ލޭމައްޗަށް ދާ ނަމަ ނަފްސާނީ މައްސަލަތަކެއް ޖެހިދާނެ
ލޭމައްޗަށް ދާ ނަމަ ނަފްސާނީ މައްސަލަތަކެއް ޖެހިދާނެ

ލޭމައްޗަށް ދިއުމުން، ހަނދާނާ ގުޅުން ހުރި ކަންކަން އޮޅުންބޮޅުން ވުމާއި މީހާގެ މިޒާޖު އަވަސް އަވަހަށް ބަދަލުވުމާއި ކަންކަމުގައި ގޮތް ކަނޑައެޅުމުގައި އެކަށީގެން ނުވާ ސަބަބުތަކަށް ބެލުން ފަދަ ކަންކަމުގެ ތެރެއަށް މީހާ ގެންދާ ނަފްސާނީ ބައްޔެއް ކަމަށްވާ ޑިމެންޝާ އަށް މަގު ފަހިކުރުވާ ކަމަށް އެމެރިކަން ހާޓް އެސޯސިއޭޝަން އިން އިންޒާރު ދީފި އެވެ.

ސައިންޓިފިކް ދިރާސާއަކާ ހަވާލާދީ ހާޓް އެސޯސިއޭޝަނުން ބުނީ މެދުއުމުރުގައި ލޭމައްޗަށްދާ ނަމަ މި ނުރައްކާ ވަކިން ބޮޑު ކަމަށެވެ.

ޑިމެންޝާގެ މައްސަލަ ކުރިމަތިވެފައިވާ 30-40 މިލިއަން މީހުން ދުނިޔޭގައި އެބަތިބި ކަމަށް އަންދާޒާކުރެވިފައިވެ އެވެ. އަދި 2050 ވަނަ އަހަރު އަންނައިރު މި އަދަދު ދެ ގުނަ އަށް އިތުރުވެދާނެ ކަމަށް ވެސް ވަނީ ބެލެވިފަ އެވެ. ހާޓް އެސޯސިއޭޝަނުން ބުނީ މި އަދަދު އިތުރުވާނެ ކަމަށް ބެލެވެނީ ދުނިޔޭގެ އާބާދީގައި އުމުރުން ދުވަސްވީ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވަމުންދާތީ ކަމަށެވެ.

"ލޭމައްޗަށްދާ މީހުންގެ ކިބައިގައި ޑިމެންޝާ ހުރުމުގެ ފުރުސަތު ބޮޑު،" ހާޓް އެސޯސިއޭޝަންގެ ބަޔާނުގައި ޑރ. ކޮސްޓަންޓީނޯ އިއަޑެކޯލާ ވިދާޅުވެފައިވެ އެވެ. އޭނާ އަކީ ނިއު ޔޯކްގެ ވެއީލް ކޯނެލް މެޑިކަލް ކޮލެޖްގެ ނިއުރޮލޮޖީ އަދި ނިއުރޯސައިންސްގެ ޕްރޮފެސަރެކެވެ.

އޭނާ ވިދާޅުވެފައި ވަނީ ލޭމައްޗަށް ދިއުން ނުވަތަ ހައިޕަޓެންޝަން ކޮންޓްރޯލްކޮށްގެން ޑިމެންޝާގެ ނުރައްކަލުން ސަލާމަތް ވެވޭނެ ކަމެއް ނުވަތަ އެ މައްސަލަ ކުރިމަތިވުމުގެ ފުރުސަތު ކުޑަކުރެވޭނެ ކަމެއް އަދި އެނގިފައި ނުވާ ކަމަށެވެ.

"ލޭމައްޗަށް ދިއުމުގެ މައްސަލަ އަށް ފަރުވާ ހޯދާ މީހުންގެ ވިސްނުމުގެ ގާބިލްކަން އިތުރުވާ ކަމަށް ބެލެވޭ އާދައިގެ ކުދި ވަރަށް ގިނަ ދިރާސާތައް އެބަހުރި،" އިއަޑެކޯލާ ވިދާޅުވެފައިވެ އެވެ.

އޭނާ ވިދާޅުވެފައި ވަނީ ލޭމައްޗަށް ދިއުމާއި ޑިމެންޝާއާ ހުރީ ކޮން ގުޅުމެއްތޯ ބަލަން އިތުރު ދިރާސާތައް ކުރަންޖެހޭ ކަމަށެވެ. ލޭމައްޗަށް ދިއުމަކީ ސިކުނޑި އަށް އެންމެ ގެއްލުން ހުރި ކަންތައް ކަމަށް ޕްރޮފެސަރު ވިދާޅުވެފައިވެ އެވެ. ލޭމައްޗަށް ދިއުމުން ސިކުނޑީގެ ނާރުތަކަށް ގެއްލުންވެ ހަރުވެ އެވެ. މިހެން ވުމުން ސިކުނޑީގެ ތެރޭގައި ލޭ ދައުރުވުމަށް މައްސަލަތަކާ ކުރިމަތިވެ އެވެ. އެހެންވެ ސިކުނޑީގެ މަސައްކަތަށް ޖުމުލަ ގޮތެއްގައި ގެއްލުންވެ އެވެ.

އިއަޑެކޯލާ ވިދާޅުވި ގޮތުގައި ލޭމައްޗަށް ދިއުމަކީ ސިކުނޑީގެ އިތުރުން ހިތާއި ކިޑްނީ އަށް ވުރެ ފައިދާ ހުރި ކަމެއްކަން އެންމެންނަށް އެނގެން ޖެހެ އެވެ.

މިކަމާ ބެހޭ ގޮތުން ކޮށްފައިވާ ދިރާސާ ހައިޕަޓެންޝަން ޖާނަލްގެ މި މަހުގެ 10 ވަނަ ދުވަހުގެ އަދަދުގައި ވަނީ ޝާއިއުކޮށްފަ އެވެ.