ކޮވިޑް-19: ބަލި ފެތުރޭ ނަމަ ރޯދަ މަހު ވެސް ނަމާދު ކުރަން ޖެހޭނީ ގޭގައި: ސައުދީ
ކޮވިޑް-19: ބަލި ފެތުރޭ ނަމަ ރޯދަ މަހު ވެސް ނަމާދު ކުރަން ޖެހޭނީ ގޭގައި: ސައުދީ

މައްކާ (އެޕްރީލް 13) - ކޮރޯނާވައިރަސް މުޅި ދުނިޔޭން ކޮންޓްރޯލް ނުވާ ނަމަ ރޯދަ މަހު ވެސް ސައުދީގެ މިސްކިތްތަކުގައި ޖަމާއަތުގައި ފަރުޟް ނަމާދު ކުރުމެއް އަދި ތަރާވީހު ނަމާދު ކުރުމެއް ނޯންނާނެ ކަމަށް އެ ގައުމުގެ އިސްލާމިކް އެފެއާޒް މިނިސްޓަރު ޑރ. އަބްދުއްލަތީފް ބިން އަބްދުލް އަޒީޒް އާލް ޝެއިޚް ވިދާޅުވެއްޖެ އެވެ.

އެމްބީސީ ޗެނަލް އަށް ދެއްވި އިންޓަވިއުއެއްގައި އާލް ޝެއިޚް ވިދާޅުވީ ތަރާވީހް ނަމާދަށް ވުރެ ފަރްޟް ނަމާދުގެ ޖަމާއަތް ސަސްޕެންޑް ކުރަން ޖެހުމަކީ މާބޮޑު ކަމެއް ކަމަށެވެ. އަދި ޝެއިޚުގެ ދުއާ އަކީ އަވަސް މުއްދަތެއްގައި މުޅި ދުނިޔެ އިން ކޮރޯނާވައިރަސް ފިލައިގެން ދިއުން ކަމަށް ވިދާޅުވި އެވެ.

"ތަރާވީހް ނަމާދު މިސްކިތުގައި ޖަމާއަތުގައި ކުރިއަސް އަދި ގޭގައި ކުރިއަސް އެ އަޅުކަން ގަބޫލްކޮށްދެއްވުމަށް އެދި މާތްﷲ އަށް ދުއާ ދަންނަވަން،" ޝެއިޚް ވިދާޅުވި އެވެ.

ކޮރޯނާވައިރަސް ކޮންޓްރޯލް ކުރުމަށް ކަމާބެހޭ ފަރާތްތަކުން އަޅާ ފިޔަވަޅުތަކަށް އެންމެން ވެސް ކިޔަމަންވެ ބޯލެނބުމަށް މިނިސްޓަރު ވަނީ އެދިވަޑައިގެންފަ އެވެ.

މިސްކިތްތައް ބަންދުކޮށްފައިވާ ދުވަސްވަރު ކަށުނަމާދު ކުރުމާ ބެހޭ ގޮތުން ޝެއިޚް ވިދާޅުވީ މިދުވަސްވަރު އެންމެ ރަނގަޅީ ވީހާވެސް މަދު ބަޔަކު ކަށުނަމާދުގެ ޖަމާއަތުގައި ބައިވެރިވުން ކަމަށެވެ. އަދި ބާކީ ތިބި މީހުން މައްޔިތާގެ މައްޗަށް ގޭގައި ކަށުނަމާދު ކުރެވިދާނެ ކަމަށް ވިދާޅުވި އެވެ.

ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމަށް ސައުދީގައި މިހާރު ވަނީ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލައިފަ އެވެ. އަދި ދެ ހަރަމްފުޅަށް ވެސް އާއްމުކޮށް ވަނުން ވަނީ މަނާކޮށްފަ އެވެ. ކޮރޯނާވައިރަސް ކޮންޓްރޯލްވުމުގެ އުއްމީދު ލިބެންދެން މި އަހަރުގެ ހައްޖުގެ ތައްޔާރީތައް ނުވެ މަޑުކޮށްލުމަށް ސައުދީގެ ހައްޖާއި އުމްރާއާ ބެހޭ މިނިސްޓަރު ޑރ. މުހައްމަދު ސޯލިހު ތޯހިރު ވެސް ވަނީ އެދިވަޑައިގެންފަ އެވެ.

ސައުދީން މިހާތަނަށް ވަނީ ކޮރޯނާވައިރަހަށް 4,462 މީހުން ޕޮޒިޓިވްވެ 59 މީހުން މަރުވެފަ އެވެ.