13 އެޕްރީލް 2020 - 22:28

ރާއްޖެ އިން ކޮރޯނާވައިރަސް އަށް މިހާތަނަށް މުޅިން ވެސް ޕޮޒިޓިވްވީ ބޭރުން އައި މީހުން ކަމަށް ވާތީ، ރާއްޖެ އަށް ކޮންމެހެން އަންނަންޖެހޭ މީހުން ނޫނީ މި ދަނޑިވަޅުގައި ނައުމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް މިރޭ އެދިވަޑައިގެންފި އެވެ.

އެ ސެންޓަރުން ބޭއްވި މީޑިއާ ބްރީފިންގައި އޭނާ އެންމެ ބޮޑަށް މިރޭ އެދިވަޑައިގަތީ ރާއްޖެ އިން ބޭރުގައި ތިބި ގިނަ ދިވެހިންތަކެއް ރާއްޖެ އަންނާތީ އާއި ކޮންމެހެން އަންނަންޖެހޭ މީހުންނަށް ފުރުސަތު ދިނުމަށް ބާރު އެޅުމުގެ މައްޗަށެވެ.
މަބްރޫކް ވިދާޅުވީ، ކޮރޯނާވައިރަސް އިން ރައްކާތެރިވުމުގެ ފިޔަވަޅުތައް އަޅަން ފެށި ފަހުން މިހާތަނަށް 1،500 އެއްހާ ދިވެހިން ރާއްޖެ އިން ބޭރުން އައިސްފައިވާއިރު، ކުރިއަށް އޮތް ތަނުގައި އިތުރު ހާހެއްހާ މީހުން އަންނާނެ ކަމަށެވެ. އަދި މިހާރު ހުރި ކަރަންޓީން ފެސިލިޓީތައް ހުސްވާ ވަރަކުންް، ރާއްޖެ އިން ބޭރުގައި ތިބި ދިވެހިން ގެނައުމަކީ ސަރުކާރުގެ ވިސްނުން ކަމަށް އޭނާ ވިދާޅުވި އެވެ.
ނަމަވެސް މަބްރޫކް ވިދާޅުވީ، ރާއްޖެ އަށް ކޮންމެހެން އަންނަންޖެހޭ މީހުންނަށް ފުރުސަތު ދިނުމަކީ އެންމެ ރަނގަޅު ގޮތް ކަމަށެވެ.
"ތިމާ އަށް ވުރެ މާ ހާލުގައި ހުރި މީހެއް ވެޖިއްޔާ އޭނާ އަށް [ރާއްޖެ] ދާން ފުރުސަތު ދިނުމަށް އަމިއްލަ މީހާ މަޑުކޮށްލުން. އެ ކަން ކޮށްދިނުމަކީ ވަރަށް މުހިންމު ކަމެއް. ދެވަނަ ކަމަކީ ކޮންމެހެން އަންނަންޖެހޭ މީހާ ނޫނިއްޔާމު މި ވަގުތު އައުމަށް ނުވިސްނުން،" މަބްރޫކް ވިދާޅުވި އެވެ.
"ޑޮކްޓަރުން ވެސް އެ ވިދާޅުވާ ވާހަކަ އަކީ އެއާޕޯޓަކަށް އައުމަށް ވުރެ ބިރުވެރި ކަމެއް މި ވަގުތު ނެތޭ. ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ގިނަ ފްލައިޓްތަކުން އައި މީހުން ވަނީ ޕޮޒިޓިވް ވެގެން [ކަރަންޓީންގައި] މަޑުކުރަން ޖެހިފައި އެ ވަނީ. އެހެންވީމާ ބަލި ފެތުރުމުގެ ފުރުސަތު އޮވޭ ރާއްޖެ އަށް ދަތުރުކުރާއިރު."
މަބްރޫކް ވިދާޅުވި ގޮތުގައި، މި ވަގުތު އެންމެ މުހިންމީ އެ ބަޔަކު އެ ތިބި ތަނެއްގައި ތިބުމެވެ. އެ މީހުންނަށް ސަރުކާރުން ދެވޭނެ މިންވަރަަކަށް އެހީވެދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މަބްރޫކް ވިދާޅުވީ، ގައުމުން ބޭރުގައި ތިބި މީހުން ގެނައުމަށް ރާއްޖެ އިން މި ކުރާ ވަރަށް މި ސަރަހައްދުގައި ވެސް ކުރާ ގައުމުތަކަށް މަދު ކަމަށެވެ.
"ބައްލަވާ ސްރީ ލަންކާ ކަހަލަ ގައުމުތަކަށް. އަޅުގަނޑު ހިތުން 30 މީހުން އަނބުރާ ގައުމަށް އަންނަން [ލަންކާ އިން] ފުރުސަތު ދިނީ. އެހެން ގައުމުތައް ވެސް ހަމަ އެހެން،" އޭނާ ވިދާޅުވި އެވެ.
މަބްރޫކް ވިދާޅުވި ގޮތުގައި ސަރުކާރެއްގެ ހައިސިއްޔަތުން ރާއްޖޭގެ ނިންމުމަކީ ބޭރުގައި ތިބި ވީހާ ވެސް ގިނަ ދިވެހިން ވީ އެންމެ އަވަހަކަށް ގެނައުމެވެ.
މިރޭގެ މީޑިއާ ބްރީފިންގައި އެޗްޕީއޭގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގް ވިދާޅުވީ، ކަރަންޓީންގައި ތިބި ބައެއް މީހުން ކޮރޯނާވައިރަސް އަށް ޕޮޒިޓިވް ވާއިރު، ބޭރުން އަންނަ އެއްވެސް ބަޔަކު މި ވަގުތު ގެ އަށް ދޫކުރެވެން ނެތް ކަމަށެވެ. އޭނާ އެހެން ވިދާޅުވީ، މި ދުވަސްވަރު ރާއްޖެ ގެންނަ މީހުންގެ ތެރޭގައި ބަލި ހާލަތު ވަރަށް ބޮޑު މީހުން ހިމެނޭ ކަން ފާހަގަ ކުރެއްވުމުގެ ގޮތުންނެވެ.
ނަޒްލާ ވިދާޅުވި ގޮތުގައި، ކަރަންޓީން ފެސިލިޓީތަކެއްގެ ގޮތުގައި ބައެއް ތަންތަން ބަލަމުން އައި ނަމަވެސް މިހާރު އެއީ ސިއްހީ ޚިދުމަތް ދެވޭ ފެންވަރުގެ ތަންތަނަށް ވެސް ވާންޖެހެ އެވެ. އެއީ އެކި ބަލިބަލީގެ މީހުން ރާއްޖެ އިން ބޭރުން މިހާރު އަންނާތީ އެވެ.
"ސިއްހީ ހިދުމަތަކީ ހަމައެކަނި ޑޮކްޓަރުންނާއި ނަރުހުން ތިބުމެއް ވެސް ނޫން. މިސާލަކަށް ޑްރެސިން އަޅާ މީހެއް ވެއްޖިއްޔާ އޭނާ އަށް ޑްރެސިން އެޅޭނެ ގޮތް. ސްޓެރައިލް އެއްޗެހި ހުންނަންޖެހޭ. މި ކަހަލަ ވަރަށް ބައިވަރު ކަންތައްތައް އެބަހުރި. އަޅުގަނޑުމެންނަށް ރިސޯޓު ރޫމް ލިބުނަސް ނުނިމޭނެ. އެ ތަނުގައި ސިއްހީ ހިދުމަތް ދެވޭނެ، ފަރުވާ ދެވޭނެ ނިޒާމް ހަމަޖައްސަންޖެހޭ،" ނަޒްލާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ވަރަށް ބޮޑެތި ބަލި މީހުން ވެސް މި ދުވަސްވަރު ރާއްޖެ އައުމުން ކަރަންޓީން ފެސިލިޓީތަކުގައި ބައިތިއްބަންޖެހެ އެވެ. އެހެންވެ، ސިއްހީ އިދާރާތަކުން ބަޔަކާ ހަވާލުވެ ތިބޭއިރު، ހޮސްޕިޓަލެއް މެނޭޖް ކުރެވޭ ފެންވަރަށް ކަންކަން ކުރިއަށް ގެންދަންޖެހޭ ކަމަށް ނަޒްލާ ވިދާޅުވި އެވެ.
ސަރުކާރުން ނިންމާފައި ވަނީ ރާއްޖެ އިން ބޭރުން އަންނަ ދިވެހިން 14 ދުވަހަށް ކަރަންޓީންގައި ބޭތިއްބުމަށެވެ. އެ މީހުން ދޫކޮށްލާނީ ކޮރޯނާވައިރަސް އަށް ޓެސްޓް ކުރުމަށް ފަހު ސާމްޕަލް ނެގެޓިވް ކަމަށް ދެއްކުމުންނެވެ.
ރާއްޖެ އިން ކޮރޯނާވައިރަސް އަށް ޕޮޒިޓިވްވި ފަސް މީހުންނަކީ ވެސް ރާއްޖެ އިން ބޭރުން އައުމުން އެކިއެކި ކަރަންޓީން ފެސިލިޓީތަކުގައި ބައިތިއްބާފައި ތިބި މީހުންނެވެ. އޭގެ ތެރެއިން ހަތަރު މީހަކު އައީ އިނގިރޭސި ވިލާތުންނެވެ. ފަސް ވަނަ މީހާ އަކީ ފިލިޕިންސުން ރާއްޖެ ގެނައި 47 ދަރިވަރުންގެ ތެރޭގައި ހިމެނޭ މީހެކެވެ.
ނަޒްލާ ވިދާޅުވީ، ރާއްޖެ އަންނަ މީހުންގެ ތެރޭގައި އާސަންދަ ސްކީމްގެ ދަށުން ބޭރުން ބޭސްފަރުވާ ކުރާ މީހުން ވެސް ހިމެނޭ ކަމަށާއި އެ މީހުން ރާއްޖެ އަތުވެއްޖެ ނަމަ އެ ފަރުވާ ހުއްޓުމުގެ ރިސްކް ވެސް އޮންނަ ކަމަށެވެ.
"އެހެންވީމާ ވަޑައިގަންނަވާއިރު މި ކަމަށް ސަލާމުވެ، [ރާއްޖެ] އަށް ފުރުއްވުމުގެ ކުރިން، ފަރުވާ ދެއްވާ ޑޮކްޓަރުންނާ މަޝްވަރާ ކުރެއްވުމަށް ފަހު ނޫނީ ދަތުރު ނުކުރެއްވުން ވަރަށް މުހިންމު،" އޭނާ ވިދާޅުވި އެވެ.
ދާދި ފަހުން ވަނީ ސްރީ ލަންކާ އާއި އިންޑިއާގެ ޓްރިވެންޑްރަމާއި ކޮޗިންގައި ތިބި ދިވެހިންތަކެއް ރާއްޖެ ގެނެސްފަ އެވެ. އެއީ ބޭސްފަރުވާ އަށް އެންމެ ގިނައިން ދިވެހިން ދާ ދެ ގައުމެވެ.