13 އޮކްޓޯބަރ 2016 - 09:39

ލަންޑަން (އޮކްޓޯބަރު 13) - އިނގިރޭސި ޕްރިމިއާ ލީގަކީ ފިޒިކަލީ އެންމެ އުނދަގޫ ލީގު ކަމަށް އާސެނަލަށް ކުޅޭ ސްވިޒަލެންޑްގެ މިޑްފީލްޑަރު ގްރޭނިޓް ޒާކާ ބުނެފި އެވެ.
މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ޖަރުމަނުގެ ބޮރޫޝިއާ މޮންޗެންގްލަޑްބެކް ދޫކޮށް ޒާކާ އާސެނަލަށް ބަދަލުވީ 30 މިލިއަން ޕައުންޑަށެވެ. އާސެނަލްގެ ފުރަތަމަ އެގާރައިން ޖާގަ ހޯދުމަށް ޒާކާ އަށް ވަނީ އުނދަގޫވެފަ އެވެ. ޒާކާ ބުނީ ޓީމުގެ ފުރަަތަމަ އެގާރައިން ޖާގަ ހޯދަން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.
"ޓީމުގައި ތިބި ގިނަ މިޑްފީލްޑަރުންނަކީ މި ލީގުގައި ކުޅެމުން އަންނަ ކުޅުންތެރިން. އަހަރެންގެ ފުރަތަމަ ސީޒަން މިއީ. ފިޒިކަލީ ބަލާއިރު ޕްރިމިއާ ލީގަކީ އެންމެ އުނދަގޫ ލީގު. އެކަމަކު ޓެކްޓިކަލީ އަދި ޓެކްނިކަލީ ބަލާއިރު ޖަރުމަނު ލީގާ ޕްރިމިއާ ލީގު އެއްވަރު،" ކުރިން ސްވިޒަލެންޑުގެ ބަސެލް އަށް ކުޅުނު ޒާކާ ބުންޏެވެ.
ޒާކާ ބުނީ އާސެނަލްގެ ސްކޮޑު ވެސް ވަރަށް ވާދަވެރި ކަމަށާއި އެއް މަގާމަށް ކުޅޭ ފެންވަރު ރަނގަޅު ކުޅުންތެރިން އެބަތިބި ކަމަށެވެ. އަދި މި ޓީމަށް މި ސީޒަނުގައި ރަނގަޅު ކާމިޔާބެއް ހޯދޭނެ ކަމަށް އޭނާ ބުންޏެވެ.
އާސެނަލަށް މިހާތަނަށް ކުޅެދިން ހަ މެޗުން ޒާކާ ވަނީ އެ ޓީމަށް ދެ ލަނޑު ޖަހައިދީފަ އެވެ.