14 އެޕްރީލް 2020 - 14:16

މަތީ ތައުލީމުގެ އިތުރު ލޯނަކަށް މި އަހަރު ހުޅުވާލެވޭނެ ކަމުގެ ޔަގީންކަމެއް އަދި ނެތް ކަމަށް ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ރޭ ވިދާޅުވެއްޖެ އެވެ.
"ރާއްޖެޓީވީ"ގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގުތިސޯދަށް ވަރަށް ބޮޑަށް ގެއްލުން ލިބިފައިވާ ކަމަށެވެ. އެހެންވެ، ބަލަމުން އަންނަނީ މިހާރު އިއުލާނުކޮށްފައިވާ މަތީ ތައުލީމު ލޯނުގެ 550 ފުރުސަތާ ގުޅުންހުރި ކަންކަން ކަމަށް ވިދާޅުވި އެވެ.
ޑިޕްލޮމާއިން ފެށިގެން ޕީއެޗްޑީއާ ހަމައަށް ކިޔެވުމަށް ހުޅުވާލި ފުރުސަތަށް 151 މިލިއަން ރުފިޔާ ބަޖެޓުކޮށްފައި ވެ އެވެ.
މަތީ ތައުލީމް ހާސިލްކުރަން މިއަހަރުގެ ކުރީކޮޅު ހުޅުވާލި ލޯނަށް އެދި 1،300 ދަރިވަރުން ކުރިމަތިލި އެވެ. އޭރު މިނިސްޓަރު ވިދާޅުވީ އިތުރު ލޯނަކަށް މިއަހަރުގެ ފަހުކޮޅު ހުޅުވާލުމަށް އުއްމީދުކުރައްވާ ކަމަށެވެ.
"މިއަހަރު އިތުރު ލޯނު ބުރެއް އޮންނާނެއޭ މިހާރު ދަންނަވާކަށް ނުކުރޭނެ. މިހާރު ބޭނުންވަނީ މިހާރު އިއުލާނުކޮށްފައިވާ 550 ލޯނުގެ ފުރުސަތު ވީހާ ވެސް ފަހިކޮށްދިނުމަށް،" މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިހާރު ލޯނު ދޭން ނިންމި 550 ދަރިވަރުންނަށް ލޯނު ދޭން ނިންމީ ކޮވިޑް-19 ގެ ކަންތައްތައް ދިމާވުމުގެ ކުރިން ކަމަށެވެ. ސަރުކާރުގެ މަގުސަދަކީ ކިރިޔާ ވެސް ވެގެން ވަންޏާ މި ފުރުސަތުތައް ދަރިވަރުންނަށް ފަހިކޮށްދިނުންކަން ފާހަގަކުރެއްވި އެވެ.
ލޯނުގެ އިތުރު ލޯނު ބުރެއް އޮންނާނެ ކަމަށް ބުނުމަކީ ޒިންމާދާރުކަން ކުޑަ ކަމަކަށް ވާނެ ކަމަށް ވިދާޅުވި އެވެ.
"އިގުތިސޯދު ކިރިޔާ ވެސް ޖާގަ ދެންޏާ އަޅުގަނޑުމެން މި ފުރުސަތު ދޭ ގޮތަށް މި ހުރީ. މީހުން ތަމްރީނުކޮށް ބިނާކޮށްގެން ގައުމު ކުރިއަށްދާނީ. މީހުން ބިނާކޮށް ތަމްރީނުކޮށްގެން މިކަހަލަ ހާލަތެއް ދިމާވެއްޖިއްޔާ ވެސް ފަންނުވެރި، ހުނަރުވެރިން ތިބޭނީ،" މިނިސްޓަރު ވިދާޅުވި އެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ޔުނިވާސިޓީތަކާއި ކޮލެޖުތައް ބަންދުކުރިތާ މަހެއް ވަނީ އެވެ. މިނިސްޓަރު ވިދާޅުވީ އޮންލައިންކޮށް، ވާޗުއަލްކޮށް ކިޔަވައިދޭން ތައްޔާރުވެފައި ހުރީ ވަރަށް މަދު ކޮލެޖުތަކަކުން ކަމަށެވެ. އެހެންވެ މިއީ މުސްތަގުބަލަށް ތައްޔާރުވުމަށް ލިބޭ ވަރަށް ބޮޑު ތަޖުރިބާއެއް ކަމަށް ވިދާޅުވި އެވެ.