ކިންގްސްލީ ކޯމަން އަށް ބާސެލޯނާ ޝައުގުވެރިވޭ: ރިޕޯޓް
ކިންގްސްލީ ކޯމަން އަށް ބާސެލޯނާ ޝައުގުވެރިވޭ: ރިޕޯޓް

ބާސެލޯނާ (އޭޕްރިލް 13) – ބަޔާން މިއުނިކަށް ކުޅޭ ފްރާންސް ވިންގާ ކިންގްސްލީ ކޯމަން އަށް ބާސެލޯނާ އިން ޝައުގުވެރިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އުމުރުން 23 އަހަރުގެ ކޯމަން އަށް މި ސީޒަނުގައި ބަޔާނުން އެކަށީގެންވާ ފުރުސަތު ނުލިބޭތީ ކްލަބް ދޫކޮށްލަން އޭނާ ވެސް ހުރީ ބޭނުންވެފައި ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އެކަމަކު ބާސެލޯނާ އިން ކޯމަން އަށް ސީރިއަސް ބިޑެއް ކުރާނީ، އެ ޓީމުން ގެންނަން މަސައްކަތްކުރާ އިންޓަ މިލާނުގެ އާޖެންޓީނާ ފޯވާޑް ލޮޓާރޯ މާޓިނޭޒާއި ޕީއެސްޖީގެ ނޭމާގެ ތެރެއިން ކުޅުންތެރިޔަކު ނުގެނެވިއްޖެ ހާލަތެއްގައި ކަމަށްވެ އެވެ.

މީގެ ތެރެއިން މާޓިނޭޒްގެ ކޮންޓްރެކްޓް އުވާލަން 111 މިލިއަން ޔޫރޯ ދައްކަން ޖެހޭއިރު ނޭމާ ގެންނަން މަދުވެގެން 150 މިލިއަން ޔޫރޯ ހޭދަކުރަން ޖެހޭނެ އެވެ. ކޯމަން އަށް ހޭދަކުރަން ޖެހޭނީ ގާތްގަނޑަކަށް 60 މިލިއަން ޔޫރޯ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ފްރާންސްގެ ޕީއެސްޖީން 2013 ވަނަ އަހަރު ސީނިއާ ކެރިއަރު ފެށި ކޯމަން ވަނީ 2014 ގައި އިޓަލީގެ ޔުވެންޓަސް އަށް ވެސް ކުޅެފަ އެވެ. އޭނާ 2015 ގައި ބަޔާނަށް ބަދަލުވީ ދެ އަހަރުގެ ލޯނެއްގެ ދަށުންނެވެ. އޭގެ ފަހުން ދާއިމީ ކޮންޓްރެކްޓެއްގެ ދަށުން ބަދަލުވީ އެވެ.

ކޯމަން ވަނީ އޭނާގެ އުމުރުން 19 އަހަރުވީއިރު ޔޫރަޕުގެ ވަރުގަދަ ތިން ލީގެއްގެ ޗެމްޕިއަން ޓީމަށް ކުޅެ ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ. އޭނާ ވަނީ ފްރާންސް ގައުމީ ޓީމަށް މިހާތަނަށް 22 މެޗު ކުޅެދީފަ އެވެ. އެކަމަކު ފަހުން އަނިޔާގެ މައްސަލަތަކާ ހެދި އެއް ފެންވަރެއްގައި ފޯމް ދަމަހައްޓަން އުނދަގޫވި އެވެ.