ކޮވިޑް-19: ސަރުކާރަށް ބަރޯސާނުވުމުން ލަމްޕާޑްގެ ޝުކުރު ޗެލްސީ އަށް
ކޮވިޑް-19: ސަރުކާރަށް ބަރޯސާނުވުމުން ލަމްޕާޑްގެ ޝުކުރު ޗެލްސީ އަށް

ލަންޑަން (އޭޕްރީލް 14) - ކޮރޯނާވައިރަހުގެ ސަބަބުން ދިމާވެފައިވާ މާލީ ދަތިތަކުގެ މައްސަލަތައް ހައްލުކުރަން ސަރުކާރުގެ އެހީތެރިކަމަށް ބަރޯސާނުވެ ޗެލްސީން ކުރަމުން ގެންދާ މަސައްކަތަށް އެ ކްލަބްގެ ކޯޗު އަދި ކުރީގެ ކުޅުންތެރިޔާ ފްރޭންކް ލަމްޕާޑް ޝުކުރު އަދާކޮށްފި އެވެ.

ކޮރޯނާވައިރަހުން ޖެހޭ ކޮވިޑް-19 އިންގްލެންޑުގައި ފެތުރެންފެށުމާ އެކު މިިދިޔަ މަހުގެ 13 ވަނަ ދުވަހު އިނގިރޭސި ފުޓްބޯޅަ ސީޒަން މެދުކަނޑާލި އެވެ. އެއާ އެކު ޗެލްސީން ވަނީ އެ ކްލަބްގެ ދަނޑު ސްޓެމްފޯޑް ބްރިޖްގައި ހުންނަ ހޮޓަލެއް ހެލްތު ވޯކަރުންގެ މަސައްކަތަށް ދީފަ އެވެ. އަދި ޗެލްސީން އަބަދުވެސް އެހީވަމުން އަންނަ ރެފިއުޖީންނަށް މި މުއްދަތުގެ ތެރޭގައި ވެސް އެހީތެރިކަން ފޯރުކޮށްދިނުމަށް ހަ ހަފްތާގެ ފަންޑްރައިޒިން އިވެންޓެއް ކުރިއަށްގެންދިއުމަށް ނިންމައި އެ މީހުންނަށް އެހީވާނެ ކަމުގެ ޔަގީންކަން ދިނެވެ. އަދި މި ކަމުގައި ސަރުކާރުގެ އެހީތެރިކަމަށް ނޭދޭނެކަން ޗެލްސީން އެންގި އެވެ.

ޕްރިމިއާ ލީގުގެ ބައެއް ޓީމުތަކުން ވަނީ ސަރުކާރުގެ ސްކީމުގެ ތެރެއިން ބައެއް ސްޓާފުންގެ މުސާރަ ހަމަޖައްސަން ނިންމައިފަ އެވެ. އަނެއް ބައި ކްލަބްތަކުން ކުޅުންތެރިންގެ މުސާރަ ކުޑަކުރަން ވެސް ވަނީ މަޝްވަރާކޮށްފަ އެވެ. އެ ގޮތުން ގިނަ ޓީމުތަކުން 30 ޕަސެންޓަށް ކުޅުންތެރިން މުސާރަކުޑަކުރާނެ ކަމަށް ބެލެވެ އެވެ. އެކަމަކު ޗެލްސީން ވަނީ ސަރުކާރުގެ ސްކީމްގެ ބޭނުންނުހިފައި ވެސް ކުޅުންތެރިންގެ މުސާރަތަށް ދޭން ނިންމައިފަ އެވެ.

ސްކައި ސްޕޯޓްސް އަށް ދިން އިންޓަވިއުއެއްގައި ލަމްޕާޑް ބުނީ ކްލަބްގެ އަމަލުތަކުގެ ސަބަބުން އޭނާ އަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިފައިވާ ކަމަށެވެ.

"މި ފަދަ ކްލަބެއްގެ ކޯޗަކަށް ހުންނަން އަހަރެން ވަރަށް ފަހުރުވެރިވޭ. ހުރިހާ ކަމަކަށް ވެސް ޗެލްސީން ވަރަށް ފުރިހަމަ އަށް ތައްޔާރުވެފައި އޮތީ. ކޮންމެ ކަމެއްގައި ވެސް ވަރަށް އަވަހަށް ގޮތެއް ނިންމައި ހުރިހާ ފަރާތެއްގެ އިތުބާރު ދަމަހައްޓަން ކުރި މަސައްކަތް ވަރަށް ފުރިހަމަ އަށް ބަލައިގަންނަން،" ލަމްޕާޑް ބުންޏެވެ.

ކޮވިޑް-19 ގެ އުނދަގޫ ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި ފުޓްބޯޅަ ކުޅުންތެރިންނަށް ސަރުކާރުގެ ނުފޫޒު ކުރިމަތިވުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް ލަމްޕާޑް ބުންޏެވެ. އަދި ފުޓްބޯޅަ ކުޅުންތެރިންނަކީ ކޮންމެ ވަގުތެއްގައި ވެސް ގިނަ ބަޔަކަށް އެހީތެރިކަން ފޯރުކޮށްދޭ ބަޔެއްކަމަށް ވެސް އޭނާ ބުންޏެވެ.

ޖޫން މަހު އަލުން ސީޒަން ފަށަން މަސައްކަތްކުރަމުން ދިޔަ ނަމަވެސް މެޗުތައް ފެށޭނެ ސީދާ ތާރީހެއް ނޭނގޭތީ އަވަސް އަރުވާލައިގެން ޗެލްސީގެ ޕްރެކްޓިސް ފަށަން ލަމްޕާޑް ބޭނުމެއް ނުވެ އެވެ. އެކަމަކު އަމިއްލަ ގޭގައި ހުންނައިރު ކޮންމެ ކުޅުންތެރިޔަކު ވެސް ފިޓްނަސް ހިފަހައްޓަން ކުރެވޭނެ ކަންތައްތައް ކުރަން ލަމްޕާޑް އެދުނެވެ.

ޗެލްސީގެ ވެރިޔާ ރަޝިއާގެ މަހުޖަނު ރޯމަން އަބްރަމޮވިޗްގެ އިނގިރޭސި ވިލާތުގެ އިންވެސްޓް ވިސާ 2018 ވަނަ އަހަރު މެއި މަހު ވަނީ ހަމަވެފަ އެވެ. އިނގިރޭސި ވިލާތާއި ރަޝިޔާއާ ދެމެދު ބޮޑު ޑިޕްލޮމެޓިކް މައްސަލައެއް އުފެދިފައިވާތީ އަބްރަމޮވިޗްގެ އިންވެސްޓް ވިސާ އަދިވެސް އޮތީ އާ ނުކޮށްދީ އެވެ. އަބްރަމޮވިޗް ވަނީ ފަހުން އިޒްރޭލުގެ ރަށްވެހިކަން ހޯދައިފަ އެވެ. މިހާރު ޗެލްސީގެ މަސައްކަތް އޭނާ ނިންމަނީ އެ ގައުމުގައި ހުރެ އެވެ.