13 އެޕްރީލް 2020 - 18:34

ރާއްޖޭގައި ތިބި ބަންގްލަދޭޝްގެ މަސައްކަތު މީހުންނަށް އެ ގައުމުގެ ސަރުކާރުން އެހީ ފޮނުވުމަށް ނިންމައިފި އެވެ.
އެނގިފައިވާ ގޮތުގައި ކާބޯތަކެއްޗާއި ސިއްހީ ބައެއް ސާމާނާއެކު ކަނޑުމަގުން އެހީގެ ބޯޓެއް، ބަންގްލަދޭޝްގެ ޑާކާއިން މި މަހުގެ 20ގައި ރާއްޖެ އަންނާނެ އެވެ.
ބަންގްލަދޭޝް ހައި ކޮމިޝަނުން ބުނީ ރާއްޖޭގައި ތިބި އެ ގައުމުގެ މަސައްކަތު މީހުންނަށް އެހީ ފޯރުކޮށްދިނުމާ ގުޅޭގޮތުން ދިވެހި ސަރުކާރާއެކު މިހާރު މަޝްވަރާ ކުރަމުން އަންނަ ކަމަށާއި އެކަމާ ގުޅޭގޮތުން މީޑިއާއަށް މައުލޫމާތު ދެވޭނީ ދެ ދުވަހެއްވަރު ފަހުން ކަމަށެވެ.
ބަންގްލަދޭޝްގެ ނޫސް ޑާކާ ޓްރިބިއުންގައި، އެ ގައުމުގެ ޑިޒާސްޓާ މެނޭޖްމެންޓް މިނިސްޓްރީއާ ހަވާލާދީ ބުނެފައިވާ ގޮތުގައި އެހީ ބޭނުންވާ މިންވަރު އެކުލަވާލީ، ބަންގްލަދޭޝްގެ ފޮރިން މިނިސްޓްރީން ދީފައިވާ މައުލޫމާތުގެ މައްޗަށެވެ.
''އަހަރުމެންނަށް އަދި ޔަގީނެއް ނޫން ރާއްޖޭގައި ޕޮޒިޓިވް ވެފައިވަނީ ކިތައް ބަންގްލަދޭޝް މީހުން ކަމެއް ވެސް އަދި އެހީ ބޭނުންވާ މިންވަރެއް ވެސް،" ޑިޒާސްޓާ މިނިސްޓްރީގެ ސީނިއާ ސެކްްރެޓަރީ އެމްޑީ ޝާހް ކަމާލް ވިދާޅުވެފައި ވެ އެވެ.
އެހީގެ ގޮތުގައި ރާއްޖެ ފޮނުވާނެ ކަމަށް އެ މިނިސްޓްރީން ބަލަނީ، ސާޅީހަކަށް ޓަނުގެ ހަނޑުލާއި ދިހަ ޓަނުގެ އަލުއްވާއި ކައްޓަލަ އާއި މުގާއި ފަސް ޓަނުގެ ފިޔަލާއި ބިހާއި ތަރުކާރީ އެވެ. އޭގެ އިތުރުން މާސްކާއި ސެނިޓައިޒާ ފަދަ ސާމާނު ކަމަށް އެ ނޫހުގައި ބުނެފައި ވެ އެވެ.
ރާއްޖޭގައި ލައްކައަކަށް ވުރެ ގިނަ ބިދޭސީން އުޅޭއިރު އޭގެ ތެރޭގައި ގިނައީ ބަންގްލަދޭޝްގެ މީހުންނެވެ. އަދި އެ މީހުން މާލޭގައި އުޅެނީ ތޮއްޖެހިގެން، ކުދިކުދި ތަންތަންކޮޅުގައި ކަމުން، ކޮރޯނާ ވައިރަސް ފަދަ ނުރައްކާތެރި ބައްޔެއް ފެތުރިއްޖެ ނަމަ، އޭގެ ނުރައްކާތެރިކަން ބޮޑުވާނެ އެވެ. އެހެންވެ، އިންސާނުން ދިރިއުޅެން އެކަށީގެން ނުވާ ގޮތަށް މާލޭގެ ކުދި ތަންތަންކޮޅުގައި ތޮއްޖެހިގެން ދިރިއުޅޭ ބިދޭސީން ބަދަލުކުރަން ހުޅުމާލެ އާއި ގުޅިފަޅުގައި ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދިނުމުގެ މަސައްކަތް ސަރުކާރުން ވަނީ ފަށައިފަ އެވެ.