14 އެޕްރީލް 2020 - 15:33

ކިއޭވް (އެޕްރީލް 14) - މުޅި ދުނިޔޭގައި މިހާރު ހަލުވިކަމާ އެކު ފެތުރޭ ކޮރޯނާވައިރަހަށް ވެކްސިނެއް އުފެއްދި ޔޫކްރޭނުގެ ސައެންސްވެރިއަކަށް އިނާމެއްގެ ގޮތުގައި އެއް މިލިއަން ޑޮލަރު ދޭން އެ ގައުމުގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ ނިންމަވައިފި އެވެ.
"ރައީސް ގަބޫލް ކުރައްވާ ގޮތުގައި އެއް މިލިއަން ޑޮލަރަކީ އެކަށީގެންވާ އިނާމެއް،" ޒެލެންސްކީގެ ތަރުޖަމާން ޔޫލިއާ މެންޑެލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކޮރޯނާވައިރަހަށް އަވަސް މުއްދަތެއްގައި ވެކްސިނެއް އުފެއްދިއްޖެ ނަމަ އެތައް ހާސް ބައެއްގެ ފުރާނަ ސަލާމަތް ކުރެވޭނެ އެވެ.
"ރައީސް ޒެލެންސްކީ ބޭނުން ވަނީ ކޮރޯނާވައިރަހަށް ވެކްސިނެއް އުފައްދައިގެން މުޅި ދުނިޔެ އަށް އެހީތެރިވުމުގައި ޔުކްރޭނުގެ ސައެންސްވެރިން ހަރަކާތްތެރިވާ މިންވަރު ބޮޑު ކުރަން،" ތަރުޖަމާން ވިދާޅުވި އެވެ.
ކޮރޯނާވައިރަހަށް ވެކްސިނެއް އުފެއްދުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަންނަނީ މަސައްކަތް ކުރަމުންނެވެ. ކޮރޯނާވައިރަހުގެ ވެކްސިން އަންނަ ސެޕްޓެމްބަރު މަސް ހިސާބުގައި ލިބޭވަރު ވާނެ ކަމަށް އޮކްސްފޯޑް ޔުނިވާސިޓީގެ ޕްރޮފެސަރަކު ވަނީ ވިދާޅުވެފަ އެވެ.
ސައެންސްވެރިން ކުރިން ބުނަމުން އައީ އެކި މަރުހަލާތަކަށް ފަހު ކޮރޯނާވައިރަހުގެ ވެކްސިނެއް ލިބޭވަރު ވާނީ 12-18 މަހާ ދެމެދު ކަމަށެވެ.
ކޮރޯނާވައިރަހަށް މުޅި ދުނިޔޭން މިހާތަނަށް ވަނީ 1,934,292 މީހުން ޕޮޒިޓިވްވެ 120,438 މީހުން މަރުވެފަ އެވެ. ރަނގަޅުވެފައި ވަނީ 456,599 މީހުންނެވެ.