އިނގިރޭސި އެމްޕީންނަށް ދޭ އިތުރު 10،000 ޕައުންޑާ ދެކޮޅަށް ޕެޓިޝަނެއް
އިނގިރޭސި އެމްޕީންނަށް ދޭ އިތުރު 10،000 ޕައުންޑާ ދެކޮޅަށް ޕެޓިޝަނެއް

ކޮރޯނާވައިރަހާ ހެދި އެތައް ބައެއްގެ ވަޒީފާ ގެއްލިއްޖެ އެވެ. ދިރިއުޅުމުގެ ޒަރޫރީ ބޭނުންތައް ފުއްދަން ވެސް މިކަމުގެ ސަބަބުން ދަނީ ހުރަސްއެޅެމުންނެވެ. އަދި ވަޒީފާގައި ތިބި ގިނަ ބަޔަކަށް މިހާރު ޖެހިފައި ވަނީ ގޭގައި ތިބެގެން އެ މީހުންގެ ރަސްމީ މަސައްކަތްކުރާށެވެ. މި ބަދަލުތަކާ އެކު ގައުމުތަކުގެ ސަރުކާރުތަކުން އަންނަނީ ލުއިތަކެއް ހޯދައިދޭން ސްޓިމިއުލަސް ޕެކެޖްތަކެއް ތައާރަފުކޮށް، އެހީދޭން މަސައްކަތްކުރަމުންނެވެ.

އެގޮތުން އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލިސް ހައުސް އޮފް ކޮމަންސްގެ މެމްބަރުން ގޭގައި ތިއްބަވައިގެން މަސައްކަތްކުރަން ޖެހިވަޑައިގެންފައިވާތީ އިތުރު އިނާޔަތެއްގެ ގޮތުގައި ކޮންމެ މެމްބަރަކަށް 10،000 ޕައުންޑް (193,402.44ރ.) ގެ އެލަވަންސެއް ދޭން ވަނީ ނިންމައިފަ އެވެ.

ނަމަވެސް ވަރަށް ގިނަ އާންމު ރައްޔިތުން "ބިކަވަމުންދިއުމާއި" ކޮރޯނާވައިރަހުގެ ހާލަތު އިނގިރޭސިވިލާތުގައި ބޮޑުވަމުންދާތީ، މެމްބަރުންނަށް ދޭން ނިންމި އެލަވަންސް ނެޝަނަލް ހެލްތު ސާވިސް (އެންއެޗްއެސް) އަށް ހަދިޔާކުރަން ގޮވާލައި މިހާރު އަންނަނީ އޮންލައިން ޕެޓިޝަނެއްގައި ސޮއިކުރަމުންނެވެ.

އޭގައި ބުނެފައި ވަނީ މެމްބަރުންނަށް ދޭން ނިންމި އިތުރު 10،000 ޕައުންޑް އެންއެޗްއެސްގެ މުވައްޒަފުން ކުރަމުން އަންނަ މަސައްކަތަކާއި ވައިރަހުން ރައްކާތެރިކަން ހޯދަން ބޭނުންކުރާ ޒަރޫރީ މެޑިކަލް ސާމާނު ހޯދަން ހަދިޔާކުރުން މި ދަނޑިވަޅުގައި މާ މުހިއްމު ކަމަށެވެ.

ޗޭންޖް.އޯގްގައި ކުރިއަށް ގެންދާ މި ޕެޓިޝަނުގައި މިހާތަނަށް 200،000 އަށް ވުރެ ގިނަ މީހުން ސޮއިކޮށްފައިވެ އެވެ. އަދި ވީހާ ވެސް ގިނަ ބަޔަކު ޕެޓިޝަނުގައި ސޮއިކުރަން ގޮވާލައި ޓްވިޓާގައި ވެސް އަންނަނީ ކެމްޕޭންކުރަމުންނެވެ.

ޕެޓިޝަނުގައި ފާހަގަކޮށްފައިވާ ގޮތުގައި މެމްބަރަކަށް އަހަރަކު 26،000 ޕައުންޑް (502,850.35ރ.) ލިބެމުންދާ އިރު، މި ހާލަތުގައި އިތުރު 10،000 ޕައުންޑްގެ އެލަވަންސެއް އަންނަ އަހަރުގެ މާޗް މަހާ ހަމައަށް ދޭން ނިންމުމަކީ އިންސާފެއް ނޫނެވެ. އަދި އެ ފައިސާ މި ވަގުތު އެންމެ މުހިއްމީ ކޮރޯނާވައިރަހާ ދެކޮޅަށް ކުރާ މަސައްކަތްތަކަށް ކަމަށްވާތީ އެންއެޗްއެސް އަށް ފައިސާ ހަދިޔާކުރަން މެމްބަރުންނަށް ގޮވާލާފައިވެ އެވެ.

#ސޯޝަލްޖަސްޓިސް#ފައިޓިންއިކްއަލިޓީ#ޓައިމްފޮޗޭންޖް ފަދަ ހޭޝްޓެގްތަކާ އެކު ކުރިއަށް ގެންދާ ޕެޓިޝަނަށް އިނގިރޭސިވިލާތުގެ ވަރަށް ގިނަ ބަޔަކު އަންނަނީ މަރުހަބާ ކިޔަމުންނެވެ.

ނަމަވެސް ބައެއް މެމްބަރުން ވަނީ އެލަވަންސާ ބެހޭ ގޮތުން ހަގީގަތާ ހިލާފު ވާހަކަތަކެއް ފަތުރަމުންދާ ކަމަށާއި ކުރިއަށް ގެންދާ ޕެޓިޝަނަކީ ވަރަށް ޒިންމާދާރުކަން ކުޑަކޮށް ކުރާ ކަމެއް ކަމަށް ވިދާޅުވެފަ އެވެ.