކަލެއަށް ވުރެ ބޮޑު އަދަދަކުންނޭ އަހަރެން އެހީ ދިނީ ބުނާ ކަހަލަ ގޮތެއް. ހީވަނީ މި އުޅެނީ މުބާރާތެއްގައި ވާދަކުރަން ނުކުމެގެން އުޅޭހެން. މިހެން މިކުރީމަ އަސްލު ޙައިރާތުގެ މަގުސަދެއް ހާސިލެއް ނުވާނެ،" އޭނާ ބުންޏެވެ. "ވަރަށް ގިނަ މީހުންނަކީ އެހީއެއް ދީފައި އޭގެ ވާހަކަ ވަރަށް ފާޅުކޮށް އެކި ޕްލެޓްފޯމްތަކުގައި ދައްކާ މީހުން. އެއީ އަސްލު ވަރަށް ދެރަކަމެއް. މިކަންވެއްޖެ ހުއްޓާލަން."
ސަތަރޭ ބުނީ މި ދުވަސްކޮޅު މާލީ އެހީ ދިން މީހުންގެ ތެރެއިން ކޮންމެވެސް މީހަކު 25 ކްރޯޑް ރުޕީސް (4 މިލިއަން ޑޮލަރު) ހަދިޔާކުރި ވާހަކަތަކެއް މާ ގަދައަކަށް ދެކެވެމުންދާ ކަމަށެވެ. އެކަމަކު އެ އަދަދާ ގުޅެނީ ކާކު ކަމެއް ސަތަރޭގެ އިންޓަވިއުގައި ފާހަގައެއްނުކުރެ އެވެ. ނަމަވެސް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ކޮވިޑާ ދިމާކޮށް ހުޅުވި "ޕީއެމް-ކެއާޒް" ފަންޑަށް 25 ކްރޯޑް ރުޕީސް (4 މިލިއަން ޑޮލަރު) ހަދިޔާކުރީ އެކްޓަރު އަކްޝޭ ކުމާރެވެ. އޭގެ ފަހުން އޭނާ ވަނީ މެޑިކަލް ސާމާނު ހޯދުމަށް އިތުރު 3 ކްރޯޑް ރުޕީސް ވެސް ހަދިޔާކޮށްފަ އެވެ.
އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ މަތިގެ ރާޖިއާ ސަބާގެ މެމްބަރުކަމުގެ އިތުރުން ކެބިނެޓް މިނިސްޓަރެއްގެ މަގާމު ވެސް އަދާކޮށްފައިވާ ސަތަރޭ، 74، ބުނީ ދަތި ހާލަތްތަކާ ގުޅިގެން އެކި ގޮތްގޮތުން އެހީވުމަކީ އަބަދު ވެސް މީހުން ކުރާ ކަމެއް ކަމަށެވެ. އަދި ކޮންމެ މީހަކު ވެސް އެހީއެއް ދޭނީ އެ މީހަކަށް ވެވުނު މިންވަރަކުން ކަމަށާއި މުހިއްމީ ދޭ އަދަދުގެ ކުޑަބޮޑުމިން ނޫން ކަމަށެވެ.
"މުހިއްމީ އިހުލާސްތެރި ހިތަކާ އެކު ޑޮނޭޓްކުރުން. އެފަދަ ކަންކަމަކީ ދެއްކުންތެރިކަމުގެ ގޮތުން ކުރަން ޖެހޭ ކަމެއް ނޫން." ސަތަރޭ ބުންޏެވެ.
އޭނާ ފާހަގަކުރި ގޮތުގައި މި ދަނޑިވަޅަކީ މުޅި ބޮލީވުޑަށް ވެސް ވަރަށް ދަތި ވަގުތެކެވެ. އެހެންވެ މިއީ އެންމެން ގުޅިގެން މަސައްކަތްކޮށް، ދިމާވެފައިވާ ދަތި ހާލުން އަރައިގަތުމަށް މަސައްކަތްކުރަން ޖެހޭ ވަގުތެއް ކަމަށް ބުންޏެވެ. އެގޮތުން ފިލްމު އިންޑަސްޓްރީގައި ދުވަހު މުސާރަ އަށް މަސައްކަތްކުރަމުން ދިޔަ އެތައް ހާސް ބަޔަކު ބިޔަވިޔަނުދީ، އެ މީހުންގެ އާއީލާތައް ކައިބޮއިގެން އުޅޭނެ ގޮތެއް ހޯދައިދޭން މުޅި އިންޑަސްޓްރީ އެކަތިގަނދެއްގެ ގޮތުގައި މަސައްކަތްކުރަން ޖެހޭ ކަމަށް ސަތަރޭ ބުންޏެވެ.