ޕޯޗުގަލް ގައުމީ ޓީމުގެ ބޯނަސް ކުދި ކްލަބްތަކަށް ހަދިޔާކޮށްފި
ޕޯޗުގަލް ގައުމީ ޓީމުގެ ބޯނަސް ކުދި ކްލަބްތަކަށް ހަދިޔާކޮށްފި

ލިޒްބަން (އޭޕްރީލް 14) - އަންނަ އަހަރަށް ފަސްކޮށްފައިވާ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ކޮލިފައިވުމުން ޕޯޗުގަލް ގައުމީ ޓީމަށް ދޭން ހަމަޖެއްސި ބޯނަސް، އެ ގައުމުގެ ދަށް ޑިވިޝަންތަކުގެ ފުޓްބޯޅަ ކްލަބްތަކަށް ހަދިޔާކުރަން ނިންމައިފި އެވެ.

ކޮރޯނާވައިރަހުން ޖެހޭ ކޮވިޑް-19 ގެ ސަބަބުން ކުޅިވަރުގެ ތެރެއިން މާލީގޮތުން އެންމެ ބޮޑަށް އަސަރުކުރާނެ އެއް ބަޔެއްގެ ގޮތުގައި ބެލެވެނީ ކުދި ކްލަބްތަކެވެ. މި ކްލަބްތަކަކީ ޕޯޗުގަލްގެ އެކި ހިސާބުތަކުން ޒުވާން ކުޅުންތެރިން ޕްރޮފެޝަނަލް ލެވަލަށް ގެންނަން ގިނަ މަސައްކަތްތަކެއް ކުރާ ޓީމުތަކެކެވެ. އެހެންވެ ޕޯޗުގަލް ފެޑެރޭޝަނުން އަބަދުވެސް މި ކްލަބްތަކަށް އެހީތެރިކަން ފޯރުކޮށްދެ އެވެ.

ކުދި ކްލަބްތަކުގެ މެދުގައި ޕޯޗުގަލްގައި ބާއްވާ މުބާރާތްތައް މިދިޔަ ހަފްތާގައި ވަނީ އެއްކޮށް ކެންސަލްކޮށްފަ އެވެ. އެހެންވެ އެ ކްލަބްތަކަށް ވަނީ މާލީ ގޮތުން ވަރަށް އުނދަގޫ ހާލަތެއް ކުރިމަތިވެފަ އެވެ. މި ފަދަ ދަނޑިވަޅެއްގައި އެ ޓީމުތަކަށް އެހީތެރިވާން ޕޯޗުގަލްގެ ފެޑެރޭޝަނުން ވެސް އޮތީ ތައްޔާރަށެވެ. އެއަށް ބާރު ލިބުނީ ގައުމީ ޓީމުން ނެގި އިސްނެގުމާ އެކު އެވެ.

ޕޯޗުގަލްގެ ފެޑެރޭޝަނުގެ އޮފިޝަލަކު ބުނީ ޔޫރޯ ކޮލިފައިންގެ ގޮތުގައި ޕޯޗުގަލް ޓީމަށް ދޭން ޖެހޭ ބޯނަހުގެ ޖުމްލަ 5.1 މިލިއަން ޑޮލަރަށް އަރަ އެވެ. މި ފައިސާ އެއްކޮށް ކުދި ކްލަބްތަކަށް އެހީވާން ހާއްސަ ފަންޑެއްގެ ގޮތުގައި ކަނޑައަޅަން ނިންމާފައިވާ ކަމަށެވެ.

"ޕޯޗުގަލް ގައުމީ ޓީމުގައި މި ވަގުތު ވެސް އެބަހިމެނޭ މި ކުދި ކްލަބްތަކުގެ ތެރެއިން ފުރުސަތު ލިބިގެން ގައުމީ ޓީމާ ހަމައަށް އައި ކުޅުންތެރިން. އެ ކުޅުންތެރިންގެ އިސް ނެގުމާ އެކު ބޯނަސް (ޔޫރޯ ކޮލިފައިން ބޯނަސް) ކުދި ޓީމުތަކަށް ހަދިޔާކުރަން ނިންމުމަކީ މިއީ މި ގައުމުގެ ފުޓްބޯޅައިގެ ކުރި މަގަށް ވަރަށް މުހިއްމު ނިންމުމެއް." ޕޯޗުގަލްގެ ފެޑެރޭޝަންގެ އޮފިޝަލް ބުންޏެވެ.

"މީގެން އެނގިގެންދިޔައީ ކުޅުންތެރިން އަބަދުވެސް އެ މީހުންނަށް ފުރުސަތު ދިން މީހުންގެ ހަނދާން ކުރާކަން،"

ޕޯޗުގަލްގެ ފުޓްބޯޅަ ސީޒަން ވެސް މި ވަގުތު އޮތީ މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފަ އެވެ. ކޮވިޑް-19 އަށް ޕޯޗުގަލް އިން 16،000 އަށް ވުރެން ގިނަ މީހުން ޕޮޒިޓިވްވެފައިވާއިރު، ޕޯޗުގަލް ފެޑެރޭޝަނުން މަސައްކަތްކުރަނީ އަންނަ މަހު ފަހުކޮޅުގައި މެޗުތައް ފަށާށެވެ. އެކަމަކު އެ ގޮތަށް ކަންތައް ކުރެވޭނީ ކޮވިޑް-19 ގެ މި އުނދަގޫ ހާލަތުން އަރައިގަނެވިފައިވާ ކަމުގެ ޔަގީންކަން ސިއްހީ މާހިރުން ދިނުމުންނެވެ.

އެންމެ ފަހުން ބޭއްވި 2016 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދި ޕޯޗުގަލް އިން ވަނީ މިދިޔަ އަހަރުގެ ޔުއެފާ ނޭޝަންސް ލީގު ވެސް ކާމިޔާބުކޮށްފަ އެވެ. އަންނަ އަހަރަށް ޝެޑިއުލްކޮށްފައިވާ ޔޫރޯ އިން ޕޯޗުގަލް ފުރުސަތު ހޯދީ ކޮލިފައިން ބުރުގެ ދެ ވަނަ ޓީމުގެ ގޮތުގަ އެވެ.