13 އެޕްރީލް 2020 - 14:46

ވޮޝިންޓަން (އެޕްރީލް 13) - ކޮރޯނަވައިރަސް ކޮންޓްރޯލް ކުރުމަށް ލޮކްޑައުންފަދަ ފިޔަވަޅުތައް އެމެރިކާ އިން ކުރިން އެޅި ނަމަ އެ ގައުމުން އެތައް ބައެއްގެ ފުރާނަ ސަލާމަތް ކުރެވުނީސް ކަމަށް ނޭޝަނަލް އިންސްޓްޓިއުޓް އޮފް އެލާޖީ އެންޑް އިންފެކްޝަސް ޑިޒީޒްގެ ޑިރެކްޓަރު ޑރ. އެންތަނީ ފައުޗީ ވިދާޅުވެއްޖެ އެވެ.
"ދުރާލައި ރާވައިގެން ވަރަށް ކުރިން ބަންދުކޮށްލި ނަމަ މިއަދު ފެންނާނީ ތަފާތު މަންޒަރެއް،" ސީއެންއެން ދެއްވި އިންޓަވިއެއްގައި ފައުޗީ ވިދާޅުވި އެވެ.
ކޮރޯނާވައިރަސް ކޮންޓްރޯލް ކުރުމަށް އެމެރިކާގައި އުފައްދާފައިވާ ކޮމިޓީގައި ވެސް ހިމެނިވަޑައިގަންނަވާ ޑރ. ފައުޗީ ވަނީ ވައިޓް ހައުސްގައި ބާއްވާ ނޫސްވެރިންގެ ގިނަ ބައްދަލުވުންތަކެއްގައި ރައީސް ޑޮނަލްޑް ޓްރަމްޕާ އެކު މައުލޫމާތު ދެއްވައިފަ އެވެ. ނަމަވެސް ބައެއް ކަންކަމުގައި ވަނީ ޓްރަމްޕާ ޚިޔާލު ތަފާތުވެފަ އެވެ. ގައުމު ލޮކްޑައުން ކުރަން ފައުޗީ ބާރު އެޅުއްވި އިރު ޓްރަމްޕް ބޭނުންވީ އެކަމުން އިގްތިސާދަށް ގެއްލުންވާނެ ކަމަށް ވިދާޅުވެ ހުޅުވާލައިފައި ބޭއްވުމަށެވެ.
ސީއެންއެންގައި ފައުޗީ ދެއްކެވި ވާހަތަކާ މެދު ހިތްހަމަޖެހިވަޑައިނުގެން ޓްރަމްޕް ވަނީ ފައުޗީ މަގާމުން ދުރުކުރަން ޖެހިދާނެކަމުގެ އިންޒާރު ދެއްވައިފަ އެވެ.
ކޮރޯނާވައިރަހުގައި އެމެރިކާ އިން 200،000 މީހުން މަރުވާނެ ކަމަށް ފައުޗީ ކުރިން ވިދާޅުވި ނަމަވެސް ފަހުން، ވަނީ އަލަށް އެޅި ފިޔަވަޅުތަކާ އެކު، މަރުވާ މީހުންގެ އަދަދު 60،000 އަށް ވެސް ނާރާނެ ކަމަށް ވިދާޅުވެފަ އެވެ.
އެމެރިކާ އިން މިހާތަނަށް ވަނީ ކޮރޯނާވައިރަހަށް 560,433 މީހުން ޕޮޒިޓިވްވެ 22،115 މީހުން މަރުވެފަ އެވެ.