14 އެޕްރީލް 2020 - 12:28

ކޮވިޑް-19 ފެތުރުނަ ނުދިނުމަށް ރާއްޖޭގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު ވެސް، ގާނޫނީ ހައްލު ބޭނުންވާ ކަންކަމަށް ގާނޫނީ ހައްލު ހޯދައި ދިނުމާއި ސަރުކާރު ޖަވާބުދާރީ ކުރުވުން ފަދަ މަސައްކަތްތައް ކުރަން ރައްޔިތުންގެ މަޖިލީހަށް އުޒުރެއް ނެތް ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ކޮވިޑް-19 ފެތުރުނަށް ނުދިނުމަށް އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް، ދައުލަތުގެ އިދާރާތައް ބަންދުކުރި ފަހުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކާއި ކޮމިޓީގެ ބައްދަލުވުންތައްް ބާއްވަމުން އަންނަނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށެވެ. އެކަމަކު، އެ ގޮތަށް ޖަލްސާތައް ކުރިއަށް ގެންދިއުމުގެ ބަދަލުގައި މަޖިލީހުގެ ތަޅުމުގައި ޖަލްސާތައް ބާއްވަން މަސައްކަތް ކުރާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން މިދިޔަ އާދީއްތަ ދުވަހު ވަނީ ބުނެފަ އެވެ.
އެކަމާ ގުޅޭ ގޮތުން ނަޝީދު މިއަދު ވަނީ މަޖިލީހުގައި ތަމްސީލް ކުރާ ސިޔާސީ ޕާޓީތަކުގެ ޕާލަމެންޓްރީ ގުރޫޕްތަކާ ބައްދަލު ކުރައްވައިފަ އެވެ. ބައްދަލުވުން ފައްޓަވަމުން ނަޝީދު ވިދާޅުވީ މަޖިލީހުން އަވަހަށް ނިންމަން ޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށެވެ. އެއް ކަމެއްގެ ގޮތުގައި އެމަނިކުފާނު ވިދާޅުވީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ލަސްކުރުމާ ގުޅޭ ގޮތުން މަޖިލީހުން ގޮތެއް ނިންމުމެވެ.
"އާއްމުކޮށް މަޖިލީހުން ކުރަމުން ގެންދާ ކަންތައްތައް، ޚާއްސަ ގޮތެއްގައި ސަރުކާރު ޖަވާބުދާރީ ކުރުވުުމާއި ގާނޫނު ހެދުމުގެ މަސަައްކަތް މަޑުކޮށްގެން ތިބުމުގައި އަޅުގަނޑުމެންނަކަށް އުޒުރެއް، ހަގީގަތުގައި ދެއްކޭކަަށް ނެތް،" މަޖިލީހުގެ ޗެމްބަރުގައި ބޭއްވި ބައްދަލުވުމުގައި އެ މަނިކުފާނު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވި ގޮތުގައި، ކޮވިޑް-19 ފެތުރޭތީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކަނޑައަޅާފައިވާ ގައިޑްލައިން ތަކާ އެއްގޮތަށް ދުރުދުރުގައި ތިބެގެން ވެސް މަޖިލިސް ކުރިއަށް ގެންދެވިދާނެ އެވެ.
މަޖިލީހުގެ ސުޕާ މެޖޯރިޓީ އޮޮންނަ އެމްޑީޕީގެ ބައެއް މެމްބަރުން ވެސް ވިދާޅުވީީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު ޖަލްސާތައް ބޭއްވިދާނެ ކަމަށް ގަބޫލު ކުރެއްވޭ ކަމަށެވެ. އެކަމަކު، އެ ގޮތަށް ޖަލްސާތައް ބާއްވަން ފެނިވަޑައިނުގަންނަވާ ކަމަށް ވެސް އެމްޑީޕީގެ ބައެއް މެމްބަރުން ވިދާޅުވި އެވެ.
ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ވިދާޅުވީ ދިރިއުޅުން "އާ އާއްމު ހާލަތަކަށް" ބަދަލުވާން ޖެހޭ ކަމަށް އެޗްޕީއޭގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގު ރޭ ވިދާޅުވި ކަަމަށާއި އެ ގޮތަށް ޖަލްސާތައް ބޭއްވިދާނެ ކަަމަށެވެ.
އިލްޔާސް ވިދާޅުވީ، އޮންލައިން ކޮށް މަސައްކަތް ކުރަން ޖެހޭތީ، މަޖިލީހުގެ ކޮމިޓީތަކުގެ ކަންކަން ވެސް ވަރަށް ލަސްކަމަށާއި އެހެންވެ ސޯޝަލް ޑިސްޓޭންސް ހެދޭނެ އިންތިޒާމުތަކެއް ހަމަޖައްސައިގެން މަސައްކަތް ކުރަން ފެންނަ ކަމަށެވެ.
"މަޖިލީހުގެ 80 ޕަސެންޓް މަސައްކަތަކީ ކޮމިޓީތަކުގެ މަސައްކަތް. އެ މަސައްކަތް އަޅުގަނޑުމެން ކުރަން ޖެހެނީ ވަރަށް ދަތިކޮށް، އޭގެ ސްޕީޑާއި އެފިޝަންޓްކޮށް އެކަން ކުރަން އުނދަގޫތަަކެއް އެބަހުރި. މި ތަނުގައި އެ ކަން، އާ ނޯމްސް ގައި ގައިދުރުކޮށް، ޑިސްޓެންސް ބަހައްޓާފައި އެރޭންޖް ކޮށްގެން މަަސައްކަތް ކޮށްފިއްޔާ އަޅުގަނޑު ބުނާނީ ހަމަ އަޅުގަނޑުމެން ކުރާ ގޮތަށް މަސަައްކަތް ކުރެވިދާނެއޭ،" އޭނާ ވިދާޅުވި އެވެ.
މަޖިލީހުގެ ތަޅުމުގައި މި ވަގުތު ޖަލްސާތައް ބާއްވަން ދެކޮޅު މެމްބަރުން ވިދާޅުވީ އެ ގޮތަށް މަސައްކަތް ފަށައިފި ނަމަ އެއީ ރައްޔިތުންނަށް ދޭ ގޯސް މެސެޖަކަށް ވާނެ ކަމަށެވެ.
އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (ބިގޭ) ވިދާޅުވި ގޮތުގައި، ޖަލްސާތައް މިހާރު ވެސް ވާޗުއަލްކޮށް ބާއްވާއިރު އެއީ ދަތިކަމެއް ނޫން ކަމަށެވެ.
މަޖިލީހުގެ މަސަައްކަތްތައް ޗެމްބަރުގައި ނުފަށައި އިތުރު ދެ ހަފްތާއެއްހާ ދުވަހަަށް ބަލައިލުން ރަނގަޅު ކަމަށް ބައެއް މެމްބަރުން ވިދާޅުވުމުން ނަޝީދު ވިދާޅުވީ ހާލަތު ރަނގަޅުވާން އެންމެ މަދުވެގެން ވެސް 210 ދުވަސް ހޭދަވާނެ ކަމަށް އެޗްޕީއޭގެ އެޕިޑެމިއޮލޮޖިކަލް ސާވޭ އިން ދައްކާ ކަމަށެވެ. ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް އެހާ ދިގު މުއްތަކަށް ހުއްޓާލާފައި ނުބޭއްވޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑަށް ފެންނަ ގޮތުގައި ރާއްޖޭގެ ރައްޔިތުންގެ މަޖިލީހެއް ބަންދުކޮށްފައެއް ނުބޭއްވޭނެ. އެއް ނުވާ ގޮތަކަށެެއް ނުބޭއްވޭނެ 210 ދުވަސް ވަންދެނެއް. އެއީ އަކީ އެއް އަަޅުގަނޑުމެންނަަށް ކުރެވެން އޮތް ކަމެއް ނޫން،،" ނަޝީދު ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ، ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ފަސްކުރަން ޖެހޭތީ ގާނޫނުތަކަށާއި ގާނޫނުއަސާސީ އަށް ބަދަލު ގެންނަންޖެހޭ ކަމަށެވެ.
މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ ރަށު ތެރޭގައި ސޯޝަލް ޑިސްޓެންސް ބަހައްޓާތަން ނުފެންނަ ކަމަށާއި ހުއްޓިފައި އޮތް ތަން ފެންނަނީ ހަމަ އެކަނި އިދާރާތަކުގެ މަސައްކަތް ކަމަށެވެ. އެހެން އެ ވަނީ އޭނާ ވިދާޅުވި ގޮތުގައި، މެސެޖް ސާފު ނުވާތީ އެވެ.
ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ ވިދާޅުވީ ސިއްހީ ލަފައާ އެކު، ބަހައްޓަން ޖެހޭ ދުރުމިން ބަހައްޓައިގެން މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދަން ޖެހޭ ކަމަށެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވީ މަޖިލީހުގެ ޖަލްސާތައް ބާއްވަން އެޗްޕީއޭ ގައި އަހަން ނުޖެހޭ ކަމަށާއި މަސައްކަތް ކުރުމާއި ދިރިއުޅުމުގައި އަމަލުކުރަންވީ ގޮތްް އެޗްޕީއޭ އިން ފުރިހަަމައަށް ކަނޑައަޅައި ކިޔައިދީފައިވާ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި މަޖިލީހުގެ މަސައްކަތް ނުހިނގާތީ ދައުލަތް ދައުލަތް ވެސް ނުހިނގަ އެވެ.
"އިއްޒަތްތެރި ރައީސް ތަކުރާރުކޮށް އެބަ ވިދާޅުވޭ ގާނޫނީ ދައުލަތް ހިނގަން ޖެހޭ ވާހަކަ. އެހެން ނަމަވެސް މިހާރު ގާނޫނީ ދައުލަތް ރަނގަޅަށް ނުހިނގާ ކަން ސާފުވާ ކަންކަން އެބަ ދިމާވޭ،" އާޒިމް ވިދާޅުވި އެެވެ.