ކޮރޯނާވައިރަސް ކޮންޓްރޯލްކުރަން އިންޑޮނީޝިއާގެ އަވަށެއްގައި "ހަންޑި"
ކޮރޯނާވައިރަސް ކޮންޓްރޯލްކުރަން އިންޑޮނީޝިއާގެ އަވަށެއްގައި "ހަންޑި"

ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމަށް ސޯޝަލް ޑިސްޓެންސިން ޕްރެކްޓިސް ކުރުމަށާއި މަގުތަކަށް ނުކުތުން މަދުކުރަން އެންގިޔަސް އެކަމަށް ބައެއް މީހުން ތަބާނުވާތީ، ހާއްސަ ގޮތަކަށް އިންޑޮނީޝިއާގެ އަވަށެއްގައި އަމަލުކުރަން ފަށައިފި އެވެ.

ކޮރޯނާވައިރަސް ކޮންޓްރޯލްކުރަން އިންޑޮނީޝިއާގެ އަވަށެއްގައި "ހަންޑި"
ކޮރޯނާވައިރަސް ކޮންޓްރޯލްކުރަން އިންޑޮނީޝިއާގެ އަވަށެއްގައި "ހަންޑި"

ޖާވާ އައިލެންޑް ކެޕޫ ވިލެޖްގެ މަގުމަތިން މިހާރު ރޭގަނޑު ފެންނަނީ "ހަންޑި" އެވެ. "ހަންޑިތައް" ތިބެނީ ކިރިޔަކިރިޔާ ހަމައެކަނި މޫނު ފެންނަވަރަށް މުޅި ގަޔާއި ބޮލާ އެކު ހުދު ފޮތިގަނޑަކުން ނިވާވެގެންނެވެ. މި "ހަންޑިތައް" ސިފަވަނީ ކަފުންކޮށްފައި އޮންނަ މައްތިޔަކާ އެވެ. އަދި މިއީ އިންޑޮނީޝިއާގައި ކިޔައި އުޅޭ އިހުގެ ހާދިސާތަކާ ވެސް ގުޅުން ހުރި "ޕޮކޮން" ގެ ނަން ދީފައިވާ ސިފައާ ވައްތަރު "ހަންޑި" އެވެ.

މި "ހަންޑިތައް" މިހާރު ތިބެނީ ކެޕުއާގެ އެކި މަގުތަކަށް ރޭގަނޑު ނުކުމެ އެވެ. ބޭނުމަކީ މަގުތައް ޕެޓްރޯލްކުރުމެވެ.

މި ގޮތަށް އަމަލުކުރަން ފެށުމުން މަގުތަކަށް ނުކުންނަ މީހުން މަދުވަމުންދާ ކަމަށް ކެޕޫ އަވަށުގެ އޮފިޝަލުން މީޑިއާތަކަށް ވިދާޅުވި އެވެ. މިކަމަކީ އަވަށުގެ ޒުވާނުން ގްރޫޕެއް އަމިއްލަ ގޮތުން އިސް ނަގައިގެން ފުލުހުންގެ އެހީތެރިކަމާ އެކު ކުރަމުން އަންނަ ކަމެކެވެ.

މިކަމާ ބެހޭ ގޮތުން ރޮއިޓާޒްއާ ވާހަކަ ދެއްކި އަވަށުގެ މީހެއް ކަމަށްވާ ކަރްނޯ ސުޕަޑްމޯ ކިޔައިދިން ގޮތުގައި މަގުމަތިން "ހަންޑި" ފެންނާތީ މިހާރު ގިނަ ބަޔަކު އިޝާ ނަމާދަށް ފަހު، ރޭގަނޑު ބޭރަކަށް ނުދެ އެވެ.

"މިހާރު އިޝާ ނަމާދަށް ފަހު އަވަށުގެ އެންމެން ވެސް ތިބެނީ ބިރުން މަގުމަގުމައްޗަށް ނުނުކުމެ ގޭތެރޭގައި." އޭނާ ބުންޏެވެ.

އަވަށުގެ މިސްކިތެއްގައި މަސައްކަތްކުރާ އަންޖާރް ޕަންކާ ކިޔާ މީހަކު ވެސް ކިޔައިދިން ގޮތުގައި މަގުމަތިން "ހަންޑި" ފެނުމަކީ މި ދުވަސްކޮޅު އަވަށުގެ ހުރިހާ ރައްޔިތުންނަށް އޮތް ރައްކަލެކެވެ.

ވައިރަސް ފެތުރުމާ ދެކޮޅަށް ކުރާ މަސައްކަތެއްގެ ގޮތުގައި "ހަންޑި" ނެރުނު ގްރޫޕްގެ އިސް ލީޑަރު އަންޖާރް ޕަންކަނިންޓިއާސް ރޮއިޓާޒް އަށް ބުނީ އެ މީހުން ފެށި މަސައްކަތުން ހެޔޮ ނަތީޖާތަކެއް ފެންނަކަން ކަމާބެހޭ ފަރާތްތަކުން ބުނުމަކީ ކާމިޔާބީއެކެވެ.

"އަހަރެމެން ބޭނުންވީ މަގުމައްޗަށް މީހުން ނުނުކުންނާނެ ކަމެއް ތަފާތު ގޮތަކަށް ކުރަން. އެކަން ވަރަށް ކާމިޔާބު. މި ވައިރަސް މައިތިރިވަންދެން އަހަރެމެން މި މަސައްކަތުގައި ދެމިތިބޭނަން." އޭނާ ބުންޏެވެ.

ކޮރޯނާވައިރަހުން ޖައްސާ ކޮވިޑް-19 ގައި އިންޑޮނީޝިއާ އިން މިހާތަނަށް 400 އެއްހާ މީހުން މަރުވެފައިވާ އިރު، ބަލި ޖެހުނު މީހުންގެ އަދަދު 500 އާ ގާތްކުރެ އެވެ. އަދި 380 މީހުން ބަލިން ރަނގަޅުވެފައިވެ އެވެ.