ޖިންނިއެއްގެ ޝަކުވާ
ޖިންނިއެއްގެ ޝަކުވާ

އާދިއްތަ ދުވަހާ ގުޅޭ

"ކާކު ތި ވާހަކަދައްކަނީ؟" އަނިލް ތަންކޮޅެއް ބާރަށް އެހިއެވެ.

"ވާހަކަދައްކާ މީހާ ނުފެނޭތަ؟ މިހިރީނު ފެންނަން،" ތެދުވެ އެނދުގައި އިށީނދެލަމުން ތަންކޮޅެއް ހަރުކަށި ރާގަކަށް ހަނާ ބުންޏެވެ. "މިރޭ ވަރަށް ބޮލުގަ ވެސް އެބަ ރިއްސާ. އެހެން ރެޔަކުން އާދޭ!"

ވާހަކަދައްކަނީ ކާކުކަން އަނިލްއަށް އެނގެއެވެ. ހުޅުމާލޭގައި ހުރެފައި އަނިލް އައީ ޖިންނިސައިތާނަކަށް ތަބާވާކަށް ނޫނެވެ. އޭނަ ލައްވާ ގޮތްކިޔުއްވާކަށް ވެސް ނޫނެވެ.

"އަހަރެން ނުލާހިކު ދުރުން މިއައީ،" ކިޔެވުމަށް ތައްޔާރުވަމުން އަނިލް ބުންޏެވެ. "ތިހެން ފާޑުފާޑަށް ކެންސަލެއް ނުކުރެވޭނެ. ކެންސަލުކުރެވޭނީ އަހަރުމެން ބޭނުންވެގެން. ކިޔަވާނަން މިރޭ. އޮށޯވޭ!"

އެ ރޭ ކޮޓަރީގައި ތިބީ އަނިލްއާއި ރިޒްވާނެވެ. ކުޑަ އިރުކޮޅެއް ފަހުން ނާހިދު ވަނެވެ. ނާހިދަކީ އަނިލްގެ އެކުވެރިޔެކެވެ. ރުޤްޔާކުރަން ދަސްކުރާ ޒުވާނެކެވެ. ގަޑިން ރޭގަނޑު އެގާރަ ޖަހަނީއެވެ.

"އުހުނ! އަހަރެން އިށީނދެގެން އިންނާނީ. ކަލޭ ތި ކުރާ ކަމެއް ކުރޭ!" ރަނގަޅަށް ހަމަޖެހިލަމުން ހަނާ ބުންޏެވެ. "މިހާރު ބޮލުގަރިހުން ކުޑަކޮށް ރަނގަޅުވެއްޖެ!"

ރުޤްޔާކުރާއިރު އޮށޯވެގެން އޮތުމުން ޖިންނިސައިތާނާއަށް ވާ އަނިޔާ ބޮޑުވެއެވެ. އަނިލްއަށް އެ ކަން އެނގެއެވެ. އަނިލްއަށް ނޭނގޭ ކަމަކީ އެ ވަގުތު އަނިލްގެ ގޭގައި ހިނގަމުންދާ ކަންތަކެވެ. "ހަނާ" އެކި ވާހަކަދައްކައިގެން ކިޔެވުން ފެށިޔަނުދީ ދަންމަނީ ބޭނުމެއް އޮތީމައެވެ. އެ ވަގުތު އަނިލްގެ ފޯނަށް ކޯލެއް އަންނަން ފެށިއެވެ. ފޯނަށް ބަލައިލިއިރު އަރައިފައި އޮތީ ދީމާގެ ނަމެވެ. ދީމާއަކީ އަނިލްގެ އަންހެނުންނެވެ. އެ ހިސާބުން އަނިލްއަށް ވިސްނުނެވެ. ފޯނު ނަގައިފިއްޔާ އަނިލް ޖެހޭނީ ގެޔަށް ދާށެވެ. ހަނާގެ މޫނަށް އަނިލް ބަލައިލުމާއެކު ހަނާ ކުއްލިއަކަށް އެހެން ދިމާއަކަށް އެނބުރުނެވެ. އަނިލްއާ ދިމާއަށް ނުބަލާކަމަށް ހެދުނެވެ. އަނިލް ގާތަށް ހިނިއައެވެ.

"މައްކާއިން އައި މީހުން ކަލެއަށް ވުރެ މާ ރަނގަޅު،" އަނިލްއަށް ނުބަލަން މަސައްކަތްކުރަމުން ހަނާ ބުންޏެވެ. "މާ މޮޅު!"

"އެހެންތަ؟" ފޯނު ވައިބްރޭޓަށް ލައިފައި ޖީބަށް ފޯނު ލަމުން އަނިލް ބުންޏެވެ. "އަޅެ އެ މީހުންނަށް ގޮވާ ގެނެސްބަލަ! މަ ވެސް ބަލާލަން ބޭނުމޭ އެ މީހުން ކިހާ މޮޅުކަން."

"އުހުނ! ނުގެނެވޭނެ! އެ މީހުން ހިނގައްޖެ!" ދެއަތަކަށް ބޯހޫރައިލައިފައި ހަނާ ބުންޏެެވެ.

އަނިލް އައިސް ގޮނޑީގައި އިށީނެވެ. ކިޔަވަން ތައްޔާރުވިއެވެ. އޭރު ގޭގައި ދީމާ އޮތީ އެނދުގައި އޮށޯވެގެން އަލަމާރި މައްޗަށް ބަލަހައްޓައިގެންނެވެ. ކޮޓަރީގައި ހުންނަ ދެ އަލަމާރި ހުންނަނީ ޖެހިޖެހިގެންނެވެ. ދީމާއަށް ފެނުނީ އެއް އަލަމާރި މަތިން އަނެއް އަލަމާރި މައްޗަށް ފުންމައިލި "އެއްޗެކެވެ". އަނދިރިގަނޑެކެވެ. އާދައިގެ ބޮޑުމިނުގެ ބަކަށްޓެއް ވަރު ވެއެވެ. އެކަމަކު ސިފަ ހީވަނީ ބުޅަލެއް ހެންނެވެ. އާޒިމް އޮތީ ނިދައިފައެވެ. އަނިލް ފޯނަށް ޖަވާބު ނުދިނުމުން ދެން ހަދާނެ ގޮތަކާ މެދު ދީމާ ވިސްނައިލިއެވެ.

"ބަލަ އެއީ ރަނގަޅު ބަޔެއް ވެއްޖެއްޔާ އަހަންނާ ވެސް ވާހަކަދައްކަން ޖެހޭނެއްނު!" އަނިލް މަސައްކަތްކުރީ އެއްޗެއް ސާބިތުކޮށްދޭށެވެ. "ކީއްވެ ފިލީ؟ ހާދަ ފިނޑި ބަޔެކޭ ތީ!"

"ކަލޭމެން އައިސް މާ އަޑުގަދަކޮށް ވާހަކަދައްކާތީ އެ މީހުން ބިރުގަތީ،" ހަނާ ވަރަށް ހަމަޖެހިލައިފައި ބުންޏެވެ. "ތީ މުސްލިމުން އުޅޭ ގޮތެއް ނޫނޭ! ކުޑަކޮށް މަޑުމައިތިރިކަމާ އެއްކޮށް ވާހަކަދައްކަން ޖެހޭނީ. ބޮޑެތި މީހުންނަށް ވެސް އިހުތިރާމުކުރަން ޖެހޭނެ! މައްކާއިން އައި ޝޭހަކީ ވަރަށް ދުވަސްވީ މުސްކުޅި މީހެއް. އެ މީހުން މުސްކުޅިވީމަ ބަލި ވެސް ވާނެއްނު! ހިތް ވެސް ނުލާހިކު ބަލިވާނެއްނު!"

"އެއީ މަ ބަލަންޖެހޭ ކަމެއްތަ؟" އަނިލް ޖަވާބުދިނެވެ. "ކަލޭމެންގެ ތެރޭގަ ތިބެއެއްނު ހިތްބަލި އެއްޗިއްސާ، ހިތްގަދަ އެއްޗިއްސާ، މަޑުމައިތިރިކޮށް ވާހަކަދައްކާ އެއްޗެހި. ދޭބަލަ އެ ދިމާއަށް. ކީއްކުރަން އިންސާނަކާ އަވަލަވައިގެން ތި އުޅެނީ؟"

ދީމާ އެނދުން ފައިބައިގެން ގޮސް ނިދާބޮކި ނިއްވައިލައިފައި އަލިގަދަ ބޮކި ދިއްލިއެވެ. ކޮންމެވެސް ސަބަބަކާ ހުރެ ބޮތްކެއް ނުދިއްލުނެވެ. އަނެއްކާ ވެސް ދީމާ ދިއްލަންޖެހުނީ ނިދާބޮތްކެވެ. އަލަމާރި މަތީގައި އޮތީ ކޯޗެއް ހެއްޔެވެ؟ ދީމާގެ ހިތުގައި އުފެދިފައިވާ ސުވާލަކީ އެއީއެވެ. އަލަމާރި މައްޗަށް ބަލަހައްޓައިގެން ދީމާ ހުއްޓައި ބޯ ހިއްލައިލި ތަން ފެނުނެވެ. އެ ފަހަރު ސިފަ ވައްތަރުވީ އިންސާނަކާއެވެ. ލޮލެއް، އަނގައެއް ވަތްކެއް ނުވެއެވެ. ފެނުނީ ހިޔަންޏެއް ގޮތަށެވެ.

"ކަލޭމެންނަށް އެ ކަން ނުކޮށްދެވޭތީއެއްނު އަހަރުމެން އަންނަން މި ޖެހެނީ،" ހަނާ ބަރާބަރަށް ޖަވާބުދެމުން ގެންދިޔައެވެ. "ކުރީ ރޭ ވެސް ފެންއަޅާށޭ ކިޔާފަ ކަލޭ ދިޔައިމަ މީނަގެ ފިރިމީހާ ނޫޅޭ އެ ކަން ކުރާކަށް. އަޅައެއް ނުލާ! ދެފައި ދަމައިފަ ނިދާފަ އޮތީ! އެހެން ހަދާކަށް ނުވާނެއްނު ދޯ! ބަލިވީމަ އަޅާލަން ޖެހޭނެއްނު ދޯ!"

ދީމާ އަނެއްކާ ވެސް އަނިލްއަށް ގުޅިއެވެ. ބިރުގަތަސް ދަރިފުޅު ގޮވައިގެން ދާނެ އެހެން ތަނެއް ނެތެވެ. ފޯނެއް އަންނަކަން އަނިލްއަށް އެނގެއެވެ. އެ ކަމަކާ އަނިލް އަޅައެއްނުލައެވެ.

"ބަލަ ކަލެއެއް ނޫންތަ ހަނާ ބަލިކޮށްގެން ތި އުޅެނީ؟" އަނިލް ސުވާލުކުރިއެވެ.

"އަހަރެން ބަލިކުރިޔަސް އަޅާލަން ޖެހޭނެއްނު!" ވަރަށް ހަމަޖެހިލައިފައި ހަނާ ބުނެލިއެވެ.

"ތީ މަ ބަލަންޖެހޭ ކަމެއް ނޫން!" އަނިލް ބުންޏެވެ. "ކަލެޔާ ބެހޭ ކަންތަކާ ބެހޭ! ނުބެހޭ ކަންތަކާ ނުބެހި ހުރޭ!"

"އަހަންނާ ބެހެވޭނެއްނު!" ހަނާގެ ވާހަކަ ހުހެއްނުވިއެވެ. "އަހަރެން ހުރިހާ މަންޒަރެއް ބަލަން ހުރީމޭ!"

"ކަލޭ ތި ހަދަނީ ހުސް ދޮގު!" އަނިލް ބުންޏެވެ. "ކަލޭ ތިއުޅެނީ ދޭތެރެޖައްސާ ފިތުނަ އުފައްދާނެ ގޮތެއް ހޯދަން."

ދީމާއަކީ ޖެހިލުން ކުޑަ ކުއްޖެކެވެ. އަނިލްގެ ޚަބަރެއް ނުވުމުން ދީމާ އެނދުމައްޗަށް ކޮޅަށްއެރިއެވެ. އަލަމާރި މަތި ފެނޭތޯ މަސައްކަތްކުރިއެވެ. އަނިލް ރުޤްޔާކުރާކަން ދީމާއަށް އެނގެއެވެ. އެ ކަން ހުއްޓައިލުމަށް ވެސް ކިތަންމެ ފަހަރަކު ބުނެފިއެވެ. އަނިލް އެ އަޑެއް ނާހައެވެ.

"އަހަންނަށް ކޮން ޖެއްސުމެއްކުރާކަށް؟" ރުޅިއައިސްފައި ދީމާ ބުންޏެވެ. "އަހަރެން ދަންތަ ކަލޭމެންނަށް ޖެއްސުންކުރަން؟ ކިހާ ބޮޑު ކަމެއް. ނިދޭ ވަރެއް ނޫނޭ! ހަމަ މިހާރު ނުކުމޭ!"

ނުފެންނަ އެއްޗަކާ ދީމާ ވާހަކަދެއްކިއެވެ. އެއީ އަނިލް ބުނެފައި އޮންނަ ގޮތެވެ. އަލަމާރި މައްޗަކުން އެއްވެސް ހިލަމެއް ނުވިއެވެ.

"ދެން އެ ކަހަލަ ކަންތަކެއް އަހަރުމެން ނުކުރާނެއްނު!" ހަނާ ބުންޏެވެ. "ދޮގެއް ނޫނޭ މި ބުނީ. މަ ކޮންމެ އެއްޗެއް ބުންޏަސް ކަލެއަށް ހީވާނެ ދޮގެއްހެން. މިސާލަކަށް ތިހިރަ ޒުވާނާ! ކަލޭ މާ އިތުބާރުކުރާ މީހެއްނު އެއީ. އެކަމަކު އެއީ ފައްކާ މުނާފިގެއް."

ހަނާ އިޝާރާތްކުރީ އަނިލްގެ އެކުވެރިޔާ ނާހިދަށެވެ. ނާހިދު ހިނިއައިސްފައި ހަނާއަށް ބަލަހައްޓައިގެން ހުއްޓެވެ.

"މަ އެހިންތަ އެއީ ކޮން ކަހަލަ މީހެއްހޭ؟" އަނިލް ސުވާލުކުރިއެވެ.

"ކަލެއަށް ވެސް އެނގެންޖެހޭނެއްނު ކަލެޔާ އެއްކޮށް އުޅޭ މީހުންގެ ގޮތް،" ހައިރާން ވެފައި ހަނާ ބުންޏެވެ. "މި ތާ އެތެރޭގަ މި ތިބަ މީހުންގެ ފެންވަރު ކަލެއަށް ނޭނގި އޮތީމަ ކަމަކުނުދާނެއްނު!"

"އަޅެ އަހަރެން އެއް ފަހަރު ވެސް ކަލޭ ކައިރީގަ އެހިންތަ މި ތާ މި ތިބަ މީހުންނަކީ ކޮން ކަހަލަ ބަޔެއްހޭ؟" އަނިލް އެހިއެވެ. "ނުވަތަ މަށަށް ބުނެވުނުބާ އެއީ ކޮން ކަހަލަ މީހެއްހޭ؟"

އަނިލް ކިޔަވަން ވެގެން ފޯނު ނެގިއެވެ. ކިޔަވަން ގަސްތުކުރާ އާޔަތް ހޯދިއެވެ.

"ކިޔަވަން ފެށީމަ ކަލެއަށް ވެސް ނޭނގި މި ތަނަށް ދެން އަންނަ ބަޔަކާ ހެދި ކަލެއަށް ވެސް އުނދަގޫ ވާނެއްނު!" ހަނާ ވަރަށް ހެޔޮއެދޭކަމަށް ހެދިގެން ބުންޏެވެ. "ކިހިނެއް ކިޔަވާނީ؟"

"ކަލެއަށް ހީވަނީތަ މަށަށް އުނދަގޫކުރެވޭނޭ؟" އަނިލް ސުވާލުކުރިއެވެ. "ނުކުރެވޭނެ! އެ ކަން ހަނދާންނައްތާލާ! އަހަރެންނަށް ވާގިދެއްވާނީ ވެސް، އަހަރެން ހިމާޔަށްކޮށްދެއްވާނީ ވެސް ﷲ."

އެއްވެސް ޚަބަރެއް ނުވުމުން ދީމާ އަނެއްކާ ވެސް އޮށޯތެވެ. އެކަމަކު އަލަމާރި މަތި ނޫން ތާކަށް ދީމާ އަކަށް ނުބެލެއެވެ. ދީމާއަށް އެންމެ ބޮޑު މައްސަލައަކީ ދަރިފުޅު އޮތީމައެވެ. އެ ވަގުތު އެނދުމަތީގައި އެއްޗެއް ހިރޭހެން ދީމާއަށް ހީވިއެވެ.

"ސީދާ ކަލެއަށް އުނދަގޫކުރާ ވާހަކައެއް ނޫނޭ،" އެނދުގައި ދެއަތް ވިއްދައިލައިގެން އިނދެ ހަނާ ބުންޏެވެ. "ބަޔަކު އައިސް އޭނައަށް އުނދަގޫކުރަން ފެށީމަ ކަލޭގެ މަސައްކަތަށް އުނދަގޫވާނެއްނު! އެ ވާހަކަ މި ބުނީ!"

"އޭނަޔަށް ކުރާނެ އުނދަގުލެއް ކޮށްފަ ބަހައްޓާ!" އަނިލް ހުއްދަ ދިނެވެ. "މަށަކާ ނުކުޅެވޭނެ!"

"ކަލެޔަށް ކަމެއް ކުރާ ނަމެކޭ އަހަންނެއް ނުބުނަމެއްނު!" ހަނާ ބުންޏެވެ.

"މަށަށް އަނިޔާކުރަން ކަލޭ އުޅުނިންތަ؟" އަނިލް އެހިއެވެ.

"އަހަންނެއް ނޫޅެން،" ޗޮކެއްކަނޑައިފައި ހަނާ ބުންޏެވެ. "އެކަމަކު ކުރީ ރޭ ތި ގެއަށް ގޮސް ކުޑަކޮށް ޖެއްސުންކޮށްލިން. ކަލޭ ގެއަށް ދާން ނުކުތް ވަގުތު ކަލެއަށް ވެސް ޖެއްސުންކުރަން އުޅުނިން."

ކުއްލިއަކަށް އެނދުމަތި ބަލާކަށް ދީމާ ބޭނުމެއް ނޫނެވެ. ބިރުގަންފިއްޔާ ދެން ކުރާ އުނދަގޫ މާ ބޮޑުވާނެތީއެވެ. އެކަމަކު ކޮންމެވެސް އެއްޗެއް އެނދުމަތީގައި އުޅޭކަން ދީމާއަށް ޔަގީންވިއެވެ. އަޑުއަންނަހެން ހީވީ ބޯލާކޮޅާ ދިމާއިންނެވެ. އަނިލްއަށް ގުޅާކަށް ދީމާ ބޭނުމެއް ނޫނެވެ.

"ދެން ކީއްވެ ޖެއްސުން ނުކުރީ؟" އަނިލް އެހިއެވެ.

"އެ ކަން ކުރަން ދިޔައީ ވަރަށް ކުޑަކުޑަ ސޮރެއް،" ހަނާ ތަފުސީލުކޮށް ކިޔައިދިނެވެ. "ދިޔަ ވަރަށް ވުރެ ބާރަށް އޭނަ އަތުވެއްޖެ ތެޅެމުންފޮޅެމުން. އައިއިރު ކުރިޔަށް ވުރެ ވެސް އެ ގޮލާ ކުޑަވެފަ ހުރީ. އޭނަ އަދިވެސް އެހެން ހުރީ. އެހެންވެ މަ ނޫޅެން ކަލެއަށް އުނދަގުލެއް ކުރާކަށް. އަހަރެން ނުވެސް ވިސްނަން ކަލެއަށް އުނދަގޫކުރާކަށް."

"ބަލަ ވިސްނީމައެއްނު މަގޭ ފަހަތުން ކަލޭ އެ ގޮލާ ފޮނުވީ،" އަނިލް ވަގުތުން ބުންޏެވެ. "ކީއްކުރަން ފޮނުވީ؟"

ބޯލާކޮޅާ ދިމާއަށް އެނބުރިލަން ދީމާ ހިތަށްއެރި ވަގުތަކީ މުޅި ތަން އަނދިރިވި ވަގުތެވެ. ކަރަންޓު ދިޔަ ވަގުތެވެ. ދީމާ އަތުގައި ފޯނު އޮތެވެ. ފޯނުން ތަނަށް އަލިކޮށްލަން އަތް ހަރަކާތްކުރި ވަގުތު ކުޑަކުއްޖަކު ހީނގަތް އަޑު ދީމާއަށް އިވުނެވެ.

ނުނިމޭ