14 އެޕްރީލް 2020 - 11:28

މެޑްރިޑް (އެޕްރީލް 14) - ޔޫރަޕުގައި އެންމެ ހަލުވިކަމާ އެކު ކޮރޯނާވައިރަސް ފެތުރުނު ސްޕޭނުން ޕޮޒިޓިވްވާ މީހުންގެ އަދަދު ކުޑަ ތަންކޮޅެއް ދަށަށް ދާން ފެށުމާ އެކު ފިޔަވަޅުތަކަށް ލުއި ދޭން ފަށައިފި އެވެ.
އިގްތިސާދު ހުއްޓުމަކަށް އައުމުން ސަލާމަތް ކުރުމަށްޓަކައި މެނުފެކްޗާރިން، ކޮންސްޓްރަކްޝަން އަދި އިތުރު ބައެއް ޚިދުމަތްތައް ހުޅުވާލަން މިހާރު ވަނީ ނިންމައިފަ އެވެ. ނަމަވެސް ސޭފްޓީ ގައިޑްލައިންސްތަކާ އެކު އެވެ. މަސައްކަތަށް ނުކުންނަ މީހުން ފިޔަވައި އިތުރު މީހުން ތިބެން ޖެހޭނީ ގޭގަ އެވެ.
ސްޕޭނުގެ ހެލްތު މިނިސްޓްރީން ބުނީ މަރުވާ ރޭޓް މަޑުމަޑުން ދަށްވާން ފަށާފައިވާ ކަމަށެވެ. ވޭތުވެދިޔަ 24 ގަޑިއިރުތެރޭ މަރުވެފައި ވަނީ 517 މީހުންނެވެ. އާދިއްތަ ދުވަހު ވަނީ 619 މީހުން މަރުވެފަ އެވެ.
"ކޮރޯނާވައިރަހުން އަދި ކާމިޔާބެއް ނުލިބޭ. އަޅުގަނޑުމެން މަގުތަކަށް ނުކުންނަން ވެސް ބޭނުންވޭ. އެކަމަކު އެއަށްވުރެ ބޮޑަށް މި ހަނގުރާމައިން ކާމިޔާބު ހޯދުން މުހިންމު،" ސްޕޭނުގެ ބޮޑު ވަޒީރު ޕެޑްރޯ ސަންޗޭޒް ވިދާޅުވި އެވެ.
މާޗް 27 ވަނަ ދުވަހު ސްޕޭނުން އެޅި ބައެއް ފިޔަވަޅުތަކަށް ހޯމަ ދުވަހު ވަނީ ލުއިތަކެއް ދީފަ އެވެ. އޭގެ ތެރޭގައި ގޭގައި ނުކުރެވޭ މަސައްކަތްތައް ކުރުމަށް އޮފީހަށް ދިއުމުގެ ހުއްދަވަނީ ދީފަ އެވެ.
ޔޫރަޕުގައި އެންމެ ހަލުވިކަމާ އެކު ކޮރޯނާވައިރަސް ފެތުރުނު އިޓަލީ އާއި ފްރާންސް އިން ވެސް މިހާރު ވަނީ މަރުވާ މީހުންނާއި ޕޮޒިޓިވްވާ މީހުންގެ އަދަދު ދަށްވާން ފަށައިފަ އެވެ. މެއި 3 ވަނަ ދުވަހާ ހަމައަށް އިޓަލީގެ ލޮކްޑައުން އިތުރުކޮށްފައިވީ ނަމަވެސް އަންގާރަ ދުވަހުން ފެށިގެން ބައެއް ވިޔަފާރިތައް ހުޅުވާލުމުގެ ހުއްދަ ވަނީ ދީފަ އެވެ. ނަމަވެސް ފެކްޓަރީތައް ހުޅުވުމުގެ ހުއްދައެއް ނުދެ އެވެ.
ފްރާންސްގެ ލޮކްޑައުން މުއްދަތު ވަނީ މެއި 10 އަށް އިތުރުކޮށްފަ އެވެ.
ސްޕޭނުން މިހާތަނަށް ވަނީ 170،099 މީހުން ޕޮޒިޓިވްވެ 17،756 މީހުން މަރުވެފަ އެވެ.