އެފްރިކާ މީހުންނަށް ޗައިނާގައި ތަފާތުކުރާ ކަމުގެ ތުހުމަތު
އެފްރިކާ މީހުންނަށް ޗައިނާގައި ތަފާތުކުރާ ކަމުގެ ތުހުމަތު

ބެއިޖިން (އެޕްރީލް 14) - އެފްރިކާ މީހުންނާ މެދު ޗައިނާގައި ތަފާތު ކުރާކަމުގެ ތުހުމަތާ އެކު ޑިޕްލޮމެޓިކް މައްސަލަގަނޑެއް އުފެދިއްޖެ އެވެ.

އެފްރިކާގެ ކިޔަވާ ކުދިންނާއި މަސައްކަތު މީހުން ޗައިނާގެ ދެކުނުގެ ސިޓީއެއް ކަމަށްވާ ގުއާންޒޫގައި ކޮރޯނާވައިރަހަށް ޓެސްޓް ކުރުވައި އަދި އެއްވެސް ސަބަބެއް ނެތި އެ މީހުން 14 ދުވަހަށް ކަރަންޓީން ކުރިކަމަށް ސީއެންއެން އިން ބުނެފައިވެ އެވެ. އެފްރިކާގެ ގިނަ އަދަދެއްގެ މީހުން ޗައިނާގައި އުޅުނު ތަންތަނުން ނެރެ އަދި އެ ސިޓީގެ ހޮޓާތަކުން ވެސް އެ މީހުން ގަބޫލް ނުކުރުމުން ގިނަ ބަޔަކު ތިބީ މަގުމަތިވެފައި ކަމަށް ވެސް ބުނެފައިވެ އެވެ.

ޗައިނާގެ އެތެރޭގައި ވައިރަސް ކޮންޓްރޯލް ކޮށްފައިވީ ނަމަވެސް އިމްޕޯޓެޑް ކޭސްތައް އިތުރުވެ ދެ ވަނަ ރާޅެއްގެ ބިރު އެ ގައުމުގައި ވަނީ ބޮޑުވެފަ އެވެ.

އެފްރިކާ މީހުންނަށް ޗައިނާގައި ތަފާތުކުރާ މައްސަލައިގައި އެފްރިކާގެ ބައެއް ގައުމުތަކުން ވެސް ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. ކެންޔާގެ ޕާލަމެންޓް މެންބަރަކު ދާދި ފަހުން ވަނީ އެ ގައުމުގައި ތިބި ޗައިނާ މީހުން ފޭބުމަށް ގޮވާލައިފަ އެވެ. އެފްރިކާ މީހުންނަށް ޗައިނާގައި ތަފާތު ކުރާކަމުގެ ޚަބަރުތައް ޔުގެންޑާ، ސައުތު އެފްރިކާ އަދި ނައިޖީރިއާގެ ޓީވީ ސްޓޭޝަންތަކުން ވެސް ވަނީ ކިޔައިފަ އެވެ.

ޗައިނާގެ މީޑިއާތަކުން ކުރިން ވަނީ ގުއާންޒޫގައި ނައިޖީރިއާގެ ފަސް މީހަކު ކޮރޯނާވައިރަހަށް ޕޮޒިޓިވްވި ކަމަށް ރިޕޯޓްކޮށްފަ އެވެ.