ކޮވިޑް-19: ޗައިނާގައި ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަނީ
ކޮވިޑް-19: ޗައިނާގައި ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަނީ

ބެއިޖިން (އެޕްރީލް 13) - ޗައިނާގައި ކޮރޯނާވައިރަސް ވަރަށް ބޮޑަށް ކޮންޓްރޯލްކޮށްފައި ވަނިކޮށް އެ ގައުމުން ޕޮޒިޓިވްވާ މީހުންގެ އަދަދު އަނެއްކާވެސް އިތުރުވާން ފަށައިފި އެވެ.

ޗައިނާ އިން ޕޮޒިޓިވްވި ކަމަށް އިއްޔެ ވަނީ 108 ކޭސް ރިޕޯޓްކޮށްފަ އެވެ. މިއީ ވޭތުވެދިޔަ ހަ ހަފުތާ ތެރޭ އެންމެ ގިނައިން ރިޕޯޓްކުރި ދުވަހެވެ. ޗައިނާގައި ޕޮޒިޓިވްވެގެން އާދިއްތަ ދުވަހު ރިޕޯޓްކުރި 108 ކޭސްގެ ތެރޭން 98 މީހުންނަކީ ބޭރުން އައި މީހުންނެވެ. ހޮނިހިރު ދުވަހު ވަނީ ޕޮޒިޓިވް 98 ކޭސް ރިޕޯޓްކޮށްފަ އެވެ. ޗައިނާގައި އާދިއްތަ ދުވަހު ވަނީ ދެ މީހުން މަރުވެފަ އެވެ. އެހެންވެ ޗައިނާގައި ދެ ވަނަ ރާޅެއްގެ ބިރު ވަނީ ބޮޑުވެފަ އެވެ. ޗައިނާގައި ބިރު ބޮޑީ ބޭރުން އަންނަ ޗައިނާ މީހުންގެ ފަރާތުން ބަލި ފެތުރިދާނެތީ އެވެ.

ގައުމުން ބޭރުން އަންނަ މީހުންގެ ތެރޭން ޕޮޒިޓިވްވާ ރޭޓް މަތިވުމުން ޗައިނާ އިން މިހާރު ވަނީ ރެސިޑެންޓް ޕާމިޓް ނުވަތަ ވިސާ އޮތް ނަމަވެސް އެއްވެސް ބިދޭސީއަކު ޗައިނާ އަށް އެތެރެވުން ވަގުތީ ގޮތުން މަނާކޮށްފަ އެވެ. ޗައިނާ އަށް އެތެރެވާ އެ ގައުމުގެ މީހުން ވެސް 14 ދުވަހުގެ މުއްދަތަށް ކަރަންޓީނުގައި ބަހައްޓަ އެވެ.

ޗައިނާގައި މިދިޔަ ޑިސެމްބަރު މަހު ފަހުކޮޅު ކޮރޯނާވައިރަސް ފެނުނު ވޫހާން ސިޓީ ވަނީ 11 ހަފުތާ އަށް މި މަހު 8 ވަނަ ދުވަހު ހުޅުވާލައިފަ އެވެ.

ޗައިނާގައި މިހާތަނަށް ވަނީ 82،160 މީހުން ޕޮޒިޓިވްވެ 3،341 މީހުން މަރުވެފަ އެވެ.