ފެނަށް ޖެހިގެން 40 އަށްވުރެ ގިނަ ރަށުން އެހީތެރިކަމަށް އެދިއްޖެ
ފެނަށް ޖެހިގެން 40 އަށްވުރެ ގިނަ ރަށުން އެހީތެރިކަމަށް އެދިއްޖެ

މި ހޫނު ގަދަ ދުވަސްވަރު ފެނަށް ޖެހިގެން 40 އަށް ވުރެ ގިނަ ރަށުން އެހީތެރިކަމަށް އެދިފައިވާ ކަމަށް އެންވަޔަރްމަންޓް މިނިސްޓްރީން މިއަދު ބުނެފި އެވެ.

އެ މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ފެން ހުސްވެގެން މިދިޔަ ބުރާސްފަތި ދުވަހާ ހަމައަށް 48 ރަށަކުން ރިޕޯޓުކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން 27 ރަށަކަށް ފެން ފޯރުކޮށްދީފައިވާ ކަމަށް ވިދާޅުވި އެވެ.

ފެނަށް ޖެހޭ ރަށްރަށަށް، މިނިސްޓްރީން ފެން ފޯރުކޮށްދެމުން އަންނަނީ ފެނަކަ މެދުވެރިކޮށެވެ. އެ ކުންފުނިން މިހާތަނަށް ވަނީ 1،529 ޓަނުގެ ފެން އެ ރަށްތަކަށް ފޯރުކޮށްދީފަ އެވެ.

އެހީތެރިކަމަށް އެދިގެން ރިޕޯޓުކުރި އަތޮޅުތަކުގެ ތެރޭގައި ހިމެނެނީ ހއ، ހދ. ށ، ނ، ރ، ބ، ޅ، އއ، އދ، ވ، މ، ދ، ތ، ލ އަދި ގދ. އެވެ.

ހޫނު ގަދަ ދުވަސްވަރު ރަށްރަށުން ފެން ހުސްވުމުގެ މައްސަލަ އަބަދު ވެސް ދިމާވެ އެވެ.

ރަށްރަށުގައި ބޯ ފެން ރައްކާކުރާ މިންވަރާއި ފެން ރައްކާކުރާ ވަސީލަތްތަކުގެ ހާލަތު ދެނެގަނެ އެފަދަ ވަސީލަތްތައް ރަށްރަށުގައި ގާއިމްކުރުމާއި ފެން ފޯރުކޮށްދިނުމުގެ މަސައްކަތް ބަލަހައްޓާނީ އެންވަޔަރްމަންޓް މިނިސްޓްރީންނެވެ.