15 އެޕްރީލް 2020 - 19:03

ވޮޝިންޓަން (އެޕްރީލް 15) - އެމެރިކާގައި ކޮރޯނާވައިރަސް ހަލުވިކަމާ އެކު ފެތުރެމުން ދަނިކޮށް ސްޓޭޓްތައް ހުޅުވާލަން ރައީސް ޑޮނަލްޑް ޓަރްމަޕަށް މަޖްބޫރު ނުކުރެވޭނެ ކަމަށާއި އެއީ ހުރިހާ ބާރުތަކެއް ލިބިގެންވާ ރަސްކަލެއް ނޫން ކަމަށް ނިއު ޔޯކުގެ ގަވަރުނަރު އެންޑްރޫ ކޫމޯ ވިދާޅުވެއްޖެ އެވެ.
"އެމެރިކާގައި ނުހުންނާނެ ރަސްކަލެއް. އެމެރިކާގައި ހުންނާނީ ރައީސެއް،" އެންބީސީ އަށް ދެއްވި އިންޓަވިއުއެއްގައި ކޫމޯ ވިދާޅުވި އެވެ. "ރަސްކަމާ އެމެރިކާ ވަނީ ދުރުވެފައި. ޖޯޖް ވޮޝިންޓަނަކީ ވެސް ރައީސް. އެއީ ރަސްގެފާން ވޮޝިންޓަނެއް ނޫން. އެހެންވެ ރައީސް އަށް ވެސް މާބޮޑެތި ބާރުތަކެއް ނޯންނާނެ."
ޑިމޮކްރެޓިކް ގަވަރުނަރު މި މޭރުމުން ވާހަކަ ދައްކަވާފައި ވަނީ އެމެރިކާގެ ރައީސްކަމުގައި މީހަކު ހުރި ނަމަ އެ މީހަކަށް ފުރިހަމަ ބާރު ލިބިގެންވާ ކަމަށް ޓްރަމްޕް ވިދާޅުވުމާ ގުޅިގެންނެވެ. ޓްރަމްޕް ވިދާޅުވެފައި ވަނީ އެ ބާރުތައް ރައީސް އަށް ލިބިފައިވާކަން ގަވަރުނަރުން ގަބޫލް ކުރަން ޖެހޭނެ ކަމަށެވެ.
ކޫމޯ އަށް ރައްދު ދެއްވައި ޓްރަމްޕް ފަހުން ވިދާޅުވެފައި ވަނީ އިގްތިސާދު ހުޅުވާލާނެ ވަގުތަކާއި ހުޅުވާލާނީ ކޮން ގޮތަކަށްކަން ނިންމުމުގެ ބާރު ލިބިގެން ވަނީ އޭނާ އަށް ކަމަށެވެ.
އެމެރިކާގައި އެންމެ ބާރަށް ކޮރޯނާވައިރަސް ފެތުރެމުން ދަނީ ނިއު ޔޯކް ސްޓޭޓުގަ އެވެ. ކޫމޯ ވިދާޅުވީ އެ ސްޓޭޓުގެ ރައްކާތެރިކަމުގެ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެނގޭނީ އޭނާ އަށް ކަމަށެވެ.