އިޓާލިއަން ލީގު: އަންނަ ޖެނުއަރީއާ ހަމަޔަށް ސަޕޯޓަރުން ނުވައްދާނެ؟
އިޓާލިއަން ލީގު: އަންނަ ޖެނުއަރީއާ ހަމަޔަށް ސަޕޯޓަރުން ނުވައްދާނެ؟

މިލާން (އޭޕްރިލް 13) – ކޮރޯނާވައިރަހާ ގުޅިގެން މެދުކަނޑާލާފައިވާ އިޓާލިއަން ލީގު އަންނަ މަހުގެ ފަހުކޮޅު އަލުން ފެށި ނަމަވެސް އަންނަ އަހަރުގެ ޖެނުއަރީއާ ހަމަޔަށް ސަޕޯޓަރުން ދަނޑަށް ނުވައްދާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ކޮރޯނާވައިރަހުގެ އަސަރު އެންމެ ބޮޑަށްކޮށްފައިވާ އިޓަލީގެ ހާލަތު މަޑުމަޑުން އަންނަނީ ރަނގަޅުވަމުންނެވެ. އެހެންވެ އަންނަ މަހުގެ 4 ވަނަ ދުވަހުން ފެށިގެން ލޮކްޑައުންގެ ހާލަތަށް ބަދަލެއް ގެނެސް ޓީމުތަކަށް ތަމްރީން ފެށުމުގެ ފުރުސަތު ދޭނެ ކަމަށް ބެލެވެ އެވެ. މާނައަކީ އަންނަ މަހުގެ ފަހުކޮޅު ލީގު ފެށުމުގެ ފުރުސަތު އޮތުމެވެ.

ކުރިން ވެސް ލަފާކުރެވިފައި އޮތީ ލީގު އެހާތަނުގައި ފެށި ނަމަވެސް ކުރީކޮޅު މެޗުތައް ކުޅޭނީ ސަޕޯޓަރުން ނުވައްދާ ކަމަށެވެ. އެކަމަކު ލީކުވެފައިވާ ސަރުކާރުގެ ލިޔުމަކާ ހަވާލާދީ އިޓަލީގެ މީޑިއާއަކުން ރިޕޯޓްކުރި ގޮތުގައި އަންނަ އަހަރުގެ ޖެނުއަރީއާ ހަމަޔަށް ކުޅޭނީ ސަޕޯޓަރުން ނުވައްދަ އެވެ. އެއީ މި ސީޒަނުގެ ބާކީ ބައިގެ އިތުރުން އަންނަ ސީޒަނުގެ ވެސް ގާތްގަނޑަކަށް ދެބައިކުޅަ އެއްބައިގެ މުއްދަތެވެ.

ސަޕޯޓަރުން ނުވައްދާ ނަމަ ޓީމުތަކަށް ވަރަށް ބޮޑު އާމްދަނީއެއް ގެއްލޭނެ އެވެ. އެކަމަކު ސަޕޯޓަރުން ނުވައްދާ ވިޔަސް ކުޅޭ ނަމަ ޓީވީ ރައިޓްސް ވިއްކައިގެން އާމްދަނީ ހޯދުމުގެ ފުރުސަތު ޓީމުތަކަށް ލިބޭނެ އެވެ.

މި ސީޒަނުގެ އިޓާލިއަން ލީގުގައި ބާކީ އޮތް ބައިގައި، އަށް ޓީމަކުން 13 މެޗު ކުޅެން ޖެހެ އެވެ. ބާކީ ޓީމުތަކަށް އޮތީ 12 މެޗެވެ. އަދި އިޓާލިއަން ކަޕުގެ ސެމީ ފައިނަލުގެ ދެ ވަނަ ލެގުގެ މެޗުތަކުން ފެށިގެން ފައިނަލާއި އަދި ޔޫރަޕުގައި އިޓަލީގެ ހަތަރު ޓީމެއް ކުޅެން ޖެހޭ މެޗުތައް އެބައޮތެވެ.