ކޮވިޑް-19: އިންޑިއާގެ ލޮކްޑައުން މުއްދަތު މެއި 3 އަށް އިތުރުކޮށްފި
ކޮވިޑް-19: އިންޑިއާގެ ލޮކްޑައުން މުއްދަތު މެއި 3 އަށް އިތުރުކޮށްފި

ނިއު ދިއްލީ (އެޕްރީލް 14) - އިންޑިއާގެ ލޮކްޑައުން މުއްދަތު އަންނަ މެއި މަހުގެ 3 އަށް އިތުރުކުރިކަން ބޮޑު ވަޒީރު ނަރެންދުރަ މޯދީ މިއަދު އިއުލާން ކުރައްވައިފި އެވެ.

މާޗް 25 ވަނަ ދުވަހު މޯދީ އިއުލާން ކުރެއްވި 21 ދުވަހުގެ ލޮކްޑައުން މުއްދަތު މިއަދު ހަމަވާން ކައިރިވެފައި ވަނިކޮށް ގައުމާ މުޚާތަބް ކުރައްވާ މޯދީ ވިދާޅުވީ ވޭތުވެދިޔަ ދުވަސްތަކުގެ ތަޖްރިބާ އަށް ބަލާއިރު އިޚްތިޔާރުކޮށްފައިވާ މަގު ރަނގަޅު ކަމަށެވެ.

ލޮކްޑައުންގެ މުއްދަތު އިތުރުކުރި އިރު އިންޑިއާގެ ފަގީރު ހިސާބުތަކުގެ މީހުންގެ ދިރިއުޅުމަށް އެކަމުން ކުރާ އަސަރު ވަނީ ބޮޑު ބަހުސަކަށްވެފަ އެވެ. ދުވަހު މުސާރަ އަށް މަސައްކަތް ކުރާ އެތައް މިލިއަން ބައެއްގެ ވަޒީފާ ވަނީ ގެއްލިފަ އެވެ. ދުރު އަވަށްތަކުގައި މަސައްކަތް ކުރާ މީހުން ފައި މަގުގައި އެ މީހުންގެ އަވަށަށް ދިއުމުގެ ތެރޭގައި ވަނީ ބަނޑަށް މަރުވެފަ އެވެ.

އިންޑިއާގެ ލޮކްޑައުން މުއްދަތު އިތުރު ކުރުމަށް ފަހު ބައެއް ސްޓޭޓްތަކަށް ދޭ ލުއިތަކުގެ ގައިޑްލައިން ބުދަ ދުވަހު އިއުލާން ކުރާނެ އެވެ.

"އާ ގައިޑްލައިންތައް ހަދާ އިރު ދުވަހު މުސާރައަށް މަސައްކަތް ކުރާ ފަގީރުންގެ މަތިން ހަނދާން ނައްތާލައިގެން ނުވާނެ،" މޯދީގެ 24 މިނިޓުގެ ތަގްރީރުގައި ވިދާޅުވި އެވެ. "މައި ސަރުކާރު އަދި ސްޓޭޓްތަކުގެ ސަރުކާރުތަކުން ދަނީ ދަނޑުވެރިންނަށް އެއްވެސް އަސަރެއް ނުކުރާނެ ގޮތަށް ކަންކަން އިންތިޒާމް ކުރަމުން."

އިންޑިއާ އިން ކޮރޯނާވައިރަހަށް ވަނީ 10،541 މީހުން ޕޮޒިޓިވްވެ 358 މީހުން މަރުވެފަ އެވެ. ތަޖްރިބާކާރުން ބުނަނީ އިންޑިއާގައި ރަނގަޅަށް ޓެސްޓް ކުރާ ނަމަ ޕޮޒިޓިވްވާ މީހުންގެ އަދަދު މާ ބޮޑުތަން މަތިވާނެ ކަމަށެވެ.