14 އެޕްރީލް 2020 - 07:49

ކޮރޯނާވައިރަސްގެ ނުރައްކަލާ އެކު، ވީޑިއޯ ކޮންފަރެންސިން އެޕް "ޒޫމް" ގެ މަގުބޫލުކަން ވަރަށް ބޮޑަށް އުފެލެމުން ދަނިކޮށް، އޭގެ ރައްކާތެރިކަމާ ދޭތެރޭ ސުވާލު އުފެދި، ގައުމުތަކުން އެ އެޕް މަނާކުރަން ފެށުމުން މައިކްރޮސޮފްޓް "ޓީމްސް" ގެ މަގުބޫލުކަން އިތުރުވާން ފަށައިފި އެވެ.
"ޓީމްސް" އަކީ ވެސް "ޒޫމް" ގޮތަށް ވީޑިއޯ ކޮންފަރެންސިން އެޕެކެވެ. ބިލް ގޭޓްސްގެ މައިކްރޮސޮފްޓުން "ޓީމްސް" ތައާރަފުކުރީ 2017 ގަ އެވެ. އެ އެޕް ބޭނުންކުރާ މީހުންގެ އަދަދު މިހާރު 20 މިލިއަނަށް އަރަ އެވެ.
މައިކްރޮސޮފްޓުން ބުނިގޮތުގައި އެތަނުގެ އެޕްގެ މަގުބޫލުކަން ފާއިތުވި މަހެއްހާ ދުވަހުގެ ތެރޭގައި އެތައް ގުނައަކަށް އުފުލިފައިވެ އެވެެ. އެގޮތުން މިދިޔަ މަހުގެ ތެރޭގައި އެކަނި ވެސް "ޓީމްސް" ބޭނުންކުރާ މީހުންގެ ނިސްބަތް 1،000 ޕަސަންޓަށް އުފުލިފައިވާ ކަމަށް ބުންޏެވެ. އަދި އެއް ދުވަހެއްގެ އެ އެޕް "މީޓިން މިނިޓްސް" 2.7 ބިލިއަނަށް އަރާފައިވާ ކަމަށް ބުންޏެވެ.
މައިކްރޮސޮފްޓް 365 ގެ ކޯޕަރޭޓް ވައިސް ޕްރެޒިޑަންޓް ޖެރެޑް ސްޕަޓާރޯ ވިދާޅުވީ ކަސްޓަމަރުން މިހާރު "ޓީމްސް" އަށް ދޭ ސަމާލުކަމަކީ ވަރަށް ފާހަގަކޮށްލެވޭ ކަމެއް ކަމަށެވެ.
"ވާޗުއަލް މީޓިންތައް ކުރިއަށް ގެންދެވޭ މންވަރާއި ކަސްޓަމަރުންގެ ތެރޭގައި ކަނެޓިވިޓީ އޮތް މިންވަރާއި ޓިމްސް އަށް ކަސްޓަމަރުން ކުރާ އިތުބާރަކީ މި ދަނޑިވަޅުގައި ވަރަށް ބޮޑަށް ފެންނަން އޮތް ކަމެއް." އޭނާ ވިދާޅުވި އެވެ.
ކޮރޯނާވައިރަހާ ދިމާކޮށް ގިނަ ބަޔަކު ގޭގައި ތިބެގެން މަސައްކަތްކުރަން ޖެހުމުން ވީޑިއޯ ކޮންފަރެންސިން ޕްލެޓްފޯމްތަކަށް ވަރަށް ބޮޑަށް ބާރު ބޮޑުވެފައިވެ އެވެ. އޭގެ ތެރޭގައި ޒޫމާއި ޓީމްސް އާއި ގޫގުލް މީޓާއި ސިސްކޯގެ އިތުރުން ފޭސްބުކް ހިމެނެ އެވެ.
"ޒޫމް" ގެ ސެކިއުރިޓީއާ ދޭތެރޭ އުފެދެން ފެށި ކަންބޮޑުވުންތަކާ އެކު ބޮޑެތި ކުންފުނިތަކާއި ގައުމުތަކުން މިހާރު ދަނީ އެޕް ބޮއިކޮޓްކުރަމުންނެވެ. ކުންފުނިތަކުގެ ތެރެއިން "ޒޫމް" މަނާކުރި ތަންތަނުގެ ތެރޭގައި ގޫގުލް އާއި ސްޕޭސް އެކްސް އާއި ސްމާޓް ކޮމިއުނިކޭޝަންސް ހިމެނެ އެވެ.